އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލިޔަސް، އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެ އައުން މުތުލަގަށް މަނާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލް އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިރާސާ ކުރަމުންގެންދާ "ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލް" އަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ 27 ނޮވެމްބަރުވާ ހުކުރު ދުވަހުގެ 14:00 ގެ ކުރިން 241 ކޮމިޓީއަށް މެއިލް ކުރުމަށް ނުވަތަ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިއުމުން ފޮނުވުމަށް އެދޭ ކަމަށެވެ.
އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އައުން ގާނޫނުގައި މިހާރު މަނާކޮށްފައި އޮންނަނީ، 7 އޮކްޓޫބަރު 2023 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދޭން ފެށި ހަަމަލާތައް ހުއްޓަންދެނެވެ.
ނަމަވެސް އެ ގޮތް ބަދަލުކޮށް އިޒްރޭލް ޕާސްޕޯޓްގައި މުތުލަގަށް ރާއްޖެ އައުން މަނާކުރުމަށް، މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމަށް، މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މަދަނީ ވަކި ހިދުމަތެއް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.
ރާއްޖެއަށް މީހުން އައުމާއި ރާއްޖޭން މީހުން ފުރުމާ ގުޅޭ ހާއްސަ އަދި އާއްމު އުސޫލުތަކާއި ދިވެހި ރައްޔިތުންނަށް ރާއްޖޭން ފުރުމާއި އެނބުރި އައުމަށް ބޭނުންވާ ޕާސްޕޯޓް ދޫކުރުމާ ބެހޭ އުސޫލުތަކާއި ބިދޭސީން ރާއްޖެ އައުމާއި ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމާ ގުޅޭ އުސޫލުތަކާއި ރާއްޖެއަށް އައުމުގެ ނުވަތަ ރާއްޖޭގައި ހުރުމުގެ ހުއްދަ ނެތް ފަރާތްތަކާ މެދު އަމަލު ކުރެވޭނެ އުސޫލުތައް ހިމެނޭ ގޮތުން އިމިގްރޭޝަނާ ބެހޭ އުސޫލުތަކާއި އިޖުރާއަތުތައް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަނޑައެޅުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި ބިލުގައިވާގޮތުން ދިވެހިރާއްޖޭގެ އިމިގްރޭޝަނާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާނީ ވަޒީރެވެ. މި ބިލުގައި މޯލްޑިވްސް އިމިގްރޭޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަރަށް ތަފްސީލީ ގޮތެއްގައި ވަނީ ކަނޑައަޅައިފައެވެ.
އިމިގްރޭޝަންގެ ގާނޫނުގައި މިހާރުވެސް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ބަޔާންކޮށްފައި އޮންނަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ހާލަތަށް ރިއާޔަތްކޮށް ރާއްޖެއަށް އެތެރެ ނުވެވޭނެ ކަމަށެވެ.
އޭގެ ބަދަލުގައި މި ބުލުގައި ހާލަތަށް ރިއާޔަތް ނުކޮށް މުތުލަގަށް ބަޔާންކޮށްފައި ވަނީ އިޒްރޭލްގެ ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް