ކުވައިތުގެ އަމީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެ ގައުމުގެ ފޮރިން މިނިސްޓަރަށް އަރުވައިފިއެވެ.

ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައީސް މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރު ޝަހީމް އިއްޔެ ކުވައިތުގެ ފޮރިން މިނިސްޓަރު ޝައިހް ޖައްރާހް ޖާބިރު އަލްއަހްމަދު އައްސަބާހާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

29 އޮކްޓޯބަރު 2026، މިނިސްޓަރު ޝަހީމް، ކުވައިތުގެ ފޮރިން މިނިސްޓަރު ޝައިހް ޖައްރާހް ޖާބިރު އަލްއަހްމަދު އައްސަބާހާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެ ބައްދަލުކުރެއްވުމުގައި، ކުވައިތުގެ އަމީރު ޝައިހް މިޝްއަލް އަލްއަހްމަދު އަލްޖާބިރު އައްސަބާހަށް ރައީސް ފޮނުއްވި ސިޓީފުޅު މިނިސްޓަރު ވަނީ ކުވައިތުގެ ފޮރިން މިނިސްޓަރަށް އަރުވައިފައެވެ. ނަމަވެސް އެ ސިޓީފުޅުގައިވާ ތަފްސީލުތަކެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މިނިސްޓަރު ޝަހީމްގެ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާ ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން ރާއްޖެއާއި ކުވައިތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ތަރައްގީކުރެވޭނެ އޮނިގަނޑުތަކާ ގުޅޭ ގޮތުންނާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައިވެސް ދެ ބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވައިފައެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް މިވަގުތު ކުވައިތަށް ވަޑައިގެން އުޅުއްވަނީ ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.