ރޭޕްކުރުމާ ދެކޮޅަށް މާލޭގައި އިއްޔެ ކުރި މުޒާހަރާގައި ހައްޔަރު ކުރި ދެމީހެއްގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން އެމީހުން ދޫކޮށްލައިފިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކްރިމިނަލް ކޯޓުން މި ދެމީހުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކު ކަމަށެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި ދެމީހުން އިއްޔެ މުޒާހަރާއިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ހަމަނުޖެހުން ހިންގައި، ފުލުހުންގެ ގަޔަށް އަތްލާ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 22 އަހަރާއި 23 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.
އިއްޔެ ހަވީރު 4:30 ހާއިރު ޖެންޑާ މިނިސްޓްރީ ކައިރިން ފެށި މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ. އަދި މުޒާހަރާ ނިންމާލި ވަގުތު ހިނގި ހަމަނުޖެހުމެއްގައި ހަތަރު މީހަކު ހައްޔަރުކޮށް، ފަސް މީހެއްގެ ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި ކަމަށް އިއްޔެ މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވި "ވަން"ގެ ނޫސްވެރިޔާ މައުލޫމާތު ދީފައިވެއެވެ.
އިއްޔެގެ މުޒާހަރާއަކީ ވޮއިސް އޮފް ޗިލްރަންގެ ނަމުގައި ޓުވިޓާ އެކައުންޓެއް ހިންގާ އާންމުންގެ ބަޔަކު ރޭވި މުޒާހަރާއެކެވެ. އެ މުޒާހަރާއަކީ މި ދުވަސްކޮޅު ރާއްޖޭގައި ރޭޕްގެ މައްސަލަތަކުގެ އިތުރުން، ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި އިންސާފު ނުލިބި ހިނގައިދާނެ ކަމަށް ބުނެ ކުރިއަށްގެންދިޔަ މުޒާހަރާއެކެވެ.
އެގޮތުން މި މުޒާހަރާގެ ބައިވެރިން ވަނީ ރޭޕް ކުރުން ހުއްޓައިލުމަށް ގޮވާލައިފައެވެ. ރޭޕްގެ އެތައް މައްސަލަތަކެއް ފެންމަތިވެ، އަނިޔާ ލިބޭ މީހުންނަށް އިންސާފު ނުލިބޭ ކަމަށާއި އެކަމަށް ޒިންމާވާނީ ކާކުތޯ މުޒާހަރާގެ ބައިވެރީން ވަނީ ސުވާލުކޮށްފައެވެ. ރޭޕް އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތައް އަވަސް ކުރުމަށް ގޮވާލައި އަދުލު އިންސާފު ގާއިމުކުރުމަށާއި ފުލުހުންގެ ޒިންމާ އަދާކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލައިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު