އިހުމާލުވާނަމަ 100،000 ރުފިޔާއާ ހަމަައަށް ޖޫރިމަނާގެ އަދަބު ހިމަނައި، ނަފްސާނީ ސިއްހަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގައި ފޯރުކޮށްދޭ، ނަފްސާނީ ސިއްހަތުގެ ހިދުމަތްތަކާއި، ނަފްސާނީ ފަރުވާއަކީ ވަށާޖެހޭ ނިޒާމެއްގެ ދަށުން، މުޖުތަމައުގެ ބައިވެރިވުން އޮވެގެން، އަދި ނަފްސާނީ ބައްޔަކާއެކު ދިރިއުޅެމުންދާ މީހާގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ގޮތެއްގެމަތިން ފޯރުކޮށްދެވޭ ހިދުމަތްތަކަށް އަދި ފަރުވާއަކަށް ހެދުން ކަމަށެވެ. އަދި ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ނަފްސާނީ ސިއްހަތުގެ ހިދުމަތާއި ފަރުވާ ދިނުމުގެ ނިޒާމެއް ކަނޑައެޅުން ކަމަށްވެސް ބުނެފައިވެއެވެ.
ބިލުން ހާސިލުކުރަން ހިމަނާފައިވާ މައިގަނޑު މަގުސަދުތައް:
-
- ނަފްސާނީ ބައްޔާއެކު ދިރިއުޅެމުންދާ، އެކި ހާލަތްތަކުގައި ތިބޭ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން
- ސިއްހީ ހިދުމަތުގެ ނިޒާމުގެ ތެރެއިން މެޑިކަލް، ސައިކޮލޮޖިކަލް، އަދި ކޮމިއުނިޓީ ބޭސްޑް އެހީ އާއި އިންޓަވެންޝަން މެދުވެރިކޮށް ފޯރުކޮށްދެވޭ ނަފްސާނީ ފަރުވާގެ އިތުރުން، ސައިކޯސޯޝަލް ސަޕޯޓް ފަދަ ކްލިނިކަލް ނޫން ކެއާ އާއި، އިންޓަވެންޝަންތަކާއި އެހީތެރިކަން ފޯރުކޮށްދޭ ނަފްސާނީ ފަރުވާގެ ހިދުމަތްތައް ގާއިމުކުރުން
- ނަފްސާނީ ބައްޔާއެކު ދިރިއުޅެމުންދާ މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ އެ މީހަކު ދިރިއުޅޭ މުޖުތަމައުން ފަސޭހަކަމާއެކު، އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ލިބޭނެ ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުން
- އަމިއްލަ އިހުތިޔާރުގައި ފަރުވާއަށް އެދުމުގެ ގާބިލުކަން ނެތް ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުން
- ނަފްސާނީ ބައްޔާއެކު ދިރިއުޅެމުންދާ މީހުންނަށް ދެވޭ ސިއްހީ ފަރުވާއަކީ އެ މީހުން ބައިވެރިވުން އެކުލެވޭގޮތުން ފޯރުކޮށްދެވޭ ފަރުވާއެއް ކަމަށް ހެދުމަށްޓަކައި، ފަރުވާއަށް ރުހުނަ ދިނުމުގެ އުސޫލުތަކާއި، ރުހުން ދެވޭ ހާލަތްތަކުގައި އަމަލު ކުރެވޭނެ އުސޫލުތަކާއި، ފަރުވާގެ ކަންކަމުގައި އަމަލު ކުރުމަށް އެދޭ ގޮތް ދުރާލާ ކަނޑައެޅުމުގެ އުސޫލުތައް ބަޔާންކުރުން
- ނަފްސާނީ ބައްޔާއެކު ދިރިއުޅެމުންދާ މީހަކަށް ކުރިމަތިވާ ކްރައިސިސް ނުވަތަ ޑިސްޓްރެސްގެ ހާލަތްތަކުގައި މުޖުތަމައުގެ ތެރެއިން އެ މީހަކަށް އަވަސް އެހީ ފޯރުކޮށްދިނުމަށްޓަކައި ފަސްޓް ރެސްޕޮންޑަރުން ހަރަކާތްތެރިވާނެ ނިޒާމެއް ގާއިމުކުރުން
- ނަފްސާނީ ބައްޔާއެކު ދިރިއުޅެމުންދާ މީހުންނަށް ދެވޭ ސިއްހީ ފަރުވާއަކީ ޖަވާބުދާރީކުރުވަނިި ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ފަރުވާއެއް ކަމުގައި ހެދުމަށްޓަކައި، ފަރުވާދޭ މަރުކަޒުތަކުން އަމަލުކުރަންޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުން
- މުޖުތަމައުގައި ނަފްސާނީ ސިއްހަތާއި ދުޅަހެޔޮކަމުގެ އިލްމާއި ހުނަރު އިތުރުކޮށް، ނަފްސާނީ ފަރުވާގެ ހިދުމަތްތަކާ މެދު ހެޔޮ ވިސްނުން ބައްޓަންކުރުވައި، އެ ދާއިރާއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން
ނަފްސާނީ ފަރުވާގެ ހަމަތަކާއި އުސޫލުތަކާއި، ނަފްސާނީ ފަރުވާ އާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތަކާއި، ފަރުވާދިނުމުގެ ހަމަތަކާއި އުސޫލުތައް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައިވާގޮތުން ގާނޫނުން ހުއްދަ ކުރާ ހާލަތްތަކުގައި، ތަންފީޒީ އިދާރާތަކަށާއި، ފަރުވާދޭ ފަރާތްތަކަށް މައުލޫމާތު ހާމަކުރުން ފިޔަވައި، އެނޫން ހާލަތްތަކުގައި ނަފްސާނީ ބައްޔަކާއެކު ދިރިއުޅެމުންދާ މީހެއްގެ ޒާތީ މައުލޫމާތު އެމީހަކާ ގުޅޭ ސިއްހީ މައުލޫމާތު އެ މީހެއްގެ ހުއްދަނެތި ތިންވަނަ ފަރާތަކަށް ހާމަކުރުމަކީ މަނާކަމެކެވެ.
މި ގާނޫނުގައި ބުނެފައިވާ ރިވިއު ބޯޑުގެ ހުއްދަ ހޯދަންޖެހޭ ކަމެއްގަައި އެ ބޯޑުގެ ހުއްދަނެތި ފަރުވާ ކުރިއަށްގެންދިއުމަކީވެސް މަނާ ކަމެކެވެ.
ނަފްސާނީ ބައްޔަކާއެކު ދިރިއުޅެމުންދާ އެއްވެސް މީހަކަށް، މަސްލް ރިލެކްސަންޓް އަދި އެނެސްތީޝިއާ ދިނުމަކާ ނުލައި ދޭ އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ އާއި ކުޑަކުދިންނަށްދޭ އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ އާއި، ކުޑަކުދިންނަށް ހަދާ ނިއުރޯ ސާޖަރީ ހެދުމާއި ނަފްސާނީ ފަރުވާއެއްގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން ދަރިމައިނުވާގޮތް ހެދުމަކީ މަނާ ކަމެއްކަމަށްވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން ފަރުވާދޭ ފަރާތްތަކުން އަމަލު ކުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ހައްގުތަކަށް އުނިކަމެއް އަންނަފަަ އެއްވެސް ކަމެއް ކުރުން މަކީ މަނާކަމެއް ކަަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އެފަދަ ފަރާތްތައް 50،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމަށާއި، ދެ އަހަރު ދުވަހާ ހަމައަށް ޖަލަށްލުމުގެ އިތުރުން އެ މުއްދަތަށް ލައިސަންސް ހިފެހެއްޓުމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް