މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ ނޮވެމްބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ޖަލްސާ އޮންނާނީ އެ ރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އަދި މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވާނެއެވެ.
މީގެ އިތުރުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުން ވެސް މި ޖަލްސާގައި އޮންނާނެއެވެ. މި އިނާމަކީ އިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ ގައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. ހާއްސަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. މި އިނާމު ލިބޭ ފަރާތްތައް ހޮވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.
ހަމައެއާއެކު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ޖަލްސާގައި ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ވެސް ދެއްވާނެއެވެ. މިއީ 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ. ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
ޖުމުހޫރީ ދުވަސް
ޖުމުހޫރީ ދުވަސް
ޖުމުހޫރީ ދުވަސް
ޖުމުހޫރީ ދުވަސް
ކޮމެންޓް