އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި މަޝްވަރާކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމަކީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމާއި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރރިކޮށް ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އެ ފަރާތްތަކުގެ އަޑު އުފުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާތައް ހުއްޓުވުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަތުމަށާއި މި ނިޒާމްގައި ހުރި ބާގަނޑުތައް ދެނެގަނެ އެންމެން ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމަކާ ދިމާއަށް ދިއުމާއި އެފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތަކީ އެއް މުއައްސަސާއަކަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށާއި އެކަން ހުއްޓުވޭނީ މުޖުތަމައުގެ އަފްރާދުންނާއި، އަމިއްލަ ޖަމިއްޔާތަކާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ޔުނިސެފާއި އެޓާނީ ޖެނެރަލް އޮފީހާއި ޕީޖީ އޮފީސް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން މަދަނީ ޖަމިއްޔާތަކުން ބައިވެރިވެފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު