ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީތަކަށް ވެއްދުމާއި، ޕާޓީ ހަރަކާތްތަކުގައި ބައިވެރިވާން މަޖުބޫރު ކުރުވުމަކީ ކުށެއް ކަމަށް، ވަޒީފާގެ ގާނޫނުގައި ކަނޑައަޅަން މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

މި ބިލު މަޖިލީހަށް ފޮނުއްވީ، އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

ބިލުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ، އެމީހަކު އެދި، ސޮއިކޮށް ހުށަހަޅައިގެން ކަމަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިރު، ޕާޓީއެއްގެ މެންބަރަކަށްވުމާއި، ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މީހަކު އަމިއްލަ އިހުތިޔާރުގައި ނިންމަންވީ ކަމެއް ކަމަށެވެ.

ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކާއި ހިންގުމުގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރަނީ ސަރުކާރުން ކަމަށްވުމުން، ވަކި ޕާޓީއަކަށް ސޮއިކުރުމަށާއި، ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ކުންފުނިތަކުގެ މުވައްޒަފުންނަށް، ބާރުއަޅައި ފިއްތުންތައް ކުރިމަތިކުރުމުގެ ފުރުސަތު ސަރުކާރުން އައްޔަންކުރާ ކުންފުނިތަކުގެ ވެރިންނަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މިފަދަ އަމަލުތަކަކީ ކުށެއްކަމުގައި ގާނޫނުގައި ކަނޑައަޅާފައި ނުވާ ކަމަށްވެސް ބިލުގައިވެއެވެ.

އެހެންކަމުން މި ބިލު ހުށަހަޅާ ސަބަބަކީ، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން، ވަކި ސިޔާސީ ޕާާޓީއަކަށް ސޮއިކުރުމަށް ނުވަތަ ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެކަމަށް އަދަބު ކަނޑައެޅުން ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

ބިލުގައި ބުނެފައިވަނީ، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށާއި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުމަކީ މަނާކަމެއް ކަމަށެވެ.

އެގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް، ނުވަތަ ޕާޓީއެއްގެ މެންބަރުކަމުގެ ފޯމެއްގައި ސޮއިކުރުމަށާއި، ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގައި ބައިވެރިވުމަށް، ދައުލަތުގެ ކުންފުންޏެއްގެ މުވައްޒަފަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން އެއްވެސް މީހަކު މަޖުބޫރުކުރުމަކީ، ޖުމަހްގެ އެއްވަނަ ދަރަޖައިގެ ކުށެއްކަަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

އެހެންކަމުން އެއީ ހަތަރު މަހާއި 24 ދުވަސް ނުވަތަ އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ.

އެ ކުށް ކުރީ ދައުލަތުގެ ކުންފުންޏެއްގެ ބޯޑު މެންބަރަކަށް ނުވަތަ ކުންފުންޏެއްގެ ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު ނުވަތަ، އެކަން ކުރީ، ވަޒީފާއިން ވަކިކުރުމުގެ ބިރު ދައްކައިގެން ނުވަތަ ވަޒީފާއިން ވައކިކޮށްގެން ކަމަށްވާނަމަ، އެމީހެއްގެ ކުށަކީ، ޖިނާއަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްކަމަށްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

އެހެންކަމުން އެއީ ދެ އަހަރު ނުވަތަ ނުވަމަހުގެ މުއްދަތަށް ޖަލު ހުމެއް އަންނާނެ ފަދަ ކުށެކެވެ.