ރައްޔިތުންގެ ކަންބޮޑުވުން ހުންނަ ކަންކަމުގެ މައްސަލަތައް ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނާނެ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުން ކުރެވޭނެ ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީއާއި އައިޖީއެމްއެޗް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން ހުންނަ ކަންކަން ރައްޔިތުންގެ މަޖިލީހަށް ބެލޭނެ ކަމަށާއި ބެލެންވެސް ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ކަންކަން ބެއްލެވޭނެ. ރައްޔިތުންގެ ކަންބޮޑުވުން ހުންނަ ކަންކަން ރައްޔިތުންގެ މަޖިލީހަށް ބެއްލެވޭނެ. އަދި ބައްލަވަންވެސް ޖެހިވަޑައިގަންނަވާނެ،" ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުން މައްސަލަތައް ބަލާއިރު، މައްސަލައަށް ހުރަސް އެޅޭ ގޮތަށް މަސައްކަތް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން ނޫސްތަކުގައި އަޑުއިވިގެންދިޔަ ހަބަރަކީ މިފަހުން ދިމާވި ކަމެއްގައިވެސް އެކަމުގައި އަނިޔާ ލިބުނު މީހާ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން އުޅޭ ކަމުގެ ވާހަކަ ބައެއް ނޫސްތަކުގައި ލިޔެފައި ހުރި. އަޅުގަނޑު އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރިއިރު އެގޮތަކަށް ނޫން އެކަން އޮތީކީ. އެކަން އޮތީ އޭނަ އަނިޔާ ލިބުނު މީހާ ބޭނުންނަމަ އޭނާގެ ވާހަކަ އޭނާ ބޭނުންވާ ގޮތަށް ކިޔައިދިނުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ،" ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ޖަވާބުދާރީ ނުކުރާނެ ކަމަށާއި މަޖިލީހުން އަބަދުވެސް ޖަވާބުދާރީ ކުރުވަނީ ހޯމް މިނިސްޓަރާއި ކޮމިޝަނަރު އޮފް ޕޮލިސް ނުވަތަ މަތީ ބޭފުޅުން ގެނެސްގެން ކަމަށެވެ. އެއީ މަޖިލީހުން މިހާތަނަށް އަމަލު ކުރަމުން އައި ގޮތް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އަމަލު ކުރާނީ އެގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ އެކަންކަން އެގޮތަށް ކުރުމަކީ ރައްޔިތުން މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށާއި މަޖިލީިހުން އަމަލުކުރާނީ ރަނގަޅަށް ކަމަށް ގަބޫލުވެސް ކުރަންޖެހޭ ކަމަށެވެ.