ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ އިސްތިއުނާފް ޝަރީއަތް އަންނަ ބުދަ ދުވަހަށް ހައިކޯޓުގައި ބާއްވަން ތާވަލް ކޮށްފިއެވެ.

މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހުގެ ޖަލު ކުރުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް ހައިކޯޓުގައި އެންމެ ފަހުން ބާއްވާފައިވަނީ މިއަހަރުގެ މާޗްމަހުގެ ފަހެއްގައެވެ. އެހެންކަމުން ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް މި ބާއްވަނީ ފަސްމަސްދުވަސް ފަހުންނެވެ.

މިކަމާ ބެހޭގޮތުން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހައިކޯޓުގެ މީޑިއާ ކޯޑިނޭޓަރު އަމީން ފައިސަލް ވިދާޅުވީ، ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުން އެންމެ ފަހުން ބޭއްވި މާޗް ފަހެއްގައި ކަމަށާއި، އެ ދުވަހުގެ އަޑުއެހުން ނިންމައިލައްވަމުން، މާޗް މަހުގެ 22 ގައި އިތުރު އަޑުއެހުމެއް ބޭއްވުމަށް ފަނޑިޔާރު އިއުލާން ކުރެއްވި ކަމަށެވެ.

ނަމަވެސް ކޮވިޑް 19 އާ ގުޅިގެން މާޗް 19 އިން ފެށިގެން ބަންދު ކުރުމުން އެ އަޑުއެހުން ބޭއްވޭ ގޮތް ނުވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ބަންދަށްފަހު މިއަދު އޮފީސްތައް ހުޅުވުމުން އެ މައްސަލަ ތާވަލް ކުރީ ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް 19 ގެ ބަންދުގެ މުއްދަތުގައިވެސް ހައިކޯޓުން ބަނީ ބައެއް މައްސަލަތައް ކުރިއަށް ގެންގޮސްފައެވެ.

އަމީން ފައިސަލް ވިދާޅުވީ، ބަންދުގެ މުއްދަތުގައި ހައިކޯޓުން ކުރިޔަށް ގެންދިޔައީ، ވަކި ބާވަތެއްގެ މައްސަލަތައް ކަމަށާއި، އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގެވެށި އަނިޔާ އާއި، ހުކުމް ކުރާ ހިސާބަށް ގޮސްފައިވާ މައްސަލަތަކުގެ އިތުރުން ބަންދުގެ އަމުރާ ގުޅޭ މައްސަލަތައް ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައަކީ އެ ކަޓަގަރީއަށް ފެތޭ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަންދުގެ މުއްދަތުގައި ހައިކޯޓުގައި ކުރިޔަށް ގެންދިޔަ މައްސަލަ ތަކުގެ ކެޓަގަރީގައި ރައީސް ޔާމީންގެ މައްސަލައެއް ނުހިމެނޭ، އެހެންވެ އޭރު ތާވަލް ނުކުރީ، ނަމަވެސް ހަމަ ހުޅުވުމާއެކު ރައީސް ޔާމީންގެ މައްސަލަ އެވަނީ ތާވަލް ކޮށްފައި،" އަމީން ފައިސލް ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި އިސްތިއުނާފުގެ އަޑުއެހުމުގައި އޮތީ، ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ނުކުތާކަކަށް ދައުލަތުގެ ފަރާތުން ޖަވާބުދާރީ ވުމެވެ.