ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ހުކުރު ދުވަހުގެރޭ ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށްބުނާ މައްސަލަޔަށް އެޓެންޑު ކުރި ފުލުސް އޮފިސަރުން ކަންކުރި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑް، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަމުން އަންނަ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ކޮންމެ ފުލުސް އޮފިސަރަކުވެސް މަސައްކަތް ކުރާނީ ފުލުހުންގެ ހުވަޔާއި އެއްގޮތްވާ ގޮތުގެ މަތީން، އެހާލަތުގައި އެ އޮފިސަރަކަށް ފެންނަ އެންމެ ރަނގަޅަކަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުން ކުރާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ މަތިން ކަމަށެވެ. މިހާރު އިންތިޒާރު ކުރަނީ މި މައްސަލައިގެ ތަހުގީގު ނިމި، ތަހުގީގުގެ ނަތީޖާއަށް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ހޮނިހިރު ދުވަހު ފުލުހުން ދޫކޮށްލީ ދެ މީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެއިތިއްބުމަށް އެދެވޭނެ ސަބަބެއް ނެތުމުން ކަމަށް ބުނެއެވެ.