ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅާއި، ތިލަފުށީގައި މުސާރަ ނުދޭ މައްސަލައިގައި، ބިދޭސީންތަކެއް ހިންގި ހަމަނުޖެހުމާ ގުޅިގެން ސާފުކުރަން ޖެހޭ ކަންކަން ސާފު ކުރުމަށް، ދައުލަތުގެ ފަސް މުއައްސަސާއެއް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނު ކުރި މައްސަލަ ބެލުމަށް އެޖެންޑާ ކުރެވުނު ނަމަވެސް ކޮމިޓީން ނިންމާފައިވަނީ، މީގެ ކުރިން ތިލަފުށީގައި ހިނގި އެފަދަ ހާދިސާއަކާގުޅޭ މައްސަލަ ބަލަމުންދާތީ، އެ ދެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އެހެންކަމުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅިގެން، ކޮމިޓީއަށް ހާޒިރު ކުރަން ފާސް ކޮށްފައިވާ މުއައްސަސާތަކުގެ ތެރޭގައި ހިމެނެނީ، ހޯމް މިނިސްޓްރީ އާއި، އިކޮނޮމިކް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި، ފުލުހުންގެ އިތުރުން ލޭބާ ރިލޭޝަންސް އޮތޯރިޓީއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ، ބޮޑުފިނޮޅުގައި ހިނގި ހާދިސާގައި، އެތަނުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީންނަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދީގެން، ހަމަނުޖެހުން ހިންގައި ރުޅިވެރިކަމުގައި އިހްތިޖާޖުކޮށް، އެރަށުގައި ތިބި 13 ދިވެހިން ރަހީނުކުރި އެވެ. އަދި ރަށުގެ އަގުބޮޑު މުދަލަށާއި އެކޮމަޑޭޝަން ބްލޮކްގެ ރޫމްތަކަށާއި އޮފީސް ބަޔަށް ވެސް އެ މީހުން ގެއްލުންދީފައި ވެއެވެ.

ރަހީނު ކޮށްފައި ތިބި ދިވެހިން ސަލާމަތްކޮށް، 19 ބިދޭސީއަކު ހައްޔަރު ކުރީ އެރަށަށް ފުލުހުންގެ ހާއްސަ ޓީމެއް ގޮސްގެންނެވެ. އެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

އޭގެ ކުރިން އައިމާ ކުންފުނިން މުސާރަ ނުދޭކަމަށް ބުނެ ބިދޭސީންތަކެއް ވަނީ ތިލަފުށީގައި އިހުތިޖާޖު ކޮށްފައެވެ.

އެ އިހުތިޖާޖުގަިއ ބިދޭސީން ދަނޑިބުރިތަކެއް ހިފައިގެން ތިބުމުން، ފުލުހުން ގޮސް އެތަކެތި ބަހައްޓަން އެންގުމުން އޭގެ ތެރެއިން ބައެއް މީހުން ފުލުހުންނާ ކުރިމަތިލުމުގެ ސަބަބުން ބައެއް ފުލުހުންނަށް އަނިޔާ ވެފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި 130 ބިދޭސީން ހައްޔަރު ކުރި ނަމަވެސް އެކަމުގައި އިސްކޮށް ތިބެ ނުކިޔަމަންތެރި ވި ހަތްމީހުން ހައްޔަރުކޮށް، އެހެންމީހުން ދޫކޮށްލި ކަމަށެވެ. އޭގެ ފަހުން އެ ހަތްމީހުންގެ މައްސަލަވެސް ތަހުގީގު ކުރުމަށްފަހު އެމީހުން ސްޕޮންސަރާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.