ބިން ހިއްކާ ކޮންމެ ރަށަކުން ވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަކި މިންވަރެއް ކަނޑައަޅައި، އެތަނުން ބިން ލިބޭނެ ގޮތަކަށް ހުޅުވާލުމަކީ ރަނގަޅު ކަމެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރާއްޖޭގެ ގާނޫނުގައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެމީހާ ވަކި އުމުރަކަށް ދިއުމުން ގޯތި ލިބެން އޮތް ތަނަކުން ގޯއްޗަކަށް އެދުމުގެ ހައްގު އޮންނަ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން އެރަށެއްގެ ރައްޔިތަކަށް ނޫނިއްޔާ ރަށުން ގޯއްޗެއް ނުލިބޭ ކަމަށާއި އެއީ ވަރަށް "ޓެރިޓޯރިއަލް" ވިސްނުމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ކުރިޔަށްދާން ބޭނުންވާ ނަމަ އެ ވިސްނުމުން އަރައިގަންނަން ޖެހޭ ކަމަށެވެ.

"ހިއްކި ބިން ކޮންމެ ތަނެއްގައި އޮތްކަމުގައި ވިޔަސް އެއާ ދޭތެރޭގައި އަމަލުކުރުމުގައި ހަމަހަމަ އުސޫލެއް ގެންގުޅުން. އެއީ ވިސްނާލަން ޖެހޭ ޒާތުގެ ކަމެއް. އެތަންތަން އެއީ ސަރުކާރަށް އަދި ދައުލަތުގެ މުއައްސަސާތަކަށް ހުޅުވާލައިގެން އެންމެންނަށް ހުޅުވާލެވޭ ތަންތަން ގޮތުގައި އޭގެން ކޮންމެވެސް ވަރެއް ހެދުމުގެ ވިސްނުމެއް ގެންގުޅުމަކީ ރަނގަޅު ކަމެއް،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ގޯތި ދެވެން ހުރި ހުރިހާ ތަނަކުން ގޯތި ބޭނުން ވާ ހުރިހާ އެންމެންނަށް ގޯތި ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ގޯތި ދިނުމުގައި ބޭނުންކުރަމުން އަންނަ ފޯމިއުލާ ބަދަލުކޮށް، ބަންޑާރައިން ދީފައި ހުންނަ ގޯއްޗާ މެދު ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ބަންޑާރައިން ދީފައި ހުންނަ ގޯތި އެއްވެސް ކަމެއް ނުކޮށް ބާއްވާނީތޯ؟ ބޭނުމެއް ނުކޮށް، ފަޅުކޮށް ބާއްވަން ބަންޑާރައިން އެލައު ކޮށްފައި އަބަދު ބާއްވާނީތޯ؟ ރާއްޖޭގެ ބިމަކީ ކޮންމެ ރަށެއްގައި ވެސް އަގު ބޮޑު އެއްޗެއްކަން އެންމެން ވެސް ގަބޫލުކުރޭ. މިއާމެދު ވިސްނުމެއް ގެންގުޅެން ޖެހޭ މުޅި ދައުލަތުގެ ނިޒާމުގެ ތެރެއިން. ބަންޑާރަ ގޯތި ތާއަބަދަށް ފަޅުކޮށްފައި ބާއްވަންޏާ އަމަލު ކުރަންވީ ގޮތެއް،" އަސްލަމް ވިދާޅުވިއެވެ.