ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހަސްމުންނަށް ނުވާތީ ހައިކޯޓުގެ ރަޖިސްޓްރާއާ ބައްދަލު ނުވި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެންދާތީ ހައިކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރައްވަން ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) އިސްކޮށް ހުންނަވައިގެން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު މެންދުރު ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ.

ކޯޓުން ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ، އެބޭފުޅުންނަކީ ރައީސް ޔާމީންގެ ހަސްމުންނަށް ނުވާތީ ރަޖިސްޓްރާއާ ބައްދަލުކުރެވޭ ގޮތެއް ނުވި ކަމަށެވެ. ނަމަވެސް މިއަދު އެމަނިކުފާނަކީ ކާމިނީގޭ، އަބްދުﷲ ޔާމީން އެކަނި ނޫން ކަމަށާއި އެއީ ރާއްޖޭގެ އިދިކޮޅު ލީޑަރުކަމުން، އެމަނިކުފާނުގެ މައްސަލައާ ގުޅޭ މައުލޫމާތު ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ދިއުމުގެ ހައްގު އިދިކޮޅަށް އޮންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ހައިކޯޓަށް އައިސްގެން މިތަނުގެ ރަޖިސްޓްރާއަކާ ބައްދަލެއް ނުވި. ވިދާޅުވީ ހައިކޯޓުގައި އަމަލުކުރާ ގޮތުން ހަސްމަށޭ ބައްދަލުކުރެވޭނީ ނޫނިއްޔާ ދެން އޮންނަ އިޖުރާއަތެއްގެ ދަށުން ވަކީލުންނަށް ބައްދަލުކުރެވިދާނޭ. އެއީވެސް މިތަނަށް ސިޓީ ލީމަ ތިމަންނަމެން ގެންގުޅޭ އިޖުރާއަތުގެ ތެރެއިން އެކަން ވާން އޮތިއްޔާއޭ. އެކަހަލަ މޭރުމަކުން ވާހަކަފުޅު ދެއްކެވީ،" އަދުރޭ ވިދާޅުވިއެވެ.

ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ދެ ދުވަސް ފަހުން އެހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މި މައްސަލައަކީ ދިގު ލައިގެންދާނެ މައްސަލައެއް ނޫން ކަމަށާއި މަހެއްގެ ތެރޭގައި މައްސަލަ ނިންމާލައްވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި ކަމަށެވެ. ނަމަވެސް އަޑުއެހުމެއް ނުބާއްވާތާ ފަސް ވަރަކަށް މަސް ވެގެންދިޔައިރު ކޮވިޑް-19އާ ގުޅިގެން ވެސް ރައީސް ޔާމީންގެ ޝަރީއަތް ފިޔަވައި، ބައެއް ކަހަލަ ޝަރީއަތްތައް ހައިކޯޓުގައި ކުރިއަށް ގެންދިޔަ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް ތާވަލު ކުރެވޭނެ ދުވަހެއް ވެސް ބުނަން ނޭނގޭ ކަމަށް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މި މައްސަލަ ދެން ކުރިއަށް ގެންދާނެ ގޮތެއް ރައީސް ޔާމީންގެ ގާނޫނީ ޓީމާއެކު މަޝްވަރާކުރުމަށްފަހު ނިންމާނެ ކަމަށެވެ.