ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ބީއެމްއެލް އަށް ދީފައިވާ ހުއްދައާ އެކު ލ.ފަރެސް އަދި ކުޑަފަރެސް ވިއްކާލަން އެ ބޭންކުން މިއަދު އިއުލާނުކޮށްފިއެވެ.

ރަހާ ރިސޯޓަކީ ލ. އަތޮޅު، ފަރެސް، ކުޑަފަރެސް އަދި ބޮޑުހުރާގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.

ހެވީ ލޯޑްގެ ތިން ރަށެއް ވިއްކާލަން ބޭންކަށް ހުއްދަ ދިނީ ބޭންކުން ނެގި ލޯނެއް ނުދެއްކި މައްސަލައިގައެވެ.

ހެވީލޯޑް ކުންފުންޏަށް ބީއެމްއެެލްއިން ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ކުރިން ވެސް ހުއްދަ ދިނެވެ.

އެ ހުއްދައާ އެކު ބީއެމްއެލްއިން އެ ތިން ރަށް ވިއްކާލުމަށް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިއުލާންވެސް ކުރިއެވެ.

ނަމަވެސް ސިވިލް ކޯޓުން ދީފައިވާ ހުއްދަ ބާތިލުކުރަން ހެވީލޯޑުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން، އެ ކޯޓުން އެ ހުކުމް ބާތިލް ކުރިއެވެ.

އޭގެ ފަހުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އަނެއްކާވެސް ތިން ރަށް ވިއްކާލަން ބީއެމްއެލްއަށް ހުއްދަ ދީފައެވެ.

ބީއެމްއެލް މިއަދު ކުރި އިއުލާނުގައި ބުނީ ކުޑަފަރެސް ވިއްކާނެ އެންމެ ކުޑަ އަގަރީ 45.6 މިލިއަން ޑޮލަރު ކަމަށެވެ. އެ ރަށް ގަންނަން އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00 ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.