ޚަބަރު

ބޮޑުފިނޮޅުގައި މަސައްކަތްކުރި 46 މުވައްޒަފަކަށް މުސާރަ ދިނުމަށް މެމްބަރު ރިޒާގެ ކުންފުންޏަށް އަމުރުކޮށްފި

މުހައްމަދު އިޝާން

ބ. ބޮޑުފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތުގައި އުޅުނު 46 ބިދޭސީއަކަށް މުސާރަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނި، އާރުއައިއެކްސް ކުންފުނީގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.

ބޮޑުފިނޮޅު ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި އެރަށުގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުންނަށް ހަ މަސް ދުވަހުގެ މުސާރަ ދީފައިވާތީނުވާތީ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށާއި ކަމާގުޅޭ އިދާރާތަކަށް ހުށަހަޅައިދިނުމަށް އެދި އެރަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން ވަނީ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީީ) ގައި އެދިފައެވެ.

ޕީއައިއެލްސީން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނިކޮށް، ޕީއައިއެލްސީގެ ވަކީލުންނާއި އާރުއައިއެކްސްގެ ވަކީލުން ޓްރައިބިނަލުން ބޭރުން މަޝްވަރާކޮށްގެން 76 މީހަކަށް މުސާރަ ދީފައިވާ ކަމަށް ޕީއައިއެލްސީން ބުންޏެވެ. އަދި މައްސަލައިގައި ހިމެނޭ އިތުރު 79 މީހެއްގެ މުސާރައިގެ ކަންކަން ޓްރައިބިނަލުން ބޭރުގައި ހައްލުކުރެވިފައިވާ ކަމަށް ބުނެ އެ މުވައްޒަފުންގެ ފަރާތުން ޓްރައިބިއުނަލަށް ސިޓީ ފޮނުވުމުން އެމީހުންގެ މައްސަލަ ނުބެލުމަށް ޓްރައިބިއުނަލުން ނިންމާފައިވާ ކަމަށެވެ.

ޕީއައިއެލްސީން ބުނީ، މުސާރައިގެ މައްސަލަ ހައްލުނުވެ ތިބި 46 ބިދޭސީންގެ މައްސަލަ މިދިޔަ ބުދަ ދުވަހު ޓްރައިބިއުނަލުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޓްރައިބިނަލުން އާރުއައިއެކްސް ކުންފުނީގެ މައްޗަށް އަމުރުކޮށްފައިވަނީ އެ 46 މުވައްޒަފުންގެ ހަ މަސް ދުވަހުގެ މުސާރަ 35،000 ރުފިޔާ އާއި ކޮއްތު ފައިސާގެ ގޮތުގައި މަހަކު 6،000 ރުފިޔާ، ޖުމުލަ 41،000 ރުފިޔާ ކޮންމެ މީހަކަށް 45 ދުވަހުގެ ތެރޭގައި ދިނުމަށް ކަމަށް ޕީއައިއެލްސީން ބުންޏެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރި 199 ބިދޭސީން މުސާރަ ދީފައިނުވާތީ އެ ބިދޭސީން ވަނީ އެރަށުގައި ތިން ދިވެއްސަކު ރަހީނުކޮށް އިހުތިޖާޖުކޮށްފައެވެ. ފުލުހުން އެރަށަށް އަރަން ދިއުމުން ބިދޭސީން ވަނީ ފުލުހުންނަށް ގާ ބުރިންނާއި ދަނޑިބުރިން ހަމަލާދީފައެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން ވަނީ ހަމަލާދީފައެވެ.

ފުލުހުން ވަނީ ރާއްޖޭގައި ހުންނަ ބަންގުލަދޭޝް އެމްބަސީގެ ޑިޕްލޮމެޓެއްގެ އެހީގައި އެރަށަށް އަރައި ހަމަނުޖެހުން ހިންގި ބިދޭސީން ހައްޔަރުކޮށް ރަހީނުކުރި ދިވެހިން ސަލާމަތްކޮށްފައެވެ.

މާރާމާރީ ހިންގައި މުދަލަށް ގެއްލުންދީ، ފުލުހުންނަށް ހަމަލާދޭން އުޅުނު މައްސަލައިގައި އެ ބިދޭސީންގެ މައްޗަށް ކުރި ދައުވާތައް ވަނީ ސާބިތުވެފައެވެ. ނަމަވެސް އެމީހުންގެ މައްޗަށް ދައުވާ ސާބިތުވި އިރު، ހުކުމަށްވުރެ ގިނަ ދުވަހު ބަންދުގައި ތިބުމުން އެންމެން ވަނީ ދޫކޮށްލައިފައެވެ.

އެ މައްސަލައާ ގުޅިގެން މެންބަރު ރިޒާގެ މައްޗަށް ދައުލަތުން ވަނީ ހިއުމަން ޓްރެފިކިންގެ ދައުވާކޮށްފައެވެ. އެ މައްސަލައަށް މިހާރު ދެ އަހަރު ވެފައިވާ އިރު، އަދިވެސް ދައުލަތުން ރިޒާގެ މައްޗަށް ދައުވާ އިއްވައިފައެއް ނުވެއެވެ. ދައުވާ އިއްވަން ބާއްވާ ކޮންމެ ޝަރީއަތެއް ވަނީ ކެންސަލްވެފައެވެ. އެގޮތުން ރިޒާގެ ޝަރީއަތް ވަނީ ހަތަރު ފަހަރެއްގެ މަތިން ކެންސަލްކޮށްފައެވެ.