ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ދެއްވާފައި ނުވާތީ، އޭނާ އެ މަގާމުން ދާދި ދެންމެ ވަކިކުރައްވައިފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ރައީސް އެގޮތަށް އެންގެވީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިވުމުންނެވެ. އެގޮތުން އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ އިއްޔެގެ ވަގުތެއްގައި ރައީސް ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާވެސް ބައްދަލުކުރައްވައި ހިއްސާ ކުރައްވައިފައެވެ.
ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރައްވައި، އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން މިއަދުން ފެށިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތި ވެ އެކަން ހުށަހަޅާފައިވާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ އަދަދު ނުވަޔަކަށް އަރާ ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ދޭއިރު، އަނެއްބައި މަސްދަރުތަކުން ބުނަނީ ހަތް މުވައްޒަފުން ކަމަށެވެ. މީގެ ތެރެއިން ބައެއް މުވައްޒަފުންނަށް އޮފީސް މާހައުލުގެ ބޭރުން ވެސް އަލީ ވަހީދުގެ ފުށުން ޖިންސީ ގޯނާގެ އަމަލުތަކާ ކުރިމަތިލާން ޖެހުނު ކަމަށް މައުލޫމާތު ލިބެ އެވެ.
ވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލަތައް މުވައްޒަފުންނަށް ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަލީ ވަހީދާ އެކު ދަތުރެއްގައި ރިސޯޓަކަށް ގޮސް ހުއްޓައި ޖިންސީ ފުރައްސާރައިގެ މައްސަލަ ކުރިަމތިވުމުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު މޫދަށް ފުންމައިލި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވަން އަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައި ވެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ރޭ ބުނީ، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކިކުރި އިރު، މީގެ މަސްތަކެއް ކުރީން އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް އެހެން މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެފަހަރު ލީކުވި އޯޑިއޯތަކެއްގައި އަލީ ވަހީދު ވަނީ ކެބިނެޓުގެ އެހެން ބައެއް ވަޒީރުންނަށް ރައްދުވާ ގޮތަށް ވަރަށް ބޭއަދަބީ ބަސްތައް ބޭނުންކުރައްވައިފަ އެވެ.
އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ހިމެނިވަޑައިގަންނަވަ އެވެ. ނަހުލާއާ ގުޅޭ ގޮތުން ދައްކަވާފައި ހުރީ ޖިންސީ ފުރައްސާރަޔަށް ބެލެވޭ ފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އޭރު މިނިސްޓަރު ނަހުލާވެސް ވަނީ އެ މައްސަލަ ބައްލަވައިދެއްވުން އެދި ރައީސް ސޯލިހަށް ހުށަހަޅުއްވައިފަ އެވެ.
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް