އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު މާލޭގެ ގެސްޓް ހައުސްއަކަށް ގެންގޮސް ރޭޕްކުރި މައްސަލާގައި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މިދިޔަ މަހު 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އަނީސް ހައްޔަރު ކޮށްފައިވަނީ އޭގެ ދެ ދުވަސް ފަހުންނެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމް ކޮށްގެން މާލޭ ގެސްޓްހައުސްއަކަށް އެކުއްޖާ ގެންގޮސް، ޖިންސީ ގޯނާ ކުރި މައްސަލަ އާއި އެ މައްސަލައާ އަނީސްގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ މައްސަލައިގައި އަނީސްގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ.

މި ދައުވާތަކުގެ ތެރެއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށް ސާބިތުވެއްޖެނަމަ 14-10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާގައި 10 އަހަރުގެ ޖަލު ހުކުމެއް އަދި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތިވެއްޖެ ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރެވޭނެއެވެ.

ގާނޫނުގައި ބުނާ ގޮތުން ކުޑަ ކުއްޖަކު ގްރޫމް ކުރުމަކީ ޖިންސީ އަމަލެއް އެ ކުއްޖާއާމެދު ހިންގުމަށްޓަކައި އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމްކޮށް، ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.