ދިވެހިންތަކެއް ރަހީނުކުރި ހާދިސާ ހިނގި ބޮޑުފިނޮޅުގައި ތިބި މުސާރަ ނުލިބޭ ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕަބްލިކް އިންޓްރެސްޓް ލޯސެންޓަރު (ޕީއައިއެލްސީ) އިން ބޮޑު ފިނޮޅަށް ހިނގައްޖެއެވެ.

ޕީއައިއެލްސީގެ ރައީސާ މަރިޔަމް ޝުނާނާ މީގެ ކުޑައިރުކޮޅެއް ކުރިން "ވަން އޮންލައިން" އަށް ވިދާޅުވީ، އެބޭފުޅުންގެ މަސައްކަތް ފެށުމަށްޓަކައި އެ ތަނުގައި ޑެސްކާއި ކަމާބެހޭ ލިޔެކިޔުންތައް ތައްޔާރު ކޮށްފައިވާ ކަމަށެވެ. އަދި 10 ވަރަކަށް މިނެޓުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝުނާނާ ވިދާޅުވީ، އެޖަމިއްޔާއިން އެރަށަށް ކުރި ދަތުރުގައި ލީގަލް ޓީމުގެ ތިން ވަކީލުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެނަށް ލިބުނީ ތިން ޖާގަ އެހެންވީމަ ގާނޫނީ ޓީމުގެ ތިން ލޯޔަރުންނަށް މިކޮޅަށް އާދެވުނީ،" ޝުނާނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މުސާރަ ނުލިބޭ ބިދޭސީންގެ ތެރެއިން، ޝަރިއަތަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައި ދިނުމަށް އަމާޒުކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން އެެ މީހުންނާ ވާހަކަ ދައްކަން މި ފަށަނީ އޭގެ ތެރއިން ކޭސް ހުށަހަޅަން ބޭނުންވާ މީހުންނަށް ކޭސް ހުށަހަޅައިިދނުމަށް، އެމީހެއްގެ އަމިއްލަ އިހުތިޔާރަށް،،" ޝުނާނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މަސައްކަތް ނިންމައި މާލެ ވަޑައިގަންނަވާނީ ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ ޕަވާއޮފް އެޓާނީއާ އެއްޗެހި ނަގައިގެން ކަމަށެވެ. އެފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވަނީ އެމީހުންނަކީ މުސާރަ ނުލިބި ތިބި ބަޔަކަށް ވެފައި އެމީހުންނަށް ވަކީލަކު ކުއްޔަށް ނުހިފޭނެތީ ކަމަށެވެ.

ބ. ތުޅާދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ބިދޭސީ މަސައްކަތްތެރިންނަށް، މުސާރަ ނުދިން މައްސަލައާ ގުޅިގެން ދިވެހިންތަކެއް ރަހީނުކޮށްގެން ކުރިޔަށްދިޔަ ހަމަނުޖެހުން، ފުލުހުން ކޮންޓްރޯލްކޮށް އެކަމުގައި އިސްކޮށް އުޅުނު 19 މީހުން ފުލުހުން ހައްޔަރު ކޮށްގެންދިޔައިރު، އަދި ވެސް އެރަށުގައި ގިނަ އަދަދެއްގެ ބިދޭސީން އެބަ ތިއްބެވެ.

ބުރާސްފަތި ދުވަހުގެ ރޭ، ބޮޑުފިނޮޅުގައި ހިނގި ހާދިސާގައި، މަސައްކަތްކުރާ މުވައްޒަފުންގެ ރުޅިވެރިކަން ބޮޑުވީ އެމީހުންގެ މުސާރަ ނުދޭތާ ގިނަ މަސްތަކެއް ވެފައި ވާތީ އެވެ. އެ ރުޅިވެރިކަމުގައި އިހުތިޖާޖުކޮށް، އެރަށުގައި ތިބި 13 ދިވެހިން ވެސް ރަހީނު ކުރިއެވެ.

އެކަމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުރަތަމަ އެރަށަށް ދިޔައީ ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކަމަށެވެ.

ނަމަވެސް ބޮޑުފިނޮޅުގައި ތިބި ބިދޭސީ މަސައްކަތްތެރިން ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދެއްކުމުން އިތުރު ފުލުހުންނާއެކު އެރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެރަށަށް ދިޔަ ކަމަށާއި އެ މީހުން ދިއުމުން ފުލުހުންނާ ދިމާއަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި ހަމަނުޖެހުން ހިންގި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، އެ ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން ބ. އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދި ކަމަށެވެ. އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ބުންޏެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުފިނޮޅަށް އެ ރޭ ފަތިހު ގޮސްފައިވަނީ ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓް ޓީމަކާއި ފުލުހުންގެ ތަހުގީގު ޓީމެއްގެ އިތުރުން ބަންގްލަދޭޝްގެ ހައިކޮމިޝަންގެ ދެ އޮފިޝަލުން ކަމަށް ފުލުހުން ބުނެއެވެ.