ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މިއަދު ހައި ކޯޓުގައި ނިންމާލައިފިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ ތުުހުމަތުތަކާ ގުޅިގެން، އޭނާ ހައްޔަރުކުރީ މި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އޭނާ ހައްޔަރު ކުރުމަށްފަހު ބަންދުގެ ގޮތުގައި 30 ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން ވަނީ ޖަހައިފައެވެ.
އެ މައްސަލައާ ގުޅިގެން ޝާހިދު ހައްޔަރުކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރު، ޝާހިދުގެ ގާނޫނީ ވަކީލުން ހައިކޯޓުގައި އިސްތިއުނާފުކުރީ، މިމަހުގެ ފަސްވަނަ ދުވަހުއެވެ.
މީގެ ކުރިންވެސް މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކޮށް މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ބޭއްވީ މިއަދު ހެނދުނެވެ.
ސިއްރުކޮށްގެން ކުރިއަށްގެންދިޔަ މިއަދުގެ އަޑުއެހުމާ ގުޅޭގޮތުން ހައި ކޯޓުން މީޑިއާއިން ބުނީ އަޑުއެހުންތައް މިއަދު ނިންމާލާފައިވާ ކަމަށެވެ. އަދި އިތުރު ކަމެއް ފާހަގަކުރަން ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށްވެސް ބުންޏެވެ.
ނަމަވެސް މި މައްސަލައިގެ ހުކުމްކުރާނެ ދުވަހެއް އަދި ތާވަލުކޮށްފައިނުވާ ކަމަށްވެސް ހައިކޯޓުން ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ކޮމެންޓް