އިޒްރޭލް ރައްޔިތުންނަށް ނުވަތަ އިޒްރޭލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް ވެސް، ރާއްޖޭގެ އިންޓްގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ހިޔާލެއް އޮތްނަމަ އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ 14:00 ގެ ކުރިން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މެއިލް ކުރުމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން އެކަން އަންގައިދިނުމަށް އެދޭ ކަމަށެވެ.
މަޖިލިސް އިދާރާއިން މިގޮތަށް އިއުލާން ކުރީ، އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ މި ބިލަށް ބޭނުންވާނެ ކަމަށް ނިންމައި އެ ފަރާތްތަކަށް އެ ފުރުސަތުދޭން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން ނިންމުމާ ގުޅިގެންނެވެ.
މީގެކުރިން ކޮމިޓީން ނިންމާފައި އޮތީ، އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އެޓާނީ ޖެނެރަލް އޮފީހާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ހިޔާލު އެކަނި ބިލަށް ހޯދުމަށެވެ.
ނަމަވެސް ވީހާ ފުޅާ ދާއިރާއެއްގައި ބިލަށް ހިޔާލާއި މަޝްވަރާ ހޯދުމުގެ މުހިއްމުކަން ފާހަގަކޮށް، އެ ފުރުސަތު ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ދޭން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ، ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
އެ ހުށަހެޅުމަށް ތާއީދުކުރެއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއެވެ. އެ ހުށަހެޅުން ފާސްކުރީ، ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް