ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަަލަތަކާ ބެހޭގޮތުން ހަގީގަތް ނޯޅޭގޮތަށް ވާހަކަ ދެއްކުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކޮށްފިއެވެ.
އެކަމަށް އިލްތިމާސްކޮށް އެ ސާވިސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުުނެފައިވަނީ، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި، ޖިންސީ ފުރައްސާރައާ ދެކޮޅަށް ބައެއް ފަރާތްތަކަށް މަސައްކަތް ކުރަން ޖެހުނީ، ފުލުހުން، ޒިންމާ އަދާ ނުކުރާތީ ކަމަށް ބުނެ މީޑިއާގެ ބައެއް ވަސީލަތްތައް މެދުވެރިކޮށް ވާހަކަ ދައްކަމުންދާ ކަމަށެވެ. އެ އީ ފުލުހުން އިންތިހާއަށް ކަންބޮޑު ވާ ކަމެއްކަމަށް ވެސް ބުނެފައި ވެއެވެ.
ކޮންމެ ކަމެއްގައިވެސް ޒިންމާދާރު ގޮތަކީ އެކަމެއްގެ ފުރިހަމަ މައުލޫމާތު، އެކަމަކާ ގުޅޭ ފަރާތްތަކުން ސާފު ކުރުމަށް ފަހު، އެކަމަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ކަމަށްވެސް ބުނެފައި ވެއެވެ.
"ކުޑަ ކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި، ޖިންސީ ފުރައްސާރަ ކުރުން ފަދަ މުޖުތަމައުގެ ކަންބޮޑުވުން ވަރަށް މަތީ ތަރަޖައަކަށް އޮތް މިފަދަ ހައްސާސީ ކަންކަމުގައި، ވަކިން ހާއްސަކޮށް ކަމުގެ ހަގީގަތް ނޯޅޭ ގޮތަށް ވާހަކަ ދެއްކެވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން،" ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކުޑަކުދިންނާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ޖިންސީ ގޯނާ ކުރުމާއި، ޖިންސީ ފުރައްސާރަ އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި މަތިކޮށްފައިވާ ގާނޫނީ ޒިންމާތައް އަދާ ކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި، އިސް ސަފުގައި ފުލުހުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ. މި ރޮނގުން އެކި ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ދެެވެން އޮތް އެންމެ ފުރިހަމަ އެއްބާރުކުމެއް ދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން "ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާ އާއި ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް އިތުރުވަމުން ދާ މި ދަނޑިވަޅުގައި، މިފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިވަޑައިގެންފިނަމަ އެކަން މި ސާވިސްގެ ފެމިލީ ޗައިލްޑް ޕްރޮޓެކްޝަންގެ ފޯނު ނަންބަރު 3000600 އަށް ނުވަތަ ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ހުށަހެޅުމަށް އެދޭ،" ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް