ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލާފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު މަގާމުން ރިޓަޔާ ކޮށްފައިވާތީއެވެ.

ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އެއް ބޭފުޅަކު ބޭނުންވާ ކަމަށެވެ. އެގޮތުން އަސާސީ މުސާރަ އާއި ރިސްކް އެލަވަންސް އަދި ލިވިން އެލަވަންސާ އެކު މަހަކު 67000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެ ކަމަށެވެ.

ފަނޑިޔާރުކަމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުވެފައިވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާން ޖެހޭނެއެވެ.

އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ. އިތުރު ޝަރުތުތަކުގެ ތެރޭގައި:

  • މުސްލިމަކު ކަމުގައިވމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން
  • ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން
  • ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމް ކުރެވި، އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން
  • އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން
  • ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން

މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފަހިރެސް ޕޯޓަށް މެދުވެރިކޮށް މިމަހުގެ 25 ގެ ކުރިން ފޯމް ހުށަހެޅޭނެއެވެ. ނަމަވެސް ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރުކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު ޖޭއެސްސީގެ ވެބްސައިޓުންނާއި އެ ކޮމިޝަނުގެ ރިސެޕްޝަން ކައުންޓަރުން ލިބޭނެއެވެ.