ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދިޔަ، ބ. ބޮޑުފިނޮޅުގައި މާރާމާރީ ހިންގައި މުދަލަށް ގެއްލުންދީ، ފުލުހުންނަށް ހަމަލާދޭން އުޅުނު މައްސަލައިގައި ދައުވާކުރި ހުރިހާ ބިދޭސީން މިނިވަންވެއްޖެއެވެ.

މިދިޔަ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ދެވަަނަ ދުވަހު ހިނގި މި ހާދިސާގައި 11 ބިދޭސީން ފުލުހުން ހައްޔަރު ކުރިއެވެ. އެއީ އެ ރަށުގައި ތިބި ދިވެހިންގެ ބަޔަކު ރަށުން ފޭބުމަށް، ހުރަސްއަޅަމުންދާ ކަމަށް ފުލުހުންނަށް ހުށަހެޅި މައުލޫމާތަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި ބޮޑުފިނޮޅަށް ފުލުހުން ގޮސް ދިވެހިންތައް އެރަށުން ފުރުވާލުމަށް މަސައްކަތް ކުރުމުން އެރަށުގައި ތިބި ބަންގުލަދޭޝް ބައެއް މީހުން ފުލުހުންނަށް ހުރަސް އަޅައި ފުލުހުންނަށް ހަމަލާދޭންވެސް މަސައްކަތް ކުރިއެވެ.

ފުލުހުން އެރަށުން ފުރުމުން ދައުވާކުރި ފަރާތްތައް، އިތުރު މީހުންނާއެކު ބޮޑުފިނޮޅުގެ ބަނދަރު ސަރަހައްދަށް ގޮސް ލަކުޑިބުރި އާއި ދަގަނޑު ހޮޅި ފަދަ ތަކެތިން ވެކިހަލްތަކާއި، ކޮޓަރިތަކަށާއި ވަޑާންގެއާއި އެ ރަށުގައި ހުންނަ ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އޮފީހާއި، އެ އޮފީހުގައި ހުރި މުދަލާއި ހިފައި ގެންގުޅޭ ސާމާނަށް ވަނީ ގެއްލުންދީފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި 11 މީހުންގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް ކުރިއެެވެ.

އެ އެންމެންގެ މައްޗަށް މުދަލަށް ގެއްލުންދިނުމުގެ ދާއުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ކޮށްފައިވާ އިރު، އެ ދައުވާއާއެކު އޭގެ ތެރެއިން ބައެއް މީހުންނަށް މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެހި ގެންގުޅުމުގެ ދައުވާ އާއި، މީހަކަށް އަނިޔާއެއް ދިނުމުގެ ދައުވާ އާއި، ހުއްދަ ނޫންގޮތުގައި މީހުން ހިފެހެއްޓުމުގެ ދައުވާވެސް ކޮށްފައިވެއެވެ. އެ ހުރިހާ ދައުވާއެއް އެމީހުންގެ މައްޗަށް ވަނީ ސާބިތުވެފައެެވެ.

މިދިޔަ އާދިއްތަ ދުވަހު ކުރިމިނަލް ކޯޓުން މި މައްސަލަތަކުގެ ހުކުމް އިއްވާފައިވާ އިރު، ތޫނު އެއްޗެހި ގެންގުޅުމުގެ ދައުވާ ސާބިތުވި މީހުންނަށް އެއް އަހަރާއި ތިން މަހާއި ތިން ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ. އަނިޔާއެއް ދިނުމުގެ ދައުވާގައި އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއްް އިއްވާފައިވެއެވެ.

މުދަލަށް ގެއްލުންދިނުމުގެ ދާއުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާކުރި މީހުންނަށް އެއް އަހަރާއި ހަތް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.

ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ދައުވާ ކުރި މީހުންނަށް އިއްވާފައިވަނީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެމީހުން ޖަލުގައި ބަންދުކޮށްފައި ތިބި މުއްދަތުން، ހުކުމްގެ މުއްދަތު ކެނޑުމުން އެ މުއްދަތުތަކުގައި ޖަލުގައި ބަންދުކޮށްފައިވާތީ އެ އެންމެން ވަނީ މިނިވަންވެފައެވެ.