ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅު ތަކާ އެކު ނިއު ނޯމަލްގައި ސްކޫލްތަކުގެ ކިޔެވުން ފަށައިފި އެވެ.
ސްކޫލްތަކުގެ ކިޔެވުން މި ފެށީ ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދުކޮށް، ކިޔެވުން މެދުކަނޑާލާފައި އޮންނަތާ ތިން މަހެއްހާ ދުވަސް ފަހުންނެވެ.
ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗް މަހުގެ ކުރީކޮޅެވެ. ނަމަވެސް ކިޔެވުން މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީވީތައް މެދުވެރިކޮށް ޓެލިކިލާސްތަކާއި އޮންލައިން ގޫގުލް ކުލާސްތައް ކުރިއަށް ގެންގޮސްފައެވެ.
ކޮވިޑް ނެތް ރަށްރަށުގެ ސްކޫލްތަކުގެ ހުރިހާ ގުރޭޑަކަށް މިއަދުން ފެށިގެން ކިޔަވައިދޭން ފެށި ނަމަވެސް މާލޭގެ ސްކޫލްތައް ހުޅުވައި ކިޔަވައިދޭނީ ގުރޭޑް 9 އިން މަތީގެ ގުރޭޑް ތަކަށެވެ. ސްކޫލްތައް ހިންގާނެ ގޮތް ކަނޑައަޅާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތަކާ ގުޅިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުން، އާ އާންމު ހާލަތުގައި ސްކޫލްތަކުން ކިޔަވައިދޭނީ ހަފްތާއަކު ހަތަރު ދުވަހު، ގިނަވެގެން ދުވާލަކު ހަތަރު ގަޑިއިރުއެވެ. ފަސް ވަނަ ދުވަހަކީ ޓީޗަރުން ސްކޫލަށް ގޮސް، ކިޔަވައިދޭނެ ބައިތައް ހަމަޖައްސާ ދުވަހެވެ.
އޭގެ އިތުރުން އާ އާންމު ހާލަތުގައި ކޮންމެ ދުވަހަކު ވެސް ކިޔަވައިދޭނީ ގިނަވެގެން ހަތަރު މާއްދާއެވެ. ސްކޫލުގައި ކިޔަވައި ނުދެވޭ ބައިތައް ފުރިހަމަ ކުރާނީ ގޫގުލް ކުލާސްރޫމް މެދުވެރިކޮށެވެ. އަދި ކޮންމެ ދެ ހަފްތާއިން އެއް ހަފްތާ ޓީޗަރުންނަށް އޮންލައިން ކުލާސްތައް ބާއްވަން ޖެހެއެވެ.
އާ އާންމު ހާލަތުގައި ދަރިވަރުން ސްކޫލަށް ވައްދާނީ ހުން ބެލުމަށްފަހުއެވެ. ސްކޫލުގައި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ކުލާސްރޫމްތަކުގައި ދަރިވަރުން ތިބޭ އަދަދު މަދުކޮށް، ގޮނޑި މޭޒުތައް ވެސް ވަނީ ދުރުކޮށްފައެވެ. އަދި ދަރިވަރުންނާއި ސްކޫލްގެ މުވައްޒަފުން އަބަދުވެސް ތިބެން ޖެހޭނީ މާސްކު އަޅައިގެންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު