Close
ރިޕޯޓް

ޖިންސީ ގޯނާގެ ފޮޓޯއާއި ވީޑިއޯ އާންމުކުރުން މަޖަލެއް ނޫން! ތިބާގެ ދަރިފުޅުގެ ފޮޓޯއާއި ވީޑިއޯ ފަތުރަން ކެރޭނެތަ؟

އައިދާ އަބްދުލް ހަކީމް

މިހާރަކަށް އައިސް ކުޑަކުދިން، ނުވިސްނޭ އުމުރުގެ ކުދިން އެމީހުންގެ އުމުރާ ނުގުޅޭ ފޮޓޯ އާއި ވީޑިއޯ ބޮޑެތި ސިންގާ މީހުން އެކަކު އަނެކަކަށް ފޮނުވަމުންދާކަން ފާހަގަ ކުރެވެއެވެ. އެކުދިންނަކީ މިކުރެވެނީ ކިހާ ގޯސްކަމެއްކަން ނޭނގި އެކަން ކުރާނެ ބައެކެވެ. އަދި އެމީހުން މާދަމާގެ ޒުވާނުންނަށް ވެ އެކަމުގެ ސަބަބުން އުފުލަން ޖެހޭނެ ލަދާއި ތަކުލީފު ނޭނގޭހާ ކުޑަ މައުސޫމު ބައެކެވެ.

ނަމަވެސް މި މުޖުތަމައުން ފެނިގެންދަނީ އެފަދަ ކަމެއް ފެނިއްޖެނަމަ ރައްޓެހިންނަށް އެ ފޮނުވުމާއި އެކި އެކި ގްރޫޕްތަކަށް އެ އެއްޗެހި ލުމާއި މިފަދަ ދަށުދަރަޖައިގެ އަމަލުތަކެވެ. އެކުދިންގެ ބެލެނިވެރިންނާއި އާއިލާ މީހުން ގަންނާނެ ލަދެއް އަދި އުދިންގެ މުސްތަގުބަލަށް ކުޑަ ނަމަވެސް ފަރުވާލެ ނެތި އެވެ. މިކަންކަން ގިނަ ދިވެހީންނަށް ވަނީ ބޮޑު މަޖާގަނޑަކަށެވެ.

ސުވާލަކީ މާދަމާ ތިބާގެ ދަރިފުޅު ނުވަތަ ކޮއްކޮގެ ގޯސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އާންމު ވެއްޖެ ނަމަވެސް، އެ ފޮޓޯ ނުވަތަ ވީޑިއޯ މީސް މީޑިއާގައި ފަތުރައި އާންމުކުރަން ކެރޭނެތޯއެވެ. ރައްޓެހިންނާއި މީސް މީޑިއާގެ އެކި ޕްލެޓްފޯމު ތަކުގައި އެ ދައުރު ކުރަން ކެރޭނެ ތޯއެވެ. ޔަގީނެވެ. އެފަދަ އަމިއްލަ އާއިލާގެ މެންބަރަކަށް އެފަދަ ކަމެއް ދިމާވެއްޖެ ނަމަ އެކަން އެގޮތަށް ކުރާކަށް ނުކެރޭނެ އެވެ.

އަޅުގަނޑުމެންގެ ތެރެއިން މިކަމާ މެދު ވިސްނާލަނީ ކިތައް މީހުން ބާވައެވެ. މިސާލަކަށް އެފަދަ ކަމެއް ދިމާވެ އެކުދިން ބޮޑެތިވެގެން އަންނައިރު އެކުދިންނަށް އެކަމުގެ ސަބަބުން ކުރާނެ އަސަރާއި އެކުދިން މުޖުތަމައު ތެރެއަށް ނިކުމެ އުޅެން ޖެހޭ ދުވަހު ކުރިމަތިލާން އުނދަގޫ ހާލަތާ މެދު ވިސްނައިނުލެވުމަކީ ހިތާމަވެރި ކަމެކެވެ.

ބައެއް މީހުން ބުނާތީ އަޑުއަހަމެވެ. އެއީ އެކުދިން ރަނގަޅަށް ތަރުބިއްޔަތު ނުކުރެވުނީމައެވެ. އެފަދަ ކަންކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އެކުދިންގެ މައިންބަފައިންކަމަށެވެ. ތެދެކެވެ. ޒިންމާ ނަގަން ތިބޭނީ މައިންބަފައިންނެވެ. ބެލެނިވެރީންނެވެ. އެހެންނަމަވެސް ބައެއްފަހަރު އެހެން ނުވެވެސް ހިނގައިދާނެ އެވެ. މައިންބަފައިން ކިތަންމެ ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރި ނަމަވެސް އެފަދަ ކަންކަން އެ ޅަސިކުނޑިތަކަށް ނުވިސްނިދާނެއެވެ. ދެރަ ހާލަތެއް މެދުވެރި ވެދާނެ އެވެ. އެފަދަ ފުރުސަތުތައް އަބަދުވެސް އޮންނާނެ އެވެ.

އެކުދިންނަށް އެކި ކަހަލަ ވަސީލަތްތައް މެދުވެރިކޮށް ފެންނަން ނުވާ ފަދަ މަންޒަރުތައް މި ޒަމާނުގައި ފެންނަލެއް މަދެއް ނޫނެވެ. ނަމަވެސް އެއީ ބައެއް ފަހަރު މައިންބަފައިން އެކުދީންނަށް އެކަން ދައްކައި ނުވަތަ ދަސްކޮށްދީގެން ކަމުގައި ނުވެދާނެއެވެ. އެއްވެސް މީހަކު އެމީހެއްގެ ލޯބި ލޯބި ދަރިންގެ ފަރާތުން ގޯސްކަމެއް ފެންނާކަށް ނޭދޭނެ އެވެ. ގޯސް މަގަމުން ހިނގާކަށް ވެސް ނޭދޭނެ އެވެ. އަނދަވަޅަކަށް ވެއްޓި ބަދުނާމުވާކަށް ވެސް ނޭދޭނެ އެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިން ތަރުބިއްޔަތު ކުރާނީ އެމީހަކަށް ވެވުނު އެންމެ ރަނގަޅަށްކަން ޔަގީނެވެ.

މިފަދަ ކަންކަން ތަކުރާރު ވަމުންދާތީ ޗައިލްޑް އެންޑް ފެމިލިޓީ ޕްރޮޓެކްޝަން ސާވިސް ބުނެފައިވަނީ ކުޑަކުދިންގެ ކަރާމާތަށް ގެއްލުން ވާ ފަދަ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކުރާނަމަ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. މިގޮތަށް އެމިނިސްޓްރީން ބުނެފައި މިވަނީ ކުޑަ ދެކުއްޖަކު އުމުރާއި ނުގުޅޭ އަމަލެއް ހިންގަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީގެ ދެދުވަހެއް ކުރިން ދައުރުވަމުން ދިއުމާއި ގުޅިގެންނެވެ. މީގެ ކުރިން ވެސް ކުޑަ ދެކުއްޖެއްގެ ވީޑިއޯ ވަނީ އާންމުކޮށްފައެވެ.

މިފަދަ ކަންކަމަކީ އަދަބެއް ލިބިދާނެތީ ނުކުރަންވީ ކަން ކަމެއް ނޫނެވެ. އަމިއްލަ ފަރުދީ ޒިންމާގެ ތެރެއިން މިފަދަ ކަންކަން ކުރުން ހުއްޓައިލަން ޖެހެއެވެ. އެންމެ ކުޑަ މިނުން އެފަދަ ކަމެއް އަމިއްލަ އަށް ތަހަންމަލު ކުރަން ޖެހިއްޖެނަމަ ކުރާނެ ހިތާމަ މިފަދަ ކަމެއް ކުރުމުގެ ކުރިން ވިސްނާލަން އެބަ ޖެހެއެވެ. ތިބާގެ ދަރިޔަކަށް ނުވަތަ އާއިލާގެ މެންބަރަކަށް މިފަދަ ހިތާމަވެރި ހާލަތެއް މެދުވެރިވެއްޖެ ނަމަ ކުރާނެ ފުން ހިތާމަ ހިތަށް ގެންނާށެވެ. އެ ކުދީން ބޮޑުވެ، މުޖުތަމައު ތެރެޔަށް ނުކުމެ އުޅޭ ދުވަހު އެއްކަލަ ފޮޓޯ ތަކާއި ވީޑިއޯތަކުގެ ބޭނުންކޮށް ފުރައްސާކުރާނީ ކިތައް މީހުން ހެއްޔެވެ؟ އެ ހާލަތުގައި އެ ކުދީންނަށް ދިރިއުޅުން ވާނީ ބޮޑު ވޭނަކަށެވެ. ނަފުސާނީ ބޮޑު މައްސަލައަކަށެވެ. މިއީ ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ކުރިމަތިވެދާނެ ހާލަތެއްކަން ގަބޫލު ކުރަމާ ހިނގާށެވެ. ކުޑަކުދީން ހެޔޮމަގުން ތަރުބިއްޔަތު ކުރުމުގެ ފުރިހަމަ ޒިންމާ އަހަރެމެން އެންމެންވެސް ނަގަމުން ދިއުމާ އެކީ، މަދު ފަހަރަކު ކޮންމެވެސް މީހެއްގެ ލޯބިވާ ދަރިފުޅަށް، އާއިލާގެ މެންބަރަކަށް، މިފަދަ ދެރަ ކަމެއް މެދުވެރިވާ ވަގުތު އެ ކުއްޖާ ރަށު ތެރެޔަށް އިތުރަށް ގިނަކޮށް ބަދުނާމު ކުރުމުގެ ބަދަލުގައި، އެކަން އިތުރަށް އިޝްތިހާރު ނުކޮށް، އެ އާއިލާގެ ހިތާމައިގައިވެސް ބައިވެރިވެ ރަނގަޅު ކުރާން ޖެހޭ ކަންކަމަށް ހިތްވަރުދޭ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިނގާށެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް މީހެއްގެ ލޯބިވާ ދަރިޔެއްކަން ވެސް ހަނދާން ބަހައްޓަމާ ހިނގާށެވެ. އެހެން ނުވެއްޖެ ނަމަ، މާދަމާ ބޮޑުވާ ޖީލަށް މުޖުތަމައު ތެރެޔަށް ނުކުނެ ދިރިއުޅެން ފަސޭހައެއް ނުވާނެއެވެ. އެކަމަކު އެކުދީންގެ ދިރިއުޅުން ހަލާކުކުރާ ބަޔަކަށް މިއަދު ބޮޑެތި މީހުންގެ ގޮތުގައި ތިބި އަޅުގަނޑުމެން ވެގެން ނުވާނެ އެވެ.