ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ނޮކްއައުޓް ބުރުގެ ފޯރި ފެށުމަށް ތައްޔާރުވެއްޖެއެވެ. ކަން ދިމާކުރި ގޮތުން ގަދަ ހަތަރެއްގައި މިފަހަރުވެސް ދިވެހި ރާއްޖެއެއް ނެތެވެ. ދިވެހީންނަށް އެއީ ފަޅު ކަމަކަށްވާނެ އެވެ. އެހެން ނަމަވެސް މިފަހަރު މުބާރާތުގެ މަންޒަރަށް ބަލައި، މިފަހަރުގެ ސެމީ ފައިނަލް މެޗުތައް ވެގެންދާނީ މުޅިން ތަފާތު ފޯރިއެއް ފެންނާނެ ސެމީ މެޗުތަކަކަށެވެ. ހާއްސަކޮށް ދެކެފަރިތަ ބައެއް ތަރިންގެ ކުރިމަތިލުމަކަށެވެ. ތާރީހު ލިޔެލެވިދާނެ ކުރިމަތިލުންތަކަކަށެވެ.
ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު އޮތް ހާލަތުން ސެމީން ކުރިއަށްދާނެ ޓީމެއް ސީދާ ބުނެލަން އުނދަގޫވާނެއެވެ. އެންމެފަހުގެ ދެ އަހަރުގެ ޗެމްޕިއަން އިންޑިއާއިން ކުރިމަތިލަނީ ސެމީއަށް 18 އަހަރު ފަހުން އައި ބޫޓާނާ އެވެ. އިންޑިއާގެ ސްކޮޑަކީ އެންމެ ވަރުގަދަ ސްކޮޑު ނޫން ކަމަށްވުމާއެކު ބޫޓާނަށް އުންމީދު އެބައޮތެވެ. ހާއްސަކޮށް ބޫޓާނުން ސާބިތުކޮށްދެމުން އަންނަނީ އެގައުމުން ފުޓުބޯޅައަށް ކުރާ މަސައްކަތުގެ ކާމިޔާބުކަމެވެ. އެންމެ ރަނގަޅު ހާލަތުގައި ނޫން ނަމަވެސް، މިހާރުގެ ބޫޓާނަކީ ކޮޅަށް ގޯލްތަކެއް ވައްދާލަން ފަސޭހަ، ބަލިކަށި ޓީމެއް ނޫނެވެ. ބޫޓާނުން ފެންނަނީ ތަފާތު ދިރުމެކެވެ. ވަރުގަދަ ސިސްޓަމެކެވެ.
ދެން އޮތީ "ބްލޮކްބަސްޓާ" މެޗެކެވެ. ހޯސްޓް ބަންގްލަދޭޝްއިން 2003 ވަނަ އަހަރަށްފަހު ސާފްގެ ތަށި ހޯދަން މާކުރިއާލައި ކަނޑައަޅާފައިވާ އިރު، އެތައް ހާސް ސަޕޯޓަރުންނެއް އިންތިޒާކުރާ ފައިނަލަށް ދާން ހުރަހަކަށް އޮތީ ޕާކިސްތާނެވެ. ފުޓުބޯޅައަށް މަރުދޭ ބަންގްލަދޭޝްގައި، ޕާކިސްތާނުން އެގައުމު ބަލިކުރުން ވެގެންދާނީ މުބާރާތުގެ ތާރީހަށް ބަލާއިރުވެސް ތަފާތު މަންޒަރަކަށެވެ. ދެގައުމުގައިވެސް ޔޫރަޕްގެ ހުނަރު ފެންނާނެއެވެ. ސާފަށް އައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް ކަމަކީ އެހެން ގައުމުތަކަށް އުފަން ކުޅުންތެރިން، މައިންބަފައިން ނިސްބަތްވާ ގައުމުތަކަށް ކުޅުވުން ކަމަށްވާ އިރު، އެފަދަ ތަރިންތަކެއް ދެޓީމުންވެސް ފާހަގަވެއެވެ. އިންޓަނޭޝަނަލް ބްރޭކް ރަސްމީކޮށް ފެށިފައި އޮތުމާއެކު ދެޓީމަށްވެސް ވަނީ އެ ދިރުން ލިބިފައެވެ.
އިންޑިއާ - ބޫޓާން
އިންޑިއާއަކީ ރާއްޖެ ހިމެނުނު ގްރޫޕް ބީގެ އެއްވަނައެވެ. ކޯޗު ނައުޝާދު މޫސާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންޑިއާއަށް މުބާރާތުގެ ތެރެއިން ސްކޮޑު ބަލިކަށިވުމާ ކުރިމަތިވި ނަމަވެސް، އަދި އެޓީމަށް މަޑު ޖެހުމެއް ނާދެއެވެ. ޕާކިސްތާން ކައިރިން 3-2 އިން އިންޑިއާ މޮޅުވެފައި އޮތް އިރު، ރާއްޖެ ބަލިކުރީ 1-0 އިންނެވެ. ޒުވާން ފޯވަޑް ސުހައިލް އަހުމަދު ބަޓް ވަނީ ގްރޫޕް ސްޓޭޖުގައި ތިން ގޯލް ޖަހައިފައެވެ. އޭނާއާއި ޕާކިސްތާނުގެ ނަޖީބުﷲ އަކީ މިވަގުތު މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންނެވެ.
ކޯޗު ނައުޝާދު މޫސާއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ޓީމުގެ ފެންވަރު މުޅި މެޗުގައި އެއްވަރެއްގައި ހިފެހެއްޓުން ކަމަށް ގްރޫޕް ސްޓޭޖަށް ބަލައި، ބުނެވިދާނެއެވެ. ޕާކިސްތާން މެޗުގައި ތިން ގޯލް ޖަހާފައި އޮއްވާ އިންޑިއާ ކޮޅަށް ދެ ގޯލް ވަދެފައިވެއެވެ. ރާއްޖެ މެޗުގައި ފުރަތަމަ ހާފުގައި ލީޑު ނެގި އިންޑިއާގެ ފަރާތުން ދެވަނަ ހާފުގައި އެ ފެންވަރު ފެނިފައެއް ނުވެއެވެ. ރާއްޖޭން ނުރައްކާ ކުރިއެވެ. މަދުވީ ގޯލެކެވެ.
ބޫޓާނުން 2018 ވަނަ އަހަރަށްފަހު ފުރަތަމަ ސެމީއަށް ނުކުންނަނީ ގްރޫޕް އޭގެ ދެވަނަ ހޯދައިގެންނެވެ. އެޓީމުން ސެމީ ޔަގީންކުރީ ސްރީ ލަންކާ ކައިރިން ހޯދި ޕޮއިންޓަކާއެކުގައެވެ. އެއީ 2-2 އިން މެޗު އެއްވަރުކޮށްގެންނެވެ. ބޫޓާނުން ބަންގްލަދޭޝް ކައިރިން 1-0 އިން ބަލިވި ނަމަވެސް، އެ މެޗަކީ ރަނގަޅު ނަތީޖާއެކެވެ. އެ ނަތީޖާ ވެގެން ދިޔައީ ފައިދާ ގޯލް ގުނުމުގައި މުހިއްމު މެޗަކަށްވެސް މެއެވެ. އިންޓަނޭޝަނަލް ބްރޭކަށްފަހު ބަންގްލަދޭޝްގެ ތަރިން އައިސް ލަންކާ ކޮޅަށް ހަތަރު ގޯލް ޖެހުން ވެގެންދިޔައީ ބޫޓާނަށް ސެމީ ޔަގީންވި ސަބަބަށެވެ.
ގައުމީ ޓީމަށް 51 މެޗުން 15 ގޯލް ޖަހައިދީފައިވާ ޗެންޗޯ ޔެލްޓްޝެންގެ ތަޖުރިބާއާއި ހުނަރުން ބޫޓާނަށް ހިތްވަރު ލިބޭއިރު، ބޫޓާން ނުކުންނާނީ ތާރީހުގައި ފުރަތަމަ ފައިނަލުން ފުރުސަތު ހޯދުމަށެވެ. މިހާތަނަށް ބޫޓާނަށް އިންޑިއާ ބަލިކުރެވިފައެއް ނުވެއެވެ.
ޖުމުލަ ފަސް މެޗު ކުޅުނު އިރު އިންޑިއާ ހަ މެޗުން މޮޅުވިއެވެ. އެ ހުރިހާ މެޗަކީވެސް ސާފްގެ މެޗުތަކެވެ. ސާފް ގޭމްސްއާއި ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކެވެ. އިންޑިއާއިން ބޫޓާން ކޮޅަށް އެމެޗުތަކުގައި ޖުމުލަ 16 ގޯލް ޖަހާފައިވާ އިރު، ބޫޓާނަށް އިންޑިއާ ކޮޅަށް ގޯލެއް ޖެހުނީ 2008 ވަނަ އަހަރު ސާފްގައެވެ. އެންމެފަހުން ދެގައުމުން 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުރިމަތިލި މެޗުން އިންޑިއާ މޮޅުވީ 5-0 އިންނެވެ. އެހެންކަމުން ތާރީހު ބުރަވަނީ އިންޑިއާ ކޮޅަށެވެ.
ބަންގްލަދޭޝް - ޕާކިސްތާން
ބަންގްލަދޭޝްއާއި ޕާކިސްތާނަކީ މި ސަރަހައްދުގައި މިހާރު ވާދަވެރި ދެގައުމެވެ. ދެގައުމުގެ ފުޓުބޯޅައިގެ މިސްރާބުވެސް ހުރީ މައްޗަށެވެ. ގައުމުގެ ލޯކަލް ފުޓުބޯޅަ އެންމެ އެކަށީގެންވާ ގޮތެއްގައި ނެތް ނަމަވެސް، ގައުމީ ޓީމުތަކުގެ ފެންވަރު އަންނަނީ އުފުލެމުންނެވެ. އެއީ ޔޫރަޕްގެ އިތުރުން އެމެރިކާގެ ސަރަހައްދުގައިވެސް ދިރިއުޅޭ އެގައުމުތަކަށް ނިސްބަތް ވާ ކުޅުންތެރިން ގައުމީ ޓީމަށް ކުޅެމުންދިޔުމާއެކުގައެވެ. އެ ތަޖުރިބާ ދެޓީމުންވެސް ފެނެއެވެ.
ދާދިފަހުން ފީފާ އާސިއާން ކަޕްގައިވެސް ވާދަކުރި ދެގައުމު ކަމަށްވާ ޕާކިސްތާނާއި ބަންގްލަދޭޝްގެ ގްރޫޕް ސްޓޭޖު މެޗުތަކަށް ބަލާ އިރު، ބަންގްލަދޭޝް އޮތީ ފުރިހަމަ ރެކޯޑެއްގައެވެ. ދެމެޗުން ދެ މޮޅު ހޯދީ ކޮޅަށް ގޯލެއްވެސް ވަނަ ނުދީއެވެ. ބަންގްލަދޭޝްއިން ގްރޫޕް ސްޓޭޖުގައި ފަސް ގޯލް ޖެހިއެވެ. ޕާކިސްތާނުން ރާއްޖެ ކައިރިން 3-0 އިން މޮޅުވި އިރު، ބަލިވީ އިންޑިއާ ކައިރިން ހަނި ގޮތަކަށެވެ.
ދެގައުމުގެ ފުޓުބޯޅަ ތާރީހެއް އެބައޮތެވެ. އެހެން ނަމަވެސް އެއީ މުޅިން ތަފާތު ހާލަތެއްގައި އޮތް ގައުމީ ޓީމުތަކަކާއެކުގައެވެ. ނެޗުރަލައިޒްކޮށްގެން ކުޅުންތެރިން ގެނައުމުގެ ކުރިންނެވެ. ސާފް ގައުމުތަކުގެ އެ މަސައްކަތާއެކު މިހާރު ގައުމީ ޓީމުތަކުގެ ފެންވަރު ވަޒަންކުރާނެ އެންމެ ބޮޑު މުބާރާތަކީ މިއީ ކަމަށްވާނެއެވެ.
ދެގައުމުން އެންމެ ފަހުން ކުރިމަތިލީވެސް މިފަހަރު މުބާރާތް އޮންނަ ޑާކާ ނެޝަނަލް ސްޓޭޑިއަމްގައެވެ. އެއީ އޭރު ބަންގަބަންދު ސްޓޭޑިއަމެވެ. 2018 ވަނަ އަހަރު ބަންގްލަދޭޝްއިން އޮތީ 1-0 އިން ޕާކިސްތާން ބަލިކޮށްފައެވެ. އެހެން ނަމަވެސް އޭގެ ކުރިން 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ވަނީ 2-1 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ. 2009 އަދި 2011 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ދެ ގައުމުގެ ކުރިމަތިލުންތައް ގޯލެއް ނުޖެހި އެއްވަރުވި އިރު، 2005 ވަނަ އަހަރު ބަންގްލަދޭޝްއިން ޕާކިސްތާން ބަލިކުރީ 1-0 އިންނެވެ. އަދި 1999 ވަނަ އަހަރު ބަންގްލަދޭޝްއިން ސާފްގައި ޕާކިސްތާން ބަލިކުރީ 4-0 އިންނެވެ. އޭގެ ކުރިން 1995 ވަނަ އަހަރު ޕާކިސްތާނުން ބަންގްލަދޭޝް ކައިރިން 1-0 އިން މޮޅުވި އިރު، ސާފް ގޭމްސްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވީ ޕާކިސްތާނެވެ. ބަންގްލަދޭޝް މޮޅުވީ އެއް މެޗުންނެވެ.
ކުރިންވެސް ފާހަގަކުރިހެން މި މެޗު ވެގެންދާނީ ނެޗުރަލައިޒް ތަރިންގެ ކުރިމަތިލުމަކަށެވެ. ބަންގްލަދޭޝްއިން ކުރިން ލެސްޓާ ސިޓީއަށް ޕްރިމިއާ ލީގުގައި ކުޅުނު، މިހާރު ޝެފިލްޑް ޔުނައިޓެޑްގެ ހަމްޒާ ޗޯދުރީގެ ކެޕްޓަން ކަމުގެ ދަށުގައި ނުކުންނަ އިރު، ކެނެޑާއަށް އުފަން އެމެރިކާ ލީގުގައި ކުޅޭ ޝަމިޓް ޝޯމްވެސް އަންނަނީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. އޭގެ އިތުރުން ފުލަމްގެ ލޯނެއްގައި ފަސްވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ބަންގްލަދޭޝްގެ އުމުރުން 19 އަހަރުގެ ފަރްހާން އަލީ ވަހީދުވެސް ވަނީ ލަންކާ ކައިރީ އޭނާގެ ޖާދޫ ދައްކާލައިފައެވެ.
އެ ކުޅުންތެރިންނާއެކު ބަންގްލަދޭޝްގެ މުޅި ފުޓުބޯޅަ މާހައުލު ބަދަލު ވެ، ފުޓުބޯޅައަށް އޮތް ޝައުގު ބޮޑުވެފައި އޮތުމަކީ ތަށްޓަށް އޮތް ބޮޑު ފުރުސަތެކެވެ.
ޕާކިސްތާނުން ނުކުންނަނީވެސް ވަކި ލުއިކޮށެއް ނޫނެވެ. ސްވިޑެންގެ އެންމެފަހުގެ ޗެމްޕިއަން މިޔެލްބީއަށް ކުޅެމުން އަންނަ އަބްދުﷲ އިގްބާލަކީ ޓީމުގެ ތަނބެވެ. އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު އޭނާ ވަނީ އިއްޔެ ފަރިތަކުރުންތަކަށް ނުކުމެފައެވެ. ޔޫރަޕްގެ ތިންވަނަ ފަންތީގެ މުބާރާތް ކޮންފަރެންސް ލީގުގައިވެސް ކުޅެމުން އަންނަ އިގްބާލާއެކު އިނގިރޭސިވިލާތަށް އުފަން، ކުރިން އެސްޓަން ވިލާ ސްކޮޑުގައިވެސް ހިމެނުނު އީސާ ސުލައިމާނަކީވެސް އަލަށް ގުޅުނު ތަރިއެކެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ އަޒަރުބައިޖާންގެ ފުރަތަމަ ޑިވިޝަނުގެ ސުމްގަޔީއަށެވެ. އޭނާ ވަނީ އިންގްލެންޑްގެ ޒުވާން އުމުރުފުރާ ޓީމުތަކަށް ކުޅެފައެވެ.
އޭގެ އިތުރުން ވެސްޓްބްރޮމް އެކަޑެމީގައި އުޅެ، އިނގިރޭސި 16 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޓީމަށް ކުޅުނު އާދިލް ނަބީއަކީވެސް ޕާކިސްތާނުގެ ހަތިޔާރެކެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ގްރީސްގެ ތިންވަނަ ޑިވިޝަނުގެ ޕަނަޗައިކީ އެފްސީއަށެވެ. އޭގެ އިތުރުން ސްވިޑެންއަށް އުފަން، އެގައުމުގެ ތިންވަނަ ޑިވިޝަނުގައި ކުޅޭ މުހައްމަދު އަލީ އަކްބަރަކީވެސް ޔޫރަޕްގެ ތަޖުރިބާ ހުރި ކުޅުންތެރިއެކެވެ.
ޕާކިސްތާނުގެ ކޯޗިން ޓީމުގެ އެންމެ ވަރުގަދަ ދެ މޫނަކީވެސް ޕްރިމިއާ ލީގުގެ ލެޖެންޑުންނެވެ. ކުރިން ނިއުކާސަލްއަށް ކުޅުނު ނޮލްބާޓް ސޮލާނޯ ކޯޗަކަށް ހުރި އިރު، އެސިސްޓެންޓަކީ ސަންޑަލޭންޑް ފަދަ ކްލަބުތަކަށް ކުޅުނު ޓައިޓަސް ބްރަބެލް އެވެ. އަނެއްކޮޅުން ބަންގްލަދޭޝްގައި ހުރީ ކުރިން އެމެރިކާ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ލެޖެންޑް ތޯމަސް ޑޫލީ އެވެ.
ކޮންމެއަކަސް ތަފާތު މަންޒަރެއްގެ ސެމީ ފައިނަލްތަކެކެވެ. ސާފްގެ ތާރީހުގައި ފެންނާނެ އެންމެ ވަރުގަދަ ސެމީތަކަށްވެސް ވުން ގާތެވެ. އިންތިޒާރަށް އޮތީ ކުޑަ ވަގުތު ކޮޅެކެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް