ރިޕޯޓް

މަޖިލިސް ރައީސްގެ މައްސަލަ ބެލި ހިސާބުން އޭސީސީ ވެސް ހޫނުފެނަށް

އިބްރާހިމް ޒަކީ

11

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދުފުޅަކީ، ކޮރަޕްޝަން ނައްތައިލުމެވެ. އެހެންކަމުން ރައީސް ކަމަށް ވަޑައިގެން މާގިނަ ދުވަސްތަކެއް ނުވެ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން ފެއްޓެވިއެވެ.

އެއާއެކު ހުރިހާ ފަރާތަކުންވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފެށިތަން ފެނިގެންދިޔައެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުން އެކަމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ. ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިސް ނެންގެވުމުގެ މަތިން ވެސް، ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތް ފަދަ ބޮޑެތި ހިޔާނާތުގެ މައްސަލަތައް މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން ބެލުމާއި، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށްގެން ކުރާ މަސައްކަތްތައް ފާހަގަ ކޮށްލެވެއެވެ. އޭގެ އިތުރުން ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދު ކުރުމަށް ގާނޫނުތަކަށް ގެންނަ އިސްލާހުތަކާއި، ކަމާބެހޭ މިނިވަން މުއައްސަސާތަކަށް މަޖިލީހުން ގެންނަ ބަދަލުތައް ވެސް ފާހަގަ ކޮށްލެވެއެވެ.

އެގޮތުން އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަކީ އިތުބާރު އޮތް، ޖެހިލުންކުޑަކަމާއެކު، އެތަނުން ބަލަން ޖެހޭ މައްސަލައަކީ ކޮންމެ ފަރާތަކާ ގުޅުން އޮތް މައްސަލައެއް ނަމަވެސް ބަލަން ފަސް ނުޖެހޭ ގޮތަށް ގެނައި ބަދަލު ފާހަގަކޮށްލެވެއެވެ. މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އޭސީސީއަށް އާ މެންބަރުންތަކެއް އައްޔަން ކުރުމަށް ރުހުން ދިނުމާ ގުޅިގެން އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުން އައްޔަން ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.

މެންބަރުން މަގާމާ ހަވާލު ވުމަށްފަހު، 15 އޮކްޓޫބަރުގައި ބޭއްވި އެ ކޮމިޝަނުގެ ނިއުސް ކޮންފަރެންސްގައިވެސް، ކޮމިޝަނަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދައިދީ، ނުފޫޒަކަށް ނުގުޑައި ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މެންބަރުން ދެއްވިއެވެ. މަސައްކަތްތަކުގައި އޭސީސީން އިސްކަންދޭނެ ކަންކަންތައްތައްވެސް އެދުވަހު ކޮމިޝަން މެންބަރުން ވިދާޅުވެދެއްވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ނަތީޖާ ނެރެދިނުމާއި، އާއްމުންނާ ގުޅުން ހުރި ނުވަތަ އަސާސީ ހިދުމަތްތައް ދޭ ދާއިރާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ރިސްކް ކުޑަކުރުމާއި، ކުރިޔަށް އޮތް ފަސް އަހަރަށް ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމުުގެ އިތުރުން ކޮރަޕްޝަން ރިސްކް އެސެސްމެންޓްތައް ހަދައި އިސްލާހުކުރަން އެންގުމާއި، އެކި ދާއިރާތަކަށް އަމާޒުކޮށްގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމެވެ.

ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ހޯދައިގެން ކޮރަޕްޝަން ނައްތައިލުމަށް އޭސީސީން މަސައްކަތް ފަށައި އަހަރެއް ނުވަނީސް އެ ކޮމިޝަނަށް މިވަނީ، ބޮޑު މައްސަލައަކާ ކުރިމަތި ވެފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް އޭސީސީން ބެލުމެވެ. އެ މައްސަލައަކީ އާންމު ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައެކެވެ.

މިދިޔަ ފެބްރުއަރީ މަހު ހުށަހެޅި މި މައްސަލަގައި ބުނެފައިވަނީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުން ކުރެއްވި ކަމަށެވެ.

އެ މައްސަލަ ބެލުމަށްފަހު، އޭސީސީން ބުނެފައި ވަނީ އޮކްޓޯބަރު މަހު ގއ. ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ނިންމާލުމަށް ފަހު މާލެ ވަޑައިގެންނެވުމުގެ ބަދަލުގައި، މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވެވަޑައިގަތުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަތުރު ކުރެއްވުމުގެ ސަބަބުން ޓިކެޓަށް އިތުރަށް 444 ރުފިޔާ ހަރަދު ކުރައްވާފައިވާ ކަމަށެވެ. އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އޭސީސީން އެންގިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، (މިދިޔަ ޖޫންމަހުގެ 15 ގައި) އެ ކަމާބެހޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އޭސީސީއަށް ހުށަހެޅި މައްސަލައާ ގުޅިގެން، މަޖިލީހަށް ދައްކަން އެންގި ފައިސާ އެމަނިކުފާނު ދައްކަވާފައިވާ ކަމަށެވެ.

ނަމަވެސް އެއަށްފަހު މަޖިލީހުގެ ކޮމިޓީތަކުން އޭސީސީ މެންބަރުނަށް ކުރިމަތިވާ ސުވާލުތައް ހޫނުވެފައި ވަރުގަދައެވެ.

އާއްމު ރައްޔިތަކު ހުށަހެޅި އެ މައްސަލަ އޭސީސީން ބަލައިފިއެވެ. އޭސީސީިން އެންގި ފައިސާވެސް މަޖިލިސް ރައީސް ނަޝީދު ދައްކަވައިފިއެވެ. ނަމަވެސް އެކަންކަން ނިމިދިޔައިރު، އޭސީސީ މިހާރު އޮތީ ކޮންތާކުތޯ ބަލައިލާން ޖެހެއެވެ. އޭސީސީ މިހާރު އޮތީ ހޫނު ފެނުގައެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީގެ މެންބަރުން ތިއްބެވީ ހޫނު ފެނުގައިކަން އެނގެނީ، ރައީސް ނަޝީދުގެ މައްސަލަ ތަންފީޒު ކުރި ފަހުން، އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ކިބައިން އޭސީސީއަށް އަންނަ އިންޒާރުތަކުންނެވެ.

އެ މައްސަލަޔަށްފަހު ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ، އޭސީސިއަށް އޮތް އިތުބާރު މިހާރު ގެއްލިފައިވާ ކަމަށެވެ. އާޒިމް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުގެ މައްސަލަތައް ބެލުމުގެ ބަދަލުގައި އޭސީސީން ބަލަނީ މި ސަރުކާރުގެ މައްސަލަތައް ކަމަށެވެ.

އެންމެ ވަރުގަދަ އިންޒާރުތަކާ އޭސީސީގެ މެންބަރުންނަށް ކުރިމަތިލާން ޖެހުނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މިދިޔަ ހަފްތާގައި އޭސީސީސީގެ މަސައްކަތާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއެއްގައި ބަހުސް ކުރިއެވެ. އެއް ކޮމިޓީއަކީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއެވެ. އަނެއް ކޮމިޓީއަކީ، ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އެވެ.

އެސްއޯއީ ކޮމިޓީގައި އޭސީސީއާ މެދު ބަހުސް ކުރީ އެ ކޮމިޓީއަށް ކޮމިޝަންގެ މެންބަރުންވެސް ހާޒިރުކޮށްގެންނެވެ.

އޭސީސީގައި ހުރި މައްސަލަތަކަށް ވީނުވީ ނޭނގޭ ކަމަށް ބުނެ ގިނަ މެންބަރުންތަކެއް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި، އަޑުއުފުލާފައިވާއިރު، އެ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެސް ވީ، މަޖިލީސް ރައީސްގެ މައްސަލަ އަވަހަށް ނިންމައި، އެމްއެމްޕީއާރުސީ ފަދަ ހިޔާނާތުގެ ބޮޑެތި މައްސަލަތައް ލަސްވަމުން ދާ މައްސަލައެވެ.

އެންމެ ފަހުން ކޮމެޓީން ފާސްކުރީ އޭސީސީގެ ހާއްސަ އޮޑިޓެއް ހަދަންށެވެ. އެ ކޮމިޓީގައި ބައެއް މެންބަރުން ވަނީ އޭސީސީ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.

އެގޮތުން ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ފަހުން، އޭސީސީ އަށް އައްޔަން ކުރި މެންބަރުން ފެއިލްވެއްޖެ ކަމަށާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅޭ ގިނަ ތަފްސީލުތައް ވެސް އެ ކޮމިޝަނުން ކަމާބެހޭ ފަރާތްތަކަށް ނުދޭ ކަމަށެވެ.

އޭސީސީގެ މެންބަރުން ހާޒިރުކޮށްގެން ކުރިޔަށް ގެންދިޔަ އެސްއޯއީ ކޮޓީގައި މައްސަލަ އިތުރަށް ހޫނުވެގެންދިޔައެވެ. އެ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެލި މައްސަލައިގައި އޭސީސީގެ މެންބަރުންނަށް ގިނަ ސުވާލު ތަކަކާއި ވަރުގަދަ އިންޒާރުތަކެއް ކުރިމަތި ވިއެވެ.

މެންބަރުން ވިދާޅުވީ، މަޖިލިސް ރައީސްގެ މައްސަލަ ކޮމިޝަނުން ބެލީ އަވަސް އަރުވާލައިގެން ކަމަށެވެ. އަދި ކުރީ ސަރުކާރުގެ ގިނަދުވަސްވީ ބޮޑެތި މައްސަލަތައް ހުއްޓައި އެކަން ނުބަލައި، މި ސަރުކާރުގެ ކިތަންމެ ކުޑަ މައްސަލައެއް ހުށަހެޅޭއިރަށް އަވަސް އަރުވާލައިގެން އޭސީސީން ބަލަމުން އަންނަ ކަމަށްވެސް މެންބަރުން ތުހުމަތު ކުރެއްވިއެވެ.

މަޖިލިސް ރައީސްގެ މައްސަލައިގައި، އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، ކޮމިޝަންގައި މަސައްކަތް ހިނގާގޮތަކީ، ކޭސްއެއް ނިމިގެން މެންބަރަކާ ހަމަޔަށް އައުމުން އެ މައްސަލައެއްގެ ރިޕޯޓް އަވަހަށް ނެރުން ކަމަށާއި، އެގޮތުގެމަތިން މަޖިލިސް ރައީސްގެ މައްސަލަޔަކީ ސާފު މައްސަލައެއް ކަމަށާއި އެ މައްސަލައަކީ މާބޮޑު ކަމެއް އޮތް މައްސަލައަކަށް ނުވާތީ އެ މައްސަލަ ބަލައި ނިންމައި އެގޮތަށް ކުރިއަށް ދިޔައީ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ އެކި އިދާރާތަކުގެ އިސް ބޭފުޅުނަށް ތުހުމަތުކޮށް މައްސަލަތައް ހުށަހަޅާއިރު، މީހެއްގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅިފައި ގިނަ ދުވަސް ވަންދެން އޭސީސީގައި އޮންނަން ބޭނުން ނުވާ ކަމަށާއި، ރައީސް ނަޝީދުގެ ކޭސްއަކީ އެގޮތުގެމަތިން ކުރިޔަށްދިޔަ ކޭސްއެއް ކަމަށްވެސް ވިދާޅުވިއެވެ.

"ވަރަށް ގިނަ މެންބަރުން ތަކުރާރުކޮށް އެބަ ފާހަގަ ކުރައްވާ ރައީސް ނަޝީދުގެ ކޭސްގެ ވާހަކަ. އަސްލު އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޭސްއެއްވެސް ނޫން. އެއީ އިދާރީ ކޭސްއެއް، އެކަމަކު މިކޭސްގައިވެސް އަޅުގަނޑު ފާހަގަކޮށްލާނަން، އޭސީސީގައި ތަހުގީގު ނިންމައިފަ، "އަޅުގަނޑުމެން ޕުޝް ކުރަނިކީނޫން ވަކި ކޭސްއެއް" ތަންކޮޅެއް ސިންޕަލްކޮށް ވަރަށް އާދައިގެ ކޭސްތައް ވަަރަށް އަވަހަށް މެންބަރުންގެ މޭޒު ދޮށަށް އަންނާނެ، އެ ކޭސް ބަލައި ނިމުނީމަ، އަޅުގަނޑުމެންގެ މޭޒު ދޮށަށް އައީމަ އަޅުގަނޑުމެން ނުބަލަން އެއީ ކޮންފަރާތެއްތޯއެއް، ހަމަ އިވޭލުވޭޝަން ތަހުގީގު ނިންމާފަ މޭޒުދޮށަށް އަންނައިރަށް އަޅުގަނޑުމެން ރިޕޯޓް ނެރެން. އެގޮތަށް ދިޔަ ކަމެއް އެއީ، މަޖިލީހަށް ފުރަތަމަ އައިދުވަހު ވެސް އަޅުގަނޑު ފާހަގަކުރި ކަމެއް، އެއީ ދައުލަތުގެ އެކި އިދާރާތަކުގެ އިސް ބޭފުޅުނަށް ތުހުމަތު ކޮށްފަ ވަރަށް ބައިވަރު ކޭސްތައް އޭސީސީއަށް އަބަދުވެސް ހުށަހެޅޭ، އެއީ ވރަށް ސިމްޕަލް ކޭސްއެއްކަމަށް ވަންޏާ ވަރަށް އަވަހަށް ތަހުގީގުކޮށް ނިންމާލެވޭ، އަޅުގަނޑުމެން ބޭނުމެއް ނުވޭ، މީހެއްގެ ބޮލުގަ ބޮޑު އިލްޒާމެއް އެޅިފަ ވަރަށް ގިނަދުވަސް ވަންދެން އޭސީސީގަ އޮންނާކަށް، ހަމަ އެނިޔަތުގައި ވަރަށް އަވަހަށް އޭސިސީއަށް ބަލައި ނިމުނު ކޭސްއެއް އެއީ،" އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވިއެވެ.

އޭސީސީގެ އެހެން މެންބަރުން ވިދާޅުވީ، ރައީސް ނަޝީދުގެ މައްސަލައަކީ ވަރަށް ސާފުކޮށް އޮތް މައްސަލައެއް ކަމަށާއި، އެ މައްސަލައިގައި، އޭސީސީން އެދުނު ޑޮކިއުމެންޓްތައް މަޖިލީހުން ފޮނުވުން އަވަސް ވުމާއި، އެއީ އިދާރީ މައްސަލަޔަކަށް ވުމުން މައްސަލަ ނިންމުމަށް ފަސޭހަވެގެން ދިޔައީ ކަމަށެވެ. އެ މައްސަލަ ނިންމާފައި ވާނީ، ކޮރަޕްޝަން ނެތް އިދާރީ މައްސަލައެއްގެ ގޮތުގައި ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލައިގައި މަޖިލިސް މެންބަރުންގެ އިންޒާރު އޭސީސީގެ މައްޗަށް ކުޑައެއް ނުވިއެވެ.

އެންމެފަހުން ކޮމިޝަންގެ މެންބަރުން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ކޮމެޓީގެ މެންބަރުން އޭސީސީގެ މެންބަރުންނަށް ދެއްވިއެވެ. އޭސީސީ މެންބަރުންނަށް އިންޒާރު ދެއްވައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު ވިދާޅުވީ، އޭސީސީގެ މެންބަރުން ފެއިލް ވެއްޖެ ކަމަށާއި، މިހާރަށް ވުރެ ހަރުދަނާކޮށް ނޫޅުއްވަންޏާ ކޮމިޝަންގެ މެންބަރުންނާ މެދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިތުރު ގޮތަކަށް ނިންމަން ޖެހިދާނެ ކަމަށެވެ.

"މިހާރަަށް ވުރެ، ހަރުދަނާކޮށް ތިޔަބޭފުޅުން ނޫޅުއްވާ ކަމަށް ވަންޏާ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިތުރު ގޮތަކަށް މިކަން ޖެހޭނީ ނިންމަން،" މިނިވަން މުއައްސަސާތަކާބެހެ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ މެންބަރު ހަލީމު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ބައެއް މެންބަރުން ވިދާޅުވީ، މިހާރު އޮތް އޭސީސީއަކީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ރުހުމާއެކު އެކުލަވައިލި ކޮމިޝަނެއް ނަމަވެސް ކޮމިޝަނުގެ އުމުރުން އަހަރެއް ނުވަނީސް ކޮމިޝަން ހޫނުފެނަށް ވެއްޓިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ކޮމިޝަންތަކުގެ މެންބަރުން ބަދަލު ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެެއިން ދެން އޮތީ އޭސީސީގެ މެންބަރުން ބަދަލު ކުރުން ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވިއެވެ.