ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން ދިޔަ އިރު، އޮޅުވާލައިގެން ބިދޭސީން ރާއްޖެ އެތެރެކުރުމާއި މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރާ ހިއުމަން ޓްރެފިކިންގެ ދައުވާގެ އަޑުއެހުންތައް އަނެއްކާވެސް ކެންސަލްކުރަން ޖެހިއްޖެއެވެ.

މިއީ ރިޒާގެ މައްސަލައިގެ އަޑުއެހުން ކެންސަލްކުރި ތިން ވަނަ ފަހަރެވެ. މިއަދުގެ ޝަރީއަތަކީ، ދައުލަތުގެ ފަރާތުން ދައުވާ އިއްވައި ދައުވާތަށް ސާފުކޮށް އަދި ދައުވާ ލިބޭ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި އިބްތިދާއީ އަޑުއެހުމެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުން ކެންސަލްކުރަން ޖެހުނީ، ރިޒާގެ މައްޗަށް ކުރާ ހިއުމަން ޓްރެފިކިންގެ ދައުވާގައި ލިޔުމުގައި ކުށެއް އޮތުމުގެ ސަބަބުންނެވެ. އެފަހަރު އެކަން ރަނގަޅުކޮށް އަލުން ދައުވާ އިއްވުމުގެ ފުރުސަތު ޝަރީއަތުން ދިނެވެ. ނަމަވެސް ފަހުން ދައުލަތުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ލިޔުމުގައި އޮތް ކުށަށް ބަދަލު ގެންނަން ބޭނުން ނުވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވަން އުޅުމުން ރިޒާގެ ފަރާތުން ވަނީ އެކަމަށް އިއުތިރާޒު ކޮށްފައެވެ.

ރިޒާގެ ވަކީލު އަލީ ސައީދު ވިދާޅުވީ، މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުން ބޭނުންވި ގޮތަށް ލިޔުމުގައިވާ ކުށް ރަނގަޅު ކުރަން ފުރުސަތު ޝަރީއަތުން ދީފައިވާ ކަމަށާއި އެކަން އިސްލާހު ނުކުރަން ނިންމި ސަބަބު ދައުލަތު ސާފު ނުކޮށްދީ ދައުވާ އިއްވުން ރަނގަޅު ނުވާނެ ކަމަށެވެ. އެއީ ޝަރީއަތުގެ މަޖިލީސް "އެބިއުޒް" ކުރުން ކަމަށް އަލީ ސައީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، މިހާރު ދިމާވެފައިވާ ހާލަތަކީ ޖިނާއީ އިޖުރާތު ގާނޫނުގައި ތަސައްވަރުކޮށްފައި ނުވާ ކަމެއް ކަމަށެވެ. ދައުލަތުން ދައުވާ އިއްވުމަށް ދިފާއުން އިއުތުރާޒު ކުރާ ނަމަ އެކަމުގެ ސަބަބުތައް ބަޔާންކޮށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ލިޔުމުން އެ ސަބަބުތައް ހުށަހެޅުމަށް ދިފާއަށް ވަނީ އަންގައިފައެވެ.

ގާޒީ ވިދާޅުވީ ދިފާއުން ފާހަގަ ކުރި ނުކުތާތަކަށް ގޮތެއް ނިންމައިފައި ނޫނީ ދައުލަތުން އުފުލާފައިވާ ދައުވާތަކަކީ ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ކަމަކަށް ނުނިންމޭނެ ކަމަށެވެ. އެހެންކަމުން ދިފާއުން ފާހަގަކުރާ ކަންކަން ލިޔުމުން ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް އަދި ދައުލަތުން އެކަމަށް ޖަވާބުދާރީވާން އިތުރު 15 ދުވަހުގެ މުއްދަތެއް ދެއްވާ ކަމަށެވެ.

ދައުވާ އިއްވުމުގެ މަރުހަލާ ކުރިއަށް ގެންދަން ނިންމާފައި ވަނީ އެކަމަށް ގޮތެއް ކަނޑައެޅުމަށް ފަހުއެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީއެވެ.