ރިޕޯޓް

މަޖިލީހުން އެފްއޭއެމްގެ މައްސަލަ ބެލުން، ބައްސާމް އާއި އާޒިމްގެ ޒާތީ ކޯޅުމެއްބާ؟

އައިދާ އަބްދުލް ހަކީމް

ރާއްޖޭގެ އެންމެ ގިނަ މީހުން އެކުޅިވަރަކަށް ލޯބި ކުރާ ކުޅިވަރު ކަމަށް ވާ ފުޓުބޯޅަައިގެ ވާހަކަތައް މިދުވަސްކޮޅު މިވަނީ މީޑިއާތަކުގެ ސަމާލު ކަމަށް އައިސްފައެވެ. އެފްއޭއެމް އާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް އަންނަނީ ދައްކަމުންނެވެ. ނަމެވެސް މިހާރު މި މައްސަލަ ގޮސްފައި އޮތް ހިސާބުން ފުޓުބޯޅަ ސަސްޕެންޝަނަކާއި ކުރި މަތިލާން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ. މިއީ ގުޓުބޯޅަ އަށް ލޯބިކުރާ އެއްވެސް ފަރާތަކުން ބޭނުން ވާނެ ގޮތެއް ނޫނެވެ. ފުޓުބޯޅަ ސަސްޕެންޑް ކުރުމުން އެތައް ޒުވާނުންނެއްގެ އާމްދަނީ ލިބުން ހުއްޓުމަކަށް އަންނާނެ ކަން ޔަގީނެވެ. މުބާރާތްތައް ހުއްޓުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ދައްކަން މިއުޅޭ ވާހަކަ އަކީ މި ދަރަޖައަށް މިކަން މި ދިޔައީ ކޮން ސަބަބަކާއި ހެދިތޯ އެވެ. މިކަމުގެ ޒިންމާވާނީ ކޮންބައެއްތޯއެވެ.

އެންމެ ފުރަތަމަ އެފްއޭއެމްގެ މައްސަލަ އިދާރާއަކުން ބަލަން ފެށި ހިސާބު:

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި މައްސަލަތަކެއް ހުރިކަމަށް ވިދާޅުވެ އެންމެ ފުރަތަމަ އެމައްސަލަ ބަލަން ފެށީ މިހާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު އެމަގާމާ ހަވާލުވެވަޑައިގެންނެވި ހިސާބުންނެވެ.

އެފަހަރު މައްސަލަ ބަލާފައިވަނީ އެފްއޭއެމްއަށް ވަދެފައިވާ ފައިސާއަށް ވީނުވީއެއް ނޭނގުނު ކަމަށް ބުނެ "ފެކްޓް ފައިންޑިން" ކޮމިޓީއެއް އުފައްދައިގެންނެވެ. އޭރު މިނިސްޓަރު މަހުލޫފް ވިދާޅުވެފައި ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްދާނީ ހަމަތަކެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް މަހުލޫފު އެކުލަވާލި ކޮމިޓީން އެފްއޭއެމްގެ އިންޓާނަލް ކަމެއް ބަލަން މަސައްކަތް ކުރުމުން އޭއެފްސީން ވަނީ އެ ފެޑަރޭޝަނާއި ފީފާ ނޫން އެހެން އެއްވެސް ބަޔަކަށް އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ފީފާ އާއި އޭއެފްސީ އަދި ބައިނަލްއަގުވާމީ ކުޅިވަރު ގަވަނަންސް އުސޫލުތަކުގެ ތެރެއިން މެންބަރު އެއްވެސް އެސޯސިއޭޝަނެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ބެލުމާއި އެފަދަ އެއްވެސް ކަމެއް ވިލަރެސް ކުރުމުގެ ބާރު ހަމައެކަނި ލިބެނީ ފީފާއާއި އޭއެފްސީއަށް ކަމަށް އޭއެފްސީން އޭރު ބުނެފައި ވެއެވެ.

ހަމަ އެދުވަސްވަރު އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގައި ދިވެހި ފުޓުބޯޅަޔަށް ގެއްލުން ވާ ގޮތަށް އެތައް ކަމެއް ކޮށް އަދި އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަންތައްކޮށްފައިވާ ކަމަށް މިނިސްޓަރު މަހްލޫފު ތުހުމަތު ކުރެއްވިއެވެ.

މަހްލޫފު ކުރެއްވި ޓްވީޓް

ވިިކްޓްރީ އާއި ނިއުރޭޑިއަންޓުުން އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމުގެ މަސައްކަތް ފެށުން:

އޭގެ ފަހުން ދެން ފެނިގެން ދިޔައީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދި ހުށަހެޅި ތަނެވެ. ކޮންގްރެސް ބޭއްވުމަށް އެދި ވިކްޓްރީ ސްޕޯޓްސް ކުލަބްގެ އިސް ނެގުމާއެކު މި ހުށަހެޅުން އެފްއޭއެމް އަށް ހުށަހަޅާފައިވަނީ، ކޮންގްރެސްގައި ވޯޓުލެވޭ 24 ކުލަބުގެ ތެރެއިން 19 ކުލަބުގެ ތާއީދާ އެކުގަ އެވެ.

ވިކްޓްރީން އެމައްސަލަ ވެއްދުމުގެ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެ މަސައްކަތް ފެށި ނަމަވެސް، ކުޅުންތެރީންނަށް ދޭން ޖެހޭ މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް އެޓީމު ސަސްޕެންޑް ކުރިއެވެ. ނަމަވެސް ނިއުރޭޑިއަންޓުން ބުނެފައިވަނީ އެފްއޭއެމުން އެ ކުލަބު ސަސްޕެންޑް ކުރީ ފުޓްބޯޅަ އެސޯސިއޭޝަން ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އުޅޭތީ ޒާތީ ވެގެން ކަމަށެވެ. އެޓީމުން ބުނެފައި ވަނީ ރާއްޖޭގައި ހިންގާ ގިނަ ކްލަބްތަކަކީ ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދެވޭ ކްލަބުތަކެއް ނޫން ކަމަށެވެ. އަދި އެހެން ޓީމުތަކާ ގުޅޭ ކިތައްމެ މައްސަލައެއް އެފްއޭއެމް އަށް ހުށަހެޅިފައި ވީނަމަވެސް ވަކި ކްލަބްތަކެއްގެ މައްސަލަ ބެލުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

2018 އަހަރު ނިއު އިން މުސާރަ ދީފައި ނުވާތީ އެކްލަބުގެ ބައެއް ކުޅުންތެރިން ވަނީ އެފްއޭއެމްއަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލަ ބެލި ކޮމިޓީން ނިންމީ އެފްއޭއެމް އިން ނިއުއަށް ދޭންޖެހޭ ފައިސާގެ ގޮތުގައި، އެ އެސޯސިއޭޝަނުން ހިފަހައްޓާފައިވާ ތިން ލައްކަ ރުފިޔާ، އެ މައްސަލަ ހުށަހެޅި ދިހަ ކުޅުންތެރިންގެ މެދުގައި ހަމަހަމަޔަށް ބެހުމަށެވެ. ނަމަވެސް އެފައިސާ ލިބުން ލަސްވެގެން އެފައިސާ ލިބެން ޖެހޭ ކުޅުންތެރިން ވަނީ މީސް މީޑިއާގައި އެފްއޭއެމް އާ މެދު ނުރުހުން ފާޅުކޮށްފައެވެ. އޭގެތެރޭގައި ނިއުގެ ގޯލު ބެލެހެއްޓި ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު ވެސް ހިމެނެއެވެ.

އިމްރާން ކުރި ޓްވީޓް

ނިއު އިން މުސާރަ ދީފައިނުވާތީ މައްސަލަ ހުށަހެޅުމުން އެފްއޭއެމް އިން ފައިސާ ދިނުމަށް ނިންމީ އަލީ އަޝްފާގު (ދަގަނޑޭ)، އިމްރާން މުހައްމަދު(އިންމަ)، އަކްރަމް އަބްދުލްޤަނީ، އިމްރާން ނަޝީދު، މުހައްމަދު އުމައިރު، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ރަޝީދު، ރިލްވާން ވަހީދު (ރިލޭ)، ހަސަން އަދުހަމް (ސަޑޭ) އަދި ހިސާމް ސަލީމަށެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް 19 ކްލަބަކުން ސޮއިކޮށްފައިވާ ކަމަށް ވިކްޓަރީން ބުނެފައިވީ ނަމަވެސް އެފްއޭއެމްއަށް ހުށަހެޅި ސިޓީގައި ވަނީ 15 ކްލަބެއްގެ ސޮއި ކަމަށް އެފްއޭއެމް އިން އޭރުވަނީ ބުނެފައެވެ. ވިކްޓްރީން ފަތުރާފައި ވަނީ ދޮގު މައުލޫމާތުތަކެއް ކަމަށާއި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދި ހުށަހަޅަން ޖެހޭ ގާނޫނީ އަދަދު ހަމަނުވާ ކަމަށްވެސް އެފްއޭއެމް އިން ބުނެފައި ވެއެވެ.

އެފްއޭއެމުން ބުނެފައި ވަނީ ވިކްޓްރީން ފޮނުވި ސިޓީގައިވާ 15 ކްލަބުގެ ތެރެއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ސަސްޕެންޑް ކޮށްފައިވާ ކްލަބެއް ކަމަށާއި ސޮއިކޮށްފައިވާ ފޯކައިދޫ ފުޓްބޯޅަ ކްލަބާއި ރޮކް ސްޓްރީޓަކީ އެސޯސިއޭޝަނުގެ މެމްބާޝިޕް ލިބިފައި ނުވާ ދެ ކްލަބު ކަމަށެވެ.

"އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރުމަށް ކަމަށް ބުނެ ވަކި ބައެއްގެ ލާބައާއި މަންފާއަށް ޓަކައި ކުރެވޭ މިފަދަ ގާނޫނާއި ގަވާއިދާ ހިލާފު އެންމެހާ މަސައްކަތްތަކުގައި ބައިވެރި ނުވާނެ ކަމަށާއި މިފަދަ އެއްވެސް ކަމެއްގައި އެ ކްލަބުތަކުގެ ބައިވެރިވުން ނޯންނާނެ ކަމުގެ ޔަގީންކަން ހަތަރު ކްލަބަކުން ފޮނުވާފައިވާ ސިޓީތަކުން މި އެސޯސިއޭޝަނަށް ވަނީ އަންގައިފައެވެ." އެފްއޭއެމުން އޭރު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިކްޓަރީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް ހާޒިރު ނުވާ މައްސަލައާއި ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭ މައްސަލަ އަދި ކްލަބު ލައިސަންސިން މައްސަލައާ ގުޅިގެން އެފްއޭއެމް އިން އެކްލަބަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމިއެވެ. އެގޮތުން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި އެ ކްލަބާ ދޭތެރޭ އަމަލުކުރާނެ ގޮތްތަކެއް ނިންމުނެވެ. އެގޮތުން ވަކި މުއްދަތެއްގެ ކުރިން ކުޅުންތެރިންނާއި ކޯޗުންގެ މުސާރައިގެ މައްސަލަ ހައްލުކުރުމަށް އެންގުމަށް ނިންމިއެވެ. އެގޮތުން 13 ދުވަހުގެ މުއްދަތެއް އެހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ވިކްޓްރީއަށް ދިނެވެ. ނަމަވެސް އެ މުއްދަތުގައި އެކަން އެޓީމަށް ނުކުރެވުމުން އެފްއޭއެމް އިން އެޓީމުވެސް ސަސްޕެންޑް ކުރިއެވެ.

ކްލަބްތަކާއި މިނިސްޓަރުގެ ރާގު ބަދަލުވުން:

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ސޮއި ކުރި ގިނަ ކުލަބުތަކުގެ ރާގު މުޅިންހެން ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ. ކްލަބުތައް އެކަންޏެއް ނޫނެވެ. އެފްއޭއެމްގެ މައްސަލަ ބަލަން ފޫގަޅާފައި އުޅުއްވި ސްޕޯޓސް މިނިސްޓަރުގެ ބަހާއި ރާގުވެސް ކުއްލިއަކަށް ބަދަލުވެގެން ދިޔަތަން ފެނިގެން ދިޔައެވެ. އެއާއެކު ދެން ފެނިގެންދިޔައީ އެފްއޭއެމް އިން އުފެއްދި ގައުމީ ފުޓުބޯޅަ ޓީމުގެ ކަންތައްތަކުގައި ލަފާ ހޯދުމަށް އެފްއޭއެމް އިން އެކުލަވާލި ކޮމިޓީގައި މިނިސްޓަރު މަހުލޫފު ހިމެނިގެން ދިޔަތަނެވެ. ނަމަވެސް އެކަމާއި ގުޅިގެން ގިނަ ފާޑު ކިއުންތަކެއް މިނިސްޓަރަށް އަމާޒު ވިއެވެ. އެ ފާޑުކިޔުންތަކާ އެކު މިނިސްޓަރު މަހްލޫފް ވަނީ އެ ކޮމިޓީން އިސްތިއުފާ ދެއްވައިފައެވެ.

އޭގެ ދުވަސްކޮޅެއްފަހުން މިނިސްޓަރު ވިދާޅުވެފައިވަނީ އެފްއޭއެމްއާ އޮތް ހިޔާލު ތަފާތުވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި އޭރުގެ ތަޅާފޮޅުމުން މޮޅުވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށާއި ނަމަވެސް އެފްއޭއެމްގެ ތެރޭ "ފާތުމަގެ އޮފީސް" ނުހިންގާ ކަމަކަށް ނުވާނެ ކަމަށެވެ.

"ބައްސާމް ބަދަލުކުރުމުގެ ކަންތައްތައް، އެކަން ނިމިއްޖެ. ތަޅާފޮޅާ ނިމުނީ. މޮޅުވީ އެފްއޭއެމް، ބައްސާމް. ކުރި ގޮތަކަށް ކޮށްގެން ބައްސާމް މިހާރު އެހުރީ އެ މަގާމުގައި. އަޅުގަނޑު މިއިނީ މިނިސްޓަރަކަށް. އެހެންވީމާ އަޅުގަނޑަކަށް ނޯންނާނެ ބައްސާމް ދެކެ ރުޅި އައިސްގެން، ބައްސާމް ފެންނަ އިރަށް އެހެން ދިމާއަކަށް އެނބުރެވޭކަށް. އެހެންވެސް ވަކި ވަރަކަށް އުޅެވޭނީ. އެފްއޭއެމް އިންތިހާބު ދޮޅު އަހަރެއްގެ ތެރޭގައި އޮންނާނެ. އެ އިންތިހާބަށް ތައްޔާރުވާންވީ ބަޔަކު ތައްޔާރުވާންވީ. މިއޮތް ދުވަސްކޮޅު ތެރޭގައި ފުޓުބޯޅައިގެ ކަންތައްތަކުގައި އަޅުގަނޑަށް ދެވެން އޮތް ސަޕޯޓެއް ދޭން އެބަ ޖެހޭ،" މިނިސްޓަރު މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ވިދާޅުވެފައި ވެއެވެ.

ހަތިޔާރު ބަހައްޓަވައި ކްލަބު ތަކާއި މިނިސްޓަރުގެ ރާގު ބަދަލުވުމުން، އިދިކޮޅަށް މަސައްކަތް ކުރި ވިކްޓްރީ އާއި ނިއުރޭޑިއަންޓުން ސިފަކޮށްފައިވަނީ ފައިސާގެ ނުފޫޒު އެކަމަށް ވަނީ ކަމަށެވެ. އަދި އެޓީމުތަކުގެ ސަޕޯޓަރުން ވެސް ސޯޝަލް މީޑިއާގައި ވަނީ އެފަދަ ތުހުމަތުތައް ކޮށްފައެވެ.

އެފްއޭއެމްގެ އިންތިހާބަށް ހުޅުވައިލުން:

ދައުރު ނިމެން ފުދޭވަރަކަށް ގިނަ ދުވަސް އޮއްވައި އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ އިންތިހާބު ބާއްވާނެ ކަން އިއުލާނު ކުރައްވައިފައެވެ. އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ބައްސާމް ފިޔަވައި އިތުރު ކެންޑިޑޭޓަކު ކުރިމައްޗެއް ނުލައެވެ. އެކަމާ ގުޅިގެން ބައްސާމް ވިދާޅުވެފައިވަނީ "އަޅުގަނޑާ ވާދަކުރުމަށް ނުވަތަ އަޅުގަނޑުމެންގެ ޓީމާ ވާދަކޮށްލަން އެހެން ފަރާތަކުން ނާންނަނީ ކީއްވެތޯ، މި ސުވާލަށް ދޭނެ ޖަވާބެއް އަޅުގަނޑަކަށް ނޭނގެ. އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ ކީއްވެގެންކަން ކުރިމަތި ނުލެއްވީ،" އިންތިހާބުގައި އޭނާއާ ވާދަ ކުރާނެ އެހެން ކެނޑިޑޭޓެއް ނެތުމުން އެކަމަށް އިޝާރާތްކުރައްވައި ބައްސާމް ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން އިދިކޮޅަށް މަސައްކަތް ކުރި ކްލަބު ތަކުން ބުނެފައިވަނީ އިތުރު ކެންޑިޑޭޓަކު ނިކުތުމަށް އޮތް ހުރިހާ މަގެއް ބައްސާމު ބަންދުކުރެއްވި ކަމަށެވެ. އެގޮތުން އިދިކޮޅު ކްލަބުތައް ސަސްޕެންޑް ކުރުމާއި ކްލަބުތަކަށް އެފްއޭއެމް އިން ދޭ ފައިސާ ބައްސާމަށް ތާއީދު ކުރާ ކުލަބުތަށް ދިނުމާއި އެކުލަބުތަކުގެ ވޯޓް ޔަގީން ކުރުމުގެ ކަންކަން ބައްސާމު ކުރެއްވި ކަމަށެވެ. އެފްއޭއެމް އަށް ކުރިމަތި ލުމަށް ބައެއް ފަރާތްތަކުން އުޅުނު ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް ކުރިމަތި ލެވެނީ ކްލަބެއް މެދުވެރިކޮށް ވުމުން އެކަން ކުރެވޭނެ ހުރިހާ މަގެއް ބައްސާމް ބަންދު ކުރި ކަމަށް ތުހުމަތު ކުރިއެވެ.

ބައެއް ކްލަބުތަކުގައި ހުރި ޝަކުވާތައް:

ރައީސް އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބުތަކަށް ތިން މިލިއަން ރުފިޔާ ދޭން ފެށިއެވެ. ނަމަވެސް އެމަނިކުފާނުގެ ދައުރު ނިމުމާއެކު އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުމުން ސަރުކާރުން ކްލަބުތަކަށް ދެމުންގެންދިޔަ ފައިސާ ނުދޭގޮތަށް ނިންމި އެވެ. އެއާއެކު ބައްސާމް ވަނީ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ތިން މިލިއަން އެފްއޭއެމުން ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ބައްސާމް އެހެން ވިދާޅުވެފައި ވަނިކޮށް ފުރަތަމަ ޑިވިޝަން އުވާލައި ފުރަތަމަ ޑިވިޝަންގައި ހިމެނޭ 8 ކްލަބުގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުން ކޮލިފައިވާ ދެޓީމު ހިމެނޭހެން ލީގެއް އެފްއޭއެމް އިން ތައާރަފު ކުރިއެވެ. އަދި މިނިވަން ޗެމްޕިއަންޝިޕުން ކޮލިފައިވާ ދެޓީމު ހިމެނޭހެން ތިން މިލިއަން ދޭނެ ކަމަށް އެފްއޭއެމްއިން ބުނެފައިވާ ކަމަށް މިނިވަން ޗެމްޕިއަންޝިޕުން ކޮލިފައި ވި ދެޓީމު ކަމުގައިވާ ނިލަންދުއާއި ފޯކައިދޫ ޓީމުން ވަނީ "ވަން" އަށް މީގެ ކުރިން މައުލޫމާތު ދީފައެވެ.

އެގޮތުން އެޓީމުތަކުން ލީގުގައި އެހެން ޓީމު ތަކާއި ވާދަކުރުމަށް އަދި ލީގުގައި ދެމި އޮތުމަށް އެހެންޓީމުތައް ފަދައިން ބަޖެޓު ބޭނުން ވާނެ ކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ ލީގު ފެށިއިރު އެފްއޭއެމް އިން ދޭން ބުނި ތިން މިލިއަން ލިބިފައި ނުވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ ދެޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިން ހިމެނޭހެން ގިނަ ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ ސަބަބުން ލީގުގެ ވަކި ހިސާބަކުން ކުޅުތެރިން އެހެން ޓީމުތަކަށް ބެހިގެން ދިޔަ ކަމަށެވެ. މުސާރަ ނުދެވުމުގެ ސަބަބުން ބިދޭސީ ބައެއް ކުޅުންތެރިން އޭއެފްސީ އަށް މިހާރު މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް އެ ޓީމުތަކުން ބުނެއެވެ.

އެދެ ކުލަބުން ބުނެފައިވަނީ އެފްއޭއެމް އިން ދޭން ބުނި ތިން މިލިއަންގެ ތެރެއިން މިހާތަނަށް އެކްލަބުތަކަށް ލިބިފައިވަނީ އެއްލަކަ ފަންސާސް ހާސް ވަރު ކަމަށެވެ. އެކުލަބުތަކުން ސިފަކުރާގޮތުގައި އެކުލަބު ތަކަކީ ވޯޓު ނުލެވޭ ކްލަބުތަކަށް ވުމުން އެފްއޭއެމް އިން ތަފާތު ކުރުންތަކެއް ގެންޅެއެވެ. ނަމަވެސް ލީގުގައި ވާދަ ކުރުމުގެ ފުރުސަތު ދޭނަމަ ލީގުގައި ދެން ތިބޭ އެހެން ކްލަބުތަކާއި މިނިވަން ޗެމްޕިއަންޝިޕުން އަންނަ ޓީމުތައް ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.

މިގޮތަށް ކަންކަން ވަމުން ދާނަމަ ރަށްރަށުން އަންނަ ޓީމުތަކަށް ދުވަހަކުވެސް އެފްއޭއެމްގެ ކޮންގްރެސްގައި ބަސް ބުނުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އެކުލަބުތަކުން ދެކެއެވެ. އެފްއޭއެމްގެ ގަވާއިދު ބުނާގޮތުން އެ އެސޯސިއޭޝަނުގެ ފުރިހަމަ މެންބަރަކަށް ވެވޭނީ ޖެހި ޖެހިގެން ތިން އަހަރު އެ އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެފައިވާ ކްލަބުތައކަށް ކަމުން ލީގުގައި ތަފާތު ކުރުންތައް ގެންގުޅޭނަމަ މި ފުރުސަތު ދުވަހަކުވެސް ލިބޭނެ ކަމަކަށް އެކުލަބުތަކުން ގަބޫލެއް ނުކުރެއެވެ.

އެފްއޭއެމް އާ ދެކޮޅަށް އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުން:

ޔޫތު މިނިސްޓްރީން ކުޅިވަރު ގާނޫނާ އެއްގޮތަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ދޭތެރޭ ފިޔަވަޅު އަޅާފައި ނުވާތީ އެ އެސޯސިއޭޝަނާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް، އެފްއޭއެމްގެ އިންތިހާބު ބާއްވަން 3 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު، އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވިއެވެ.

އެ ގަރާރުގައި ބުނެފައިވަނީ އެގަރާރަކީ ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތައް، އެސޯސިއޭޝަންތައް އަދި ފެޑަރޭޝަންތައް ރެގިއުލޭޓްކޮށް ގާނޫނުން މަތިކޮށްފައިވާ މައްސޫލިއްޔަތުތައް އަދާކުރުމަށް މަތިކޮށްފައިވާ ފަރާތްތަކުން އެކަން ފުރިހަމަ ގޮތުގައި އަދާނުކުރާތީ ހުށަހަޅާ މައްސަލައެއް ކަމަށެވެ. އަދި މި ގަރާރުގެ މަގުސަދަކީ ކުޅިވަރުގެ ހުރިހާ ފެންވަރެއްގައި ހިންގޭ ހަރަކާތްތަކުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ މީހުންނަށް ބައިވެރި ވެވޭ ހަރަކާތްތަކެއްކަން ކަށަވަރުކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުން ކަމަށެވެ.

އެއާއެކު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން އެމައްސަލަ ބެލުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އެކޮމިޓީން ވަނީ އެ މައްސަލަ ބަލަމުންދާތީ އެފްއޭއެމްގެ އިންތިހާބު ފަސްކުރުމަށް އެދި ޔޫތު މިނިސްޓްރީގައި އެދިފައެވެ. އެކޮމިޓީގެ އެދުމުގެ މަތިން ޔޫތު މިނިސްޓްރީން އެފްއޭއެމްގައި އިންތިހާބު ފަސްކޮށްދިނުމަށް އެދިފައި ވަނިކޮށް އެފްއޭއެމް އިން ވަނީ އިންތިހާބީ ކޮންގްރެސް ބާއްވައި ދެވަނަ ދައުރަކަށް ބައްސާމު ރައީސަކަށް އިންތިހާބުކޮށްފައެވެ. ފީފާ އާއި އޭއެފްސީން ވަނީ އެ އިންތިހާބު ބަލައިގަނެ ބައްސާމް އަށް މަރުހަބާ ކިޔައިފައެވެ.

އެފްއޭއެމްގެ މައްސަލާގައި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނަރުގެ ވިސްނުން:

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހުށަހެޅިފައިވާ އެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އާއި ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމުގެ ވިސްނުން އަދި ސްޕޯޓްސް ކައުންސިލްގެ ވިސްނުން ވެސް ވަރަށް އެއްގޮތެވެ. އެކޮމިޓީއަށް އެތިން ބޭފުޅުން ގެންގޮސްގެން މަޖިލިސް މެންބަރުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެބޭފުޅުން ވިދާޅުވެފައިވަނީ ރާއްޖެއަކީ ފީފާ އަދި އޭއެފްސީގެ މެންބަރު ގައުމަކަށް ވުމުން އަމަލު ކުރަންޖެހޭ ވަކި ގޮތްތަކެއް އޮންނަ ކަމަށެވެ. އެގޮތުން ފީފާ އާއި އޭއެފްސީން އިންތިހާބު ބޭއްވުމަށް ހުއްދަ ދީފައި ވަނިކޮށް އިންތިހާބު ފުލުހުން މެދުވެރިކޮށް ހުއްޓުވައިފި ނަމަ ރާއްޖެ ސަސްޕެންޝަނަކާއި ކުރިމަތި ލާން ޖެހޭނެ ކަމަށެވެ. އަދި މިހާރު އެފްއޭއެމްއިން އިންތިހާބު ބާއްވައި ފީފާ އާއި އޭއެފްސީން އިންތިހާބު ބަލައިގެންފައި ވަނިކޮށް ރާއްޖެއިން އެ އިންތިހާބު ބަލައި ނުގަންނަ ކަމަށް ނިންމައިފި ނަމަވެސް ސަސްޕެންޝަނަކާއި ކުރިމަތި ލާން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތަށް އެކަން ވެއްޖެނަމަ ރާއްޖޭގެ ފުޓުބޯޅައިގެ ފޯރި އެއްކޮށް ގޮސް އެތައް ޒުވާނުންގެ އާމްދަނީ ލިބުން ހުއްޓި އުނދަގޫ ހާލަތެއް މެދުވެރިވާނެ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ. އެކޮމިޓީއަށް އެފްއޭއެމްގެ ރައީސް ބައްސާމް ވެސް ހާޒިރުކޮށް ސާފު ކުރަން ޖެހޭ ކަން ކަން މިހާރު ވަނީ ސާފުކޮށް ހުށަހަޅަން ޖެހޭ ލިޔެކުޔުންތައް ހުށަހެޅުމަށް ފުރުސަތު ދީފައެވެ.

މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވަނީ އެފްއޭއެމް އާ އެއްކޮޅަށް ވާހަކަ ދައްކަވައިފައެވެ. އެގޮތުން ބައެއް މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ މައްސަލައެއް ނޫނެވެ. އަދި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މެންބަރު އަލީ އާޒިމަށް ބައެއް މެންބަރުން ވަނީ ފާޑުވިދާޅުވެފައެވެ. ބައެއް މެންބަރުން ވިދާޅުވެފައިވަނީ އެމައްސަލަ އަކީ އާޒިމްގެ މަސްލަހަތުވެސް އޮތް މައްސަލައެއް ކަމަށެވެ.

މެންބަރު އާޒިމް އަކީ އެފްއޭއެމްގެ ރައީސްކަން ކުރީން ކުރެއްވި ބޭފުޅެކެވެ. އޭނާ މި މައްސަލަ މަޖިލީހަށް ވައްދަވައިގެން އުޅުއްވަނީ ނިއުރޭޑިއަންޓް ސަސްޕެންޑް ކޮށްފައި ވާތީ އެކަމުގައި އޮތް ޒާތީ ރުޅިގަނޑެއްގެ ސަބަބުން ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. ނިއުރޭޑިއަންޓުގެ މަސްއޫލުވެރިޔާއަކީ އާޒިމްގެ ބައްޕަ އެވެ. އާޒިމް ވެސް ކުރީން ވަނީ ނިއުރޭޑިއަންޓްގެ ޗެއާމަންކަން ކުރައްވައިފައެވެ.