ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފިއެވެ.
ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅޭގޮތުން މިހާރަކަށް އައިސް ފަތުރަމުންދާ ހަބަރުތަކާއި މައުލޫމާތުގެ ތެރޭގައި އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ޒާތީ މައުލޫމާތު ހާމަކުރަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތަށް ހަބަރު ފެތުރުމަކީ އޭގެ ސަބަބުން އެ ފަރާތް އިތުރަށް ވިކްޓިމައިޒްވެ، އެ ފަރާތުގެ އިތުރުން އެ ފަރާތާ ގުޅުންހުރި އެހެން ފަރާތްތަކުގެ ހައްގަށް ނުވަތަ އިންސާނީ ކަރާމާތަށް އުނިކަން އަންނާނޭ ކަމެއް ކަމަށާއި އެފަދަ މައްސަލަތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްގެން މެނުވީ ހާދިސާގެ މައުލޫމާތު ފެތުރުމަކީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅި، އޭގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް މުޖުތަމައުއަށް ކުރާނޭކަމެއް ކަމަށް ކޮމިޝަނުން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭގޮތުން ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، އަނިޔާ ލިބޭ ފަރާތްތަކުގެ މައުލޫމާތު ހާމަނުކުރުމަށާއި ހާދިސާ ހިނގައިދިޔަގޮތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި މެނުވީ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި "ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން" އާއި "ބްރޯޑްކާސްޓަކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމަށް އަމަލުކުރަންވީ ގައިޑްލައިން" އާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ބްރޯޑްކާސްޓަރުން ވެސް އަމަލުކުރުމަށް އެކޮމިޝަނުން އިލްތިމާސްކުރެއެވެ.
ބްރޯޑްކޮމްގެ ހަމަތަކާ ހިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނާއި ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށްވެސް ބްރޯޑްކޮމް އިން ބުނެއެވެ.
އެމްއެމްސީން ނެރުނު ބަޔާނުގައި ބުނީ ހުޅުމާލޭ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވެ ފުލުހުން ބަލަމުންގެންދާ މައްސަލައަކާ ގުޅިގެން އެކި އޮންލައިން ނޫސްތަކުގައި ޝާއިއުކުރަމުން އަންނަ ލިޔުންތަކާ ގުޅޭ ކަންބޮޑުވުންތައް އެކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނީ، ދައުލަތުގެ މަސައްކަތްތަކަށް ފާރަވެރިވެ އެ ފަރާތްތަކުން ހިންގާ ނޭދެވޭ ކަންކަން ހާމަކުރުމާއި އެންމެހާ ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް މީޑިއާގެ ދައުރު މުހިންމު ކަމަށެވެ. ނަމަވެސް މީޑިއާގެ ޒިންމާ އަދާކުރުމުގައި އަމަލުކުރަން ޖެހޭނީ ޒިންމާދާރުކަމާއި މުޖުތަމައު ބަލައިގަންނަ ހަމަތަކާއި އަހުލާގީ މިންގަނޑުގެ ތެރޭގައި ކަމަށް އެކައުންސިލުން ބުނެއެވެ.
މީގެ އިތުރުން އެމްއެމްސީން ބުނީ، ޖިންސީ ގޯނާ ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާއިރު، އެފަރާތަކީ ކާކުކަން އެނގޭފަދަ އެއްވެސް މައުލޫމާތެއް ހާމަކުރަން ޖެހޭނީ އެފަރާތެއްގެ ރުހުމާ އެކުގައި ކަމަށާއި އެފަރާތްތަކުގެ ޒާތީ އަދި އިންސާނީ ކަރާމާތައް އިހުތިރާމު ކުރަން ޖެހޭނެ ކަމަށެވެ. ޖިންސީ ގޯނާގެ މައުލޫމާތު ރިޕޯޓުކުރަންވާނީ އެއްފަރާތަށް ވުރެ ގިނަ ފަރާތުން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ފަހުގައިކަމަށްވެސް އެމްއެމްސީން ބުނެއެވެ.
މީޑިއާ ކައުންސިލްގެ ބަޔާނުގައި ވަނީ އިތުބާރު ނުހިފޭ މަސްދަރުތަކުގެ މައްޗަށް ބުރަވެ ހުރެ، ސާބިތު ނުހިފޭ މައުލޫމާތު ޝާއިއުނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޖިންސީ ގޯނާގެ އަމަލު ހިންގި ނުވަތަ ވިކްޓިމްގެ އިންސާނީ ކަރާމާތް ގެއްލޭ ގޮތަށް އެފަދަ މައްސަލައެއް ތަފްސީލުކޮށް ރިޕޯޓް ކުރުމުން ދުރުހެލިވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީޑިއާ ކައުންސިލުން ބުނީ، މީޑިއާތަކުގެ އަހުލާގީ މިންގަނޑާ ހިލާފަށް މައުލޫމާތު އާންމުކުރާ ނޫސްތަކާއި މަޖައްލާތަކުގެ މައްސަލަތައް އެކައުންސިލުން ބަލައި ގާނޫނާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު