މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައާ ގުޅިގެން މާލެއާއި ހުޅުމާލޭގައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން "ވަން" އަށް މައުލޫމާތުދެމުން ބުނީ އެ އޮޕަރޭޝަނަކީ އެމްއެމްޕީއާރުސީގެ ހުއްދައަކާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނަކީ ޖޮއިންޓް އޮޕަރޭޝަނެއް ކަމަށާއި އޮޕަރޭޝަން ކުރިއަށްގެންދަނީ އޭސީސީއާއި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން ކަމަށް އެ އިދާރާއިން ބުންޏެވެ.
އޭސީސީން ބުނީ މިއަދުގެ އޮޕަރޭޝަން ކުރިއަށްގެންދަނީ އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުން ގުޅިގެން ކަމަށާއި އެގޮތުން މާލެ އާއި ހުޅުމާލެއިން ހަތަރު ތަނެއް ބަލައި ފާސްކުރުމަށް ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ކަމަށް އޭސީސީން ބުންޏެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލަ، އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން މި ސަރުކާރުން ވަނީ އެ މައްސަލަ ފުރިހަމައަށް ތަހުގީގުކުރާނެ ކަމަށް ބުނެފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތް ރާވައި ހިންގުމުގައި އެންމެ އިސްކޮށް ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެމައްސަލައާ ގުޅިގެން މިފަހުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރިކަމުގެ ދައުވާ އާއި ހިޔާނާތުގެ ދައުވާވެސް އުފުލައިފައެވެ. ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
މި މައްސަލައިގައި އަހުމަދު ކްރިކް ރިޒާއަށް ވެސް ވަނީ ދެ ދައުވާއެއް އުފުލައިފައެވެ. އޭނާއަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީލޯންޑަރިން ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށްވެސް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު