ލޮކްޑައުންގެ ހާލަތަށް ދިން ލުއިތަކާ ގުޅިގެން ނުކުތް ނަތީޖާތަކަށް ބަލައި، ކުރިއަށް އޮތް ދުވަސްތަކުގައި އަމަލު ކުރަން ނިންމާފައިވާ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކަމާބެހޭ އިދާރާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު ހަވީރު އެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އާންމު ދިރިއުޅުން ބަހައްޓަންވީ ގޮތްތަކާއި މީހުން ހޭލުންތެރިވެ ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ސިއްހީ ދާއިރާއިން މިކަމަށް ވަމުން އަންނަ ތައްޔާރީތަކާއި ދިމާވާ ގޮންޖެހުންތަކުގެ އިތުރުން މި ކަންކަމުގައި ކުރިއަށްދާނެ ގޮތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގެ ބައިވެރީންނާ ރައީސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ކެބިނެޓްގެ ބައެއް ވަޒީރުންނާއި ރައީސް އޮފީހުގެ ބައެއް އިސް ވެރިންނާއި ސިއްހީ ދާއިރާގެ މާހިރުންނާއި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ އިސް ވެރިންނާއި ފުލުހުން އަދި ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ލޮކްޑައުން ހާލަތަށް އިތުރު ލުއިތަކެއްދީފައިވަނީ މިމަހުގެ ތެރޭގައެވެ. އެގޮތުން މާލެ ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ހިދުމަތް ހޯދުމާއި ފިހާރަތަކަށް ދިއުމާއި ބޭރުގައި އުޅޭ ވަގުތުތައްވެސް ވަނީ އިތުރު ކޮށްފައެވެ. އަދި ކުޅިވަރު ކުޅުމާއި 30 މީހުންނަށްވުރެ މަދުން އެއްތަނަކަށް އެއްވުމުގެ ހުއްދަވެސް މިހާރު ވަނީ ދީފައެވެ.

މީގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދައިގެ އިތުރުން މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ހުކުރު ނަމާދު ކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އަދި މާލެއަށް އެހެން ރަށްރަށުން އެއްވެސް ހުއްދައަކާ ނުލައި އާދެވޭ ގޮތަށްވެސް މިހާރު ވަނީ ލުއި ދީފައެވެ.