ޖިންސީ ކުށުގެ ފޮރެންސިކް ތަހުލީލު ކުރުމަށް ހާއްސަ ކުރެވިފައިވާ "ރޭޕް އެވިޑެންސް ކިޓް" ބޭނުން ކުރަން ލާޒިމްކޮށް ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަު ހިސާން ހުސެއިންއެވެ.

ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ މިއިސްލާހުގައި "ރޭޕް އެވިޑެންސް ކިޓް" ގައި އެންމެ މަދުވެގެން ހަތް ސާމްޕަލެއް ހިމެނެން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

އޭގެ ތެރޭގައި، އިސްތަށިގަނޑުންނާއި ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުގެ ވަށައިގެންވާ ސަރަހައްދުތަކުން ނަގާ އިސްތައްޓާއި، ލެއާއި ކުޑަކަމުދާ ތަކެއްޗާއި، ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ އަންނައުނާއި ނިޔަފައްޗާއި، ނިޔަފަތި ދަށުން ނަގާ ސާމްޕަލް އާއި، ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުން ނަގާ ސާމްޕަލްގެ އިތުރުން އަނގައިން ނަގާ ސާމްޕަލް އާއި ހަށިގަނޑުގެ ބޭރުންނަގާ ސާމްޕަލް، ހިމެނެއެވެ.

އެ ކިޓްތާމެދު ފުލުހުން ކަންތައް ކުރަންޖެހޭނެ ގޮތްތައް ވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައި ބުނެފައިވަނީ، މިގާނޫނުގައި ބުނާ ފަދަ ކުށެއް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ކުށުގެ ޝިކާރައަަކަށްވީ ފަރާތެއް ސިއްހީ ހިދުމަތްދޭ ތަނަކަށް ހިދުމަތް ހޯދަން ގޮސްފިނަމަ އެ މަރުކަޒަކުން ސޯޝަލް ސާވިސް ޑިޕާޓްމެންޓަށް އަންގަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެގޮތަށް ސިއްހީ މަރުކަޒުން އަމަލު ނުކޮށްފިނަމަ އެކަންކުރި މީހަކު އެއް މަސްދުވަހާއި ތިންމަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ވެސް ބިލުގައި ހިމަނާފައި ވެއެވެ.