މަޖިލީހާ ގުޅުން ހުރި މީހަކު ކުށެއް ކުރީމަ މެންބަރުން ކާކީ ސޯޓު ލައި ލަޓިބުރި އަތަށް ނަގަން ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައިވަނީ ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން މަޖިލީހާ ގުޅުން ހުރި މީހަކު ކުށެއް ކޮށްފި ހާލަތެއްގައި މުޅި ދައުލަތް މަޖިލިސް ކުރިމަތީ ކުޑަކަކޫ ޖަހަން ޖެހޭ ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ. އަދި ސަރުކާރު، ފުލުހުން، ސިފައިން އަދި އެހެން މުއައްސަސާތައް މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ބިރުދައްކަމުން ދާތާ ވަރަށް ދުވަސްވެއްޖެ ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވިއިރު ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށްބުނާ މައްސަލައިގައި ހިމެނޭ ދެމީހުންނަކީ ސަރުކާރުގައި ނުފޫޒު އޮންނަ ބައެއް ކަމަށާއި، މަޖިލީހާއި ގުޅުން ހުރި މީހެއް ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް މިމައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެ މައުލޫމާތު ކަމާބެހޭ އިދާރާއަކުން އާންމުކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ހިމެނޭ ދެމީހުން ދޫކޮށްލީ އެވަގުތާ ހަމަޔަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށް ބުނެފައެވެ. އަދި މި މައްސަލައާއި ގުޅިގެން އަނިޔާ ލިބުނު ބިދޭސީ އަންހެން މީހާ އެއްވެސް މީޑިއާއަކަށް މައުލޫމާތު ނުދޭ ކަމަށާއި، މިފަދަ ނާޒުކު މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ހަގީގަތާ ހިލާފަށް އަދި އަނިޔާ ލިބިފައިވާ މީހާއަށް އިތުރު އުނދަގޫ ކުރިމަތިވާ ގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އިލްތިމާސް ކޮށްފައެވެ.