Close
ޚަބަރު

ސަރުކާރުން ހުށަހެޅި އިސްލާހުގައި ހާއްސަ ބޯޑެއް، ޕޮލިސް ކޮމިޝަނަރު އައްޔަންކުރުމަށް ލަފާދޭނީ އެބޯޑުން

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައިގެން، އެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި މިހާރު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ސަރުކާރުން ހުށަހެޅި އިސްލާހު ތަކުގެ ތެރޭގައި ބޮޑެތި ބާރުތަކަކާއެކު ޕޮލިސް ބޯޑެއް އުފައްދަން ހުށަހަޅައިފިއެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ސަބް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ފުލުހުންގެ ބިލަށް 40 އިސްލާހެއް ހުށަހަޅައިފައެވެ. އޭޖީ އޮފީހުން ބުނި ގޮތުގައި އެ އިސްލާހުތަކަކީ ފުލުހުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހޯމް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ބިލަށް އިތުރަށް ހުށަހެޅި އިސްލާހުތަކެއް ކަމަށެވެ.

ސަރުކާރުން ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލާން ޖެހޭ ގޮތަށް ވަނީ ހިމަނައިފައެވެ. އަދި އެކަން ކުރާނީ ހޯމް މިނިސްޓަރު ކަމަށާއި ކޮމިޝަނަރުގެ މަގާމު ހުސްވުމުގެ ތިން މަސް ކުރިން އެ ފުރުސަތު ހުޅުވާލަންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. ފުލުހުންގެ ގާނޫނު މިހާރު ބުނާ ގޮތުން، ކޮމިޝަނަރު އޮފް ޕޮލިސް އައްޔަންކޮށް ވަކި ކުރާނީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

ނަމަވެސް އިސްލާހުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުންތަކެއްގެ މައްޗަށް އެކުލެވޭ ވަކި ބޯޑެއް އުފައްދައި، އެ ބޯޑުގެ ދައުރާއި މަސްއޫލިއްޔަތު ބަޔާންކުރާ މާއްދާތަކެއް ހިމެނޭ އާ ބާބެއް އިތުރު ކުރުމަށް ހުށަހެޅި ހުށަހެޅުމެވެ.

އޭޖީ އޮފީހުން ބުނީ، ޕޮލިސް ބޯޑެއް އުފެއްދުމުގެ ބޭނުމަކީ ފުލުހުންގެ ހިދުމަތުގެ މަސައްކަތްތައް ހިނގަނީ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިންކަން ކަށަވަރު ކުރެވޭނެ އެކްސްޓާނަލް ރިވިއު މެކޭނިޒަމެއް ތައާރަފްކުރުން ކަމަށެވެ. ނަމަވެސް އެއީ ކިތައް މެންބަރުންގެ ބޯޑެއް ކަމެއް އެ އޮފީހުން ބުނެފައެއް ނުވެއެވެ.

އެގޮތުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް މީހަކު އައްޔަންކުރުމުގެ މަރުހަލާތަކުގައި ލަފާދިނުމާއި ކޮމިޝަނަރު ކަމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުމުގެ ބާރު ވެސް ދީފައިވަނީ ޕޮލިސް ބޯޑަށެވެ. ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެކުލަވާލާ ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތްކޮށް، ޕޮލިސް ބޯޑުން ރިޕޯޓެއް އެކުލަވާލައި މިނިސްޓަރަށް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ އިސްލާހެއް ހުށަހަޅައިފައެވެ.

އޭގެ އިތުރުން ފުލުހުންގެ ހިދުމަތް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި 241 ކޮމިޓީއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް ބަދަލުގެނެސް، ފުލުހުން ޒިންމާދާރުކުރުވުމަށް ޕޮލިސް ބޯޑުގެ މެންޑޭޓަށް ބައެއް ކަންކަން ބަދަލުކުރުމަށް ވެސް ހުށަހަޅާފައި ވެއެވެ. އަދި ފުލުހުން ކުރަމުން އަންނަ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރާއި ކޮމިޝަނަރާ ސުވާލުކޮށް، 241 ކޮމިޓީން އިސްލާހުކުރުމަށް ހުށަހަޅާ ކަންކަމާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ލާޒިމުކޮށް، ކޮމިޓީން ހުށަހަޅާ ގޮތަށް އިސްލާހުކުރެވެން ނެތް ކަންކަން، ސަބަބު ބަޔާންކޮށް އެންގުމަށް ކަނޑައަޅައި، ކަމާބެހޭ ބާބު އިސްލާހުކުރުމަށް ވެސް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.