ގްރޭޑް ހަތެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރަކު ބަލިވެ އިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި މިއަދު ހައްޔަރުކޮށްފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އަނިޔާ ލިބުނު ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށް ފުލުހުން ބުނެއެވެ.

ވަން އަށް އެނގިފައިވާ ރޭޕްކޮށް، ބަލިވެ އިން ކުއްޖާއަކީ ނަފުސާނީ މައްސަލަ ވެސް ހުންނަ ކުއްޖެކެވެ. އެ ކުއްޖާ ބަލިވެ އިން ކަން އެނގުނީ ހޮޑުލާތީ، އަތޮޅުގެ ވެރިކަންކުރާ ރަށުގެ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ކުރުމުންނެވެ. މި ކުއްޖާއާ ޖިންސީ ގުޅުން ހިންގާފައިވަނީ އޭނާ ދައްތަގެ ފިރިމީހާ ކަމަށް ވެސް އެ ކުއްޖާ ނިސްބަތްވާ ރަށު ތެރޭގައި ވަނީ ވާހަކަ ފެތުރިފައެވެ.

އެ ކުއްޖާ ނިސްބަތްވާ ރަށާއި އެހެނިހެން މައުލޫމާތުތައް ވަން އަށް ކަށަވަރުވެފައިވީ ނަމަވެސް އެ މައުލޫމާތު މި ހަބަރުގައި ހިމަނާފައިނުވަނީ އެ ކުއްޖާގެ ކަރާމާތަށްޓަކައެވެ.