ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން ދިޔަ އިރު، އޮޅުވާލައިގެން ބިދޭސީން ރާއްޖެ އެތެރެކުރުމާއި މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރާ ހިއުމަން ޓްރެފިކިންގެ ދައުވާގެ މިއަދުގެ އަޑުއެހުން ލިޔުމުގައި ކުށެއް އޮތުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.
ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ މީހުންނަށް މުސާރަ އާއި އުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައި، އޭގެ ތެރެއިން މުސާރަ އާއި އިނާޔަތް ހޯދަން އަޑުއުފުލި މީހުންނަށް ބިރުދައްކައި ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވެސް ރިޒާގެ މައްޗަށް ތުހުމަތުކުރެއެވެ. އަދި ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ރިޒާ އެ މީހުންނަށް މަޖުބޫރުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި މަސައްކަތްތެރިންގެ ހައްގުތަކާ ގުޅިފައިވާ އެހެނިން ފީ އާއި ފައިސާ ނުދައްކައި، އެމީހުންގެ ހައްގު ނިގުޅައިގެންފައިވާ ކަމުގެ ތުހުމަތު ވެސް ރިޒާގެ މައްޗަށް ވަނީ ކޮށްފައެވެ. އެ ހުރިހާ މައްސަލައެއް ތަހުގީގުކުރުމަށްފަހު ރިޒާގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ އޮގަސްޓު މަހުއެވެ.
ރިޒާގެ އިތުރުން އެހެން ދެ މީހަކަށް ވެސް ވަނީ ދައުވާކޮށްފައެވެ. އެއީ ނ. މާފަރު، ބުލާސަމްގެ ހަސަން އުމަރާއި ށ. މިލަންދޫ، ރެޑްރޯސް ނަސްރުﷲ އުސްމާނެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ. މީގެ ކުރިން އެ މައްސަލައިގައި އެއް އަޑުއެހުމެއް ބާއްވާފައިވާ އިރު، އެ އަޑުއެހުމަށް ވަކީލަކާ ނުލައި ހާޒިރުވުމުން ތިން މީހުންނަށް ވެސް ވަނީ ވަކީލަކު އައްޔަނުކުރުމަށް ފުރުސަތު ދީފައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު އޮތް އެ މައްސަލައިގެ އަޑުއެހުމަށް ތިން މީހުން ވެސް ހާޒިރުވީ ވަކީލުންނާއެކުއެވެ. އެ މައްސަލައިގައި ދައުވާ ލިބޭ މެންބަރު ރިޒާ އާއި އުސްމާނު ކުރިމިނަލް ކޯޓަށް ހާޒިރުވި ނަމަވެސް، ނަސްރުﷲ އަޑުއެހުމުގައި ބައިވެރިވީ ހއ. ކެލާ ކޯޓުން އޮންލައިންކޮށެވެ. މިއަދުގެ އަޑުއެހުމަކީ ދައުލަތުން ދައުވާ އިއްވުމަށްފަހު ދިފާއުން ޖަވާބުދާރީވުމަށް ބޭއްވި އިޖުރާއީ އަޑުއެހުމެވެ. ނަމަވެސް އަޑުއެހުން ފެށުމާއެކު ދައުލަތުގެ ވަކީލު ވިދާޅުވީ ހުށަހަޅާފައިވާ ދައުވާގައި ލިޔުމުގެ ކުށެއް އޮތުމުން އެކުށް އިސްލާހު ކުރުމަށް ގާޒީގެ އިޒުނަ ދެއްވުމަށެވެ.
ދައުލަތުން ވިދާޅުވީ، ލިޔުމުގައި އޮތް އެ ކުށަކީ ދައުވާގެ 12 ވަނަ މާއްދާގެ ހ. ގައި އެކެއް ލިޔެވިފައި އޮތުން ކަމަށާއި ރަނގަޅު ގޮތަކީ 12 ވަނަ މާއްދާގެ ހ. ގެ ދޭއް ކަމަށެވެ.
އެކަމަށް ދިފާއުން އިންކާރު ނުކުރި ނަމަވެސް އެދިފައިވަނީ، އިސްލާހު ކުރާ މާއްދާ ދިރާސާކުރުމަށް ދެ ހަފުތާ ދިނުމަށެވެ. ދިފާއުން އިތުރު މުއްދަތަށް އެދުމުން ދައުލަތުން އިއުތިރާޒު ނުކުރި ނަމަވެސް ވަކީލު ވިދާޅުވީ، އެއީ އިތުރު މުހުލަތެއް ދޭން ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ ވިދާޅުވީ، ދައުވާގެ ޝީގާގައި ހަވާލާ ދީފައިވާ މާއްދާތައް އިސްލާހުކުރުމަށް ފުރުސަތު ދިނުމަށް ނިންމާ ކަމަށާއި އަދި އިސްލާހުތަކާއެކު އަންނަ އާދިއްތަ ދުވަހުގެ ކުރިން ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނަނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު