ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމުގައި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 169 ވަނަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމުގައި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި އެކަމުގައި އެމްޑީޕީން އެންމެ ތަންކޮޅެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"އަންހެނުންނަށް ކުރާ އަނިޔާއާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުޑަ ތަންކޮޅެއްވެސް ފަހަތަކަށް ނުޖެހޭނަން." ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، އަންހެނުންނަށް ކުރާ ގޯނާ ހުއްޓުވުމަށް އެމްޑީޕީއަށް ވުރެ ބޮޑަށް އެދޭނެ އެހެން އެއްވެސް ޕާޓީއެއްވެސް އަދި ބައެއްވެސް ރާއްޖޭގައި ނުތިބޭނެ ކަމަށެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތަކުގައި އެމްޑީޕީއަށް ފާޑުކިޔުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި އެފަދަ މައްސަލަތަކުގައި އެމްޑީޕީއަށް ފާޑުކިޔުމަކީ ލިބޭ އުފަލެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަންހެނުންނަށް ކުރާ ގޯނާ ހުއްޓުވުމަށް އަޅުގަނޑުމެންނަށް ވުރެ ބޮޑަށް އެދޭނެ އެއްވެސް ބައެއް މި ދިވެހިރާއްޖޭގައެއް ނުތިބޭނެ. ހަގީގަތުގައި އެކަމާ ގުޅިގެން އަޅުގަނޑުމެންނަށް ފާޑުކީމާ އެއީ ލިބޭ އުފަލެއް. އެ ފާޑުކިޔުމުގެ ފުރުސަތު މިވަނީ ހުޅުވާލައިފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު މިފަހަކަށް އައިސް އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އަދި ފުރައްސާރައިގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެފަދަ ބައެއް މައްސަލަތައް ތަހުގީގުކުރުމުގައި ސަރުކާރާއި އެމްޑީޕީގެ އިސް ލީޑަޝިޕުން ނުފޫޒު ފޯރުފައިވާ ކަމަށް ބައެއް ރައްޔިތުންގެ އިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތުކުރެއެވެ.