ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
މިކަން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
އެގޮތުން ޕީސީއާރު މެޝިނާ ގުޅޭ ސާމާނު މިދިޔަ މަހު 17ގައި ލިބުނު ނަމަވެސް، ސެޓަޕްގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ އިއްޔެ ކަމަށް ދާއޫދު ވިދާޅުވިއެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ހުރި މެޝިނުން ދުވާލަކު 72 ސާމްޕަލް ޓެސްޓު ކުރެވޭނެ ކަމަށް ދާއޫދު ވިދާޅުވިއެވެ. ޑަބްލިއު އެޗްއޯއިން ފަންޑު ކޮށްގެން ކުރިޔަށް ގެންދިޔަ ޕީސީއާރު ލެބްގެ މަސައްކަތް ކޮށްފައި ވަނީ ވޭވް ލެންތު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަމަށް ދާއޫދު މައުލޫމާތު ދިނެވެ.
ދާއޫދު ވިދާޅުވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓުކުރުމަށް ތައްޔާރުވުމުގެ ގޮތުން އެ ހޮސްޕިޓަލުގެ ލެބް ޓެކްނޮލޮޖިސްޓުން އައިޖީއެމްއެޗްގައި ތިން ހަފްތާގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. މިވަގުތަށް ތަމްރީނުތައް ފުރިހަމަ ކޮށްފައިވަނީ ލެބް ޓެކްނޮލޮޖިސްޓުންގެ ތެރެއިން ދެ މީހުން ކަމަށް ވުމުން އަދި ފުލް ކެޕޭސިޓީގައި އޮޕަރޭޓް ނުކުރެވޭނެ ކަމަށްވެސް ދާއޫދު ވިދާޅުވިއެވެ. ނަމަވެސް ކުރިޔަށް އޮތްތާގައި ޕީސީއާރު ޓެސްޓުތައް ހެދުމަށް އިތުރު މުވައްޒަފުން ތަމްރީނު ކުރާނެ ކަމަށް ދާއޫދު ވިދާޅުވިއެވެ.
"މިހާރު މި ހޮސްޕިޓަލުން ވެސް ރިއަލްޓައިމް ޕީސީއާރު ޓެސްޓް ކުރެވޭނެ. މިއީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއްކަން ޔަގީން. ކުރިޔަށް އޮތްތަނުގައި ޖީން އެކްސްޕާޓް ކާާޓްރިޖްތައް ވެސް މި ކޮޅަށް ލިބޭނެ. ޖީން އެކްސްޕާޓް މެޝިނުން ޓެސްޓް ކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެސް މިހާރު ހުރީ ނިމިފައި" ދާއޫދު ވިދާޅުވިއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން އައްޑޫގައިވެސް ޕީސީއާރު މެޝިނު ބަހައްޓައި، ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު