ޖިންސީ ގޯނާގެ މައްސަލަތައް ނުބެލި ލަސްވާ ނަމަ، އެކަމުގެ ޝަކުވާ ހުށަހެޅުއްވުމަށާއި އެކަންކަން އަވަސް ކުރުމަށް ބާރުގެ ބޭނުންކުރައްވަން ޖެހިވަޑައިގެންފި ނަމަ އެކަންވެސް ކުރައްވާނެ ކަމަށް ޕްރޮސެކއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީއާއި އައިޖީއެމްއެޗު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ކޯޓުތަކަށް ފޮނުވާފައި ހުރި ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލަތައް ބަލައި ގޮތެއް ނިންމުން އަވަސްކޮށްދިނުމަށް ތަކުރާރުކޮށް ކޯޓުތަކުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން އެދިފައިވާނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލައެއް އެއްވެސް ތަހުގީގީ އިދާރާއަކަށް ހުށަހެޅި އަދި ޝަރުއީ މަރުހަލާގައިވެސް އެފަދަ މައްސަލަތައް ނުބެލި ދިގުލައިގެންދާކަމުގައިވާ ނަމަ ނުވަތަ ދައުލަތުގެ އިދާރާއަކަށް ޖިނާއީ މައްސަލައެއް ހުށަހެޅި އެ މައްސަލަ އެ އިދާރާއަކުން ނުބަލާނަމަ އެ އިދާރާއަކަށް އެ މައްސަލަ ބެލުމަށް އަމުރުކުރުމުގެ ގާނޫނީ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް އޮންނަ ކަމަށެވެ.

"ވަރަށް ގިނަ ބޭފުޅުން ހުށަހަޅުއްވާ ޝަކުވާއެއް މިއީ މައްސަލައެއް ހުށަހެޅިގެން އެކަމެއް ނުބަލައޭ. އެކަމެއް ނުނިމެއޭ. ދެން އެކަހަލަ ޝަކުވާއެއް އޮތީ ވިއްޔާ ގާނޫނުގައި އެބައޮވޭ އެކަހަލަ ކަންކަން ކުރާނެ ގޮތެއް ކިޔާދީފައި. މިސާލަކަށް ދައުލަތުގެ އިދާރާއަކަށް ޖިނާއީ މައްސަލައެއް ހުށަހަޅައިގެން އެ މައްސަލައެއް ބަލައި ނުދީފިއްޔާ ޕްރޮސެކިއުޓާ ޖެނެރަލަށް އެބަ އޮވޭ ގާނޫނުން ބާރު ދީފައި އެ މައްސަލަ ބަލަން އަމުރު ކުރުމުގެ ބާރު ދީފައި. އެހެންކަމުން އަޅުގަނޑު އެބާރުގެ ބޭނުން ކުރާނަން. އެކަން އަޅުގަނޑުގެ ޝަކުވާއެއް އައިސްފިނަމަ،" ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ، އެފަދަ ޝަކުވާއެއް އޮތް ނަމަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ރިޕޯޓު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ނިޒާމު މިހާރުވެސް ގާއިމުވެފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ޖިންސީ ގޯނާއާ ފުރައްސާރައިގެ މައްސަލަތަކާ ގުޅިގެން ޝަރީއަތް ނިމެންދެން މިހާރުވެސް 54 މީހަކު ބަންދުގައި އެބަތިބި ކަމަށެވެ.