ބަންގްލަދޭޝްގެ ޑާކާއިން މުހައްމަދު ޝަމްއޫން - ވަން ސްޕޯޓްސް

އިންޑިއާއިން 1997 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގައި ހިމެނުނު ނައުޝާދު މޫސާއަކީ މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނު އެއް ޝަހުސިއްޔަތެވެ. މަޑުމައިތިރި މިޒާޖެއްގެ ކޯޗު ނައުޝާދު ފެނުނީ ނޫސްވެރިންނާވެސް ގާތް، އަބަދުވެސް އިހުތިރާމާއެކު ވާހަކަ ދެއްކި ކޯޗެއްގެ ގޮތުގައެވެ. އޭގެ އިތުރުން ފުރަތަމަ ދުވަހުން ފެށިގެންވެސް ގޯސް ކަންކަމަށް އެއްވެސް ވަރަކަށް ވާހަކަ ދައްކައި، ނުވެ ހުރި ކަންކަމަށް، ނުވާނެ ކަމަކަށް ވާހަކަ ނުދައްކައެވެ.

ނައުޝާދު މުބާރާތަށް ނުކުތީ އިންޑިއާގެ އެންމެ ސީނިއާ ސްކޮޑާއެކުގައި ނޫން ނަމަވެސް، އެއީ "ބީ" ޓީމު ނޫން ކަމަށްވެސް ނައުޝާދު ބުންޏެވެ. އެއީ ވަރުގަދަ ޕާކިސްތާނާ ކުރިމަތިލި ފައިނަލް މެޗުގެ ކުރިންނެވެ. އަދި އަބަދުވެސް ބުނަމުން ދިޔައީ އޭނާގެ ކުޅުންތެރިންނަކީ ފެންވަރު ދަށް ކުޅުންތެރިން ނޫންކަން ސާބިތު ކޮށްދޭނެ ކަމަށެވެ.

އެކަން ކޮށްފިއެވެ. ޕާކިސްތާން ކައިރިން ފައިނަލުގައި 2-1 އިން މޮޅުވެ، އިންޑިއާއިން ވަނީ 10 ވަނަ ފަހަރަށް ސަރަހައްދީ ޗެމްޕިއަންކަން ހޯދައިފައެވެ. މީގެ ކުރިން ހޯދި ކާމިޔާބީތަކާ މިފަހަރުގެ ކާމިޔާބު ތަފާތުވީ ޓީމަށް ދިމާވި އެކިއެކި ހާލަތްތަކުގެ ތެރެއިން އެ ހޯދި ހިތްވަރެވެ. ކުރިން ޓީމާއެކު ސާފްގައި އެތައް ކާމިޔާބީއެއް ހޯދި ސުނިލް ޗެތުރީ ފައިނަލް މެޗަށްފަހު ކޯޗު ނައުޝާދުގެ ނަން ވަކިން ފާހަގަކޮށް ކިޔާފައިވާ މަރުހަބާއިންވެސް އެކަން ދޭހަވިއެވެ.

އިންޑިއާއަށް ޗެލެންޖްތަކެއް ދިމާވި، ނައުޝާދު އެކަމަށް ސަމާލުކަމެއް ނުދޭ

14 ނޮވެމްބަރު 2026، ޑާކާ، ބަންގްލަދޭޝް، ސާފް ޗެމްޕިއަންޝިޕް 2026 ގެ ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން އިންޑިއާ ކޯޗު ނައުޝާދު މޫސާ --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

މިއީ އިންޑިއާއަށް ސާފް ޗެމްޕިއަންޝިޕެއްގައި އެންމެ ޗެލެންޖް ބޮޑުވި އެއް ފަހަރެވެ. ބަންގްލަދޭޝްއާއި ޕާކިސްތާންގެ އިތުރުން ބޫޓާން ފަދަ ގައުމުތައްވެސް ވަރުގަދަކޮށް ފެނުނު އިރު، އިންޑިއާގެ ސްކޮޑު އޮތީ ހާލު ދެރަކޮށެވެ. ފުރަތަމަ މުބާރާތް ފެށީ އިންޓަނޭޝަނަލް ބްރޭކުގެ ބޭރުން ކަމަށްވީ އިރު، އެޓީމުން ޕާކިސްތާނާ ދެކޮޅަށް ފުރަތަމަ ކުޅުނު މެޗުގައި ތިން ކީޕަރުން ނުލައި، ދެން ޓީމުގައި ހިމެނުނީ އެންމެ 17 ކުޅުންތެރިންނެވެ.

އިންޑިއާއިން މިމަހު 12 އާއި 15 ވަނަ ދުވަހު ނިއު ޒީލެންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެމެޗަށްވެސް ސާފް ސްކޮޑުން ބައެއް ކުޅުންތެރިން ގެންދިޔައެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ކެޕްޓަންކަން ކުރި ބިޖޯއި ވަރްގީސްއާއި މުހައްމަދު ސުހައިލް އަދި ފަހުން ސްކޮޑާ ގުޅެން އޮތް ލިސްޓަން ކޯލަސޯ ސީނިއާ ސްކޮޑަށް ދިޔަ އިރު، ސާފް ސްކޮޑުގައި ހިމެނާފައިވާ ޓޮމްބާ ސިންހަށްވެސް އަނިޔާވެ ސާފްގައި ކުޅެވިފައެއް ނުވެއެވެ.

އެއާއެކު ފަހުން ޓީމާ ގުޅެން ތިބި ބައެއް ސީނިއާ ކުޅުންތެރިން ކަމަށްވާ ސުރޭޝް ސިންހާއި ރޮނީ ކަރްބުޑޯންވެސް ފަހުން ސާފަށް ގެނެސްފައެއް ނުވެއެވެ.

"އަހަރެން ގަބޫލުކުރާ އެއް ކަމެއް އޮވޭ. އެއީ ގޯސްކޮށް ހުންނަ ކަންކަމުގައި ހިފާ ދެމުމަށްވުރެ އަބަދުވެސް ރަނގަޅުވާނީ ހައްލު ހޯދުމަށް ވާހަކަ ދެއްކުމޭ،"
އިންޑިއާ ކޯޗު ނައުޝާދު

ކޯޗު ނައުޝާދު ބުނީ އޭނާ ކުޅުންތެރިންނަށް ދިން މެސެޖަކީވެސް، ސާފުކޮށްދިން މަންޒަރަކީވެސް ހާލަތަކީ މިއީ ކަމަށާއި، ދެން އޮތީ މި ހާލަކުގައި ކުރަން ޖެހޭ ކަންކަން ކުރުން ކަމަށެވެ.

"އަހަރެން ބުނިން މިއީ މިހާރު އޮތް ހާލަތޭ. ސާފުކޮށް ކިޔައިދިނިން. އަހަރެން އެ ކަންކަމާ ނެގެޓިވް ވެއްޖެއްޔާ އަހަރެންގެ ކުޅުންތެރިންވެސް ނެގެޓިވްވާނެ. އެހެންވީމަ ސާފު މެސެޖެއް އަބަދުވެސް ދިނީ،" ނައުޝާދު ބުންޏެވެ.

ތަފާތު އިހުސާސެއް ގެނެސްދިން ކާމިޔާބީއެއް: އިންޑިއާގެ ސިސްޓަމް މުހިއްމު ރޯލެއް ކުޅޭ

އިންޑިއާގެ ފުރަތަމަ ގޯލަށްފަހު ސުހައިލް އުފާފާޅުކުރަނީ --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

މިފަހަރު ޕާކިސްތާނާ ދެކޮޅަށް ކުޅުނު ސާފް ޗެމްޕިއަންޝިޕް ފައިނަލަކީ އިންޑިއާއިން ސާފްގައި ޖެހިޖެހިގެން ކުޅުނު 10 ވަނަ ފައިނަލެވެ. ޖުމުލަ 13 ފައިނަލް ކުޅެ، 10 ތަށި ހޯދި އިރު، ނައުޝާދަކީ ކޯޗެއްގެ ގޮތުގައި އަދި ކުޅުންތެރިއެއްގެ ގޮތުގައި އެ ޝަރަފު ހޯދި ދެވަނަ މީހާއެވެ. ކުރިން އެކަން ކުރީވެސް އިންޑިއާ ސާވިއޯ މަޑެއިރާއެވެ.

"މިއީ ތަފާތު އިހުސާސެއް. މެޗަށްފަހު އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނު. އަހަރެން ހުރީ ހުއްޓުން އަރާފައި. އަހަރެން ހުރީ ވަރަށް ޖަޒުބާތުގައި. މިއީ ވަރަށް ހާއްސަ ކާމިޔާބީއެއް. ކުޅުންތެރިއެއްގެ ގޮތުގައި ކުރެވުނު ތަޖުރިބާއާ އަޅާބަލާއިރު ކޯޗެއްގެ ގޮތުގައި އެ ކުރެވުނު ތަޖުރިބާ މުޅިން ތަފާތު. މި ކާމިޔާބީން ތަފާތު އިހުސާސް ކުރެވުނީ ގައުމީ ޓީމެއް ގޮވައިގެން އެކުގައި އެ މަސައްކަތް ކޮށްދެވުމުން،" ނައުޝާދު އުފަލާއެކު ފާހަގަކުރިއެވެ.

ކޯޗު ނައުޝާދުގެ ނަޒަރުގައި އިންޑިއާގެ ސިއްރަކީ ވަކިވަކި ކުޅުންތެރިންގެ ހުނަރަށް ބަރޯސާ ނުވެ، އެ ކުޅޭ ސްޓައިލެއްގައި ޓީމެއްގެ ގޮތުގައި ކުޅުމެވެ. އެކަން އެހެން ޒުވާން ކުޅުންތެރިންނާއެކުވެސް ފަސޭހައިން ވަނީ ސިސްޓަމެއް އޮތުމުން ކަމަށްވެސް ނައުޝާދު ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އިންޑިއާގެ ލީގުތައް ކުރިއަށްދާ ގޮތަކީ މުހިއްމު ރޯލެއް ކުޅޭ އެއްޗެއް. ޔޫތު ލީގާއެކު ޒުވާން ކުޅުންތެރިންނަށްވެސް ގިނަ މެޗުތަކެއް ލިބޭ. އަހަރެން މި ގެންގުޅޭ 23 އަހަރުން ދަށުގެ ޓީމުންވެސް އަބަދުވެސް ފެންނާނެ ވަރަށް ގިނަ ހުނަރުވެރި ކުޅުންތެރިން. އެ ކުޅުންތެރިންނާއެކު ޓީމެއް ބިނާކުރަން ފަށަންވެސް ޖެހިފައި މިވަނީ. އެކަން ކުރުން މުހިއްމު،" ނައުޝާދު ފާހަގަކުރިއެވެ.

ސާފްގެ ގައުމުތަކަށް ދޭނެ މެސެޖަކީ ޒުވާން ކުޅުންތެރިންނަށް ފަރުވާކުޑަ ނުކުރާށޭ

އިންޑިއާގެ ކޯޗު ނައުޝާދު މޫސާ މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަނީ --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

ނައުޝާދަކީ 2008 ވަނަ އަހަރުން ފެށިގެން ކޯޗިންގައި މަސައްކަތް ކުރާ ފަރާތެކެވެ. މުމްބާއީގެ ޔޫތު ޓީމުގެ އިތުރުން ޕޫނޭގެ ޔޫތު ޓީމުގައިވެސް މަސައްކަތް ކުރި އިރު، ބެންގަލޫރު އެފްސީއާއި ނޯތު އީސްޓް ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗުކަން ކޮށްފައިވެއެވެ. އަދި މިދިޔަ އަހަރުން ފެށިގެން އޭނާ ދަނީ އިންޑިއާގެ 23 އަހަރުން ދަށު ޓީމާއެކު މަސައްކަތް ކުރަމުންނެވެ.

ނައުޝާދުގެ ނަޒަރުގައި ސާފްގެ ގައުމުތަކުން ޒުވާން ހުނަރު ހޯދަން ވިސްނަން ޖެހެއެވެ. އަދި ކުރިއަށްދާން ބަލާއިރު އޭޝިއާގައި ކާމިޔާބު ހޯދާފައިވާ ގައުމުތަކުން ކަންކޮށްފައި އޮތީ އެހެން ކަމަށްވެސް އޭނާ ބުންޏެވެ.

"އަހަންނަކަށް ނޭނގެ ރާއްޖެއާއި އެހެން ގައުމުތަކުގައި މިކަން ހިނގާ ގޮތެއް. އެކަމަކު އަހަރެމެންނަށް، ސާފް ގައުމުތަކަށް އެންމެ މުހިއްމު ކަމަކީ ޒުވާން ކުޅުންތެރިންނާއެކު ކުރާ މަސައްކަތް. އެ ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ދޭން ޖެހޭ. އެއީ ހަމައެކަނި ޓީމެއް ބިނާކުރެވޭނެ ގޮތަކީ. އޭޝިއާގެ ވަރުގަދަ ޓީމުތައް ކަމަށްވާ އޮސްޓްރޭލިއާ، ކޮރެއާ ޖަޕާން ފަދަ ގައުމުތަކުން ކަންކޮށްފައި އޮތީވެސް އެހެން،" ނައުޝާދު ބުންޏެވެ.

ނައުޝާދު ވަނީ އިންޑިއާއާއި ސާފްގެ ހުރިހާ ގައުމަކަށްވެސް ޗެލެންޖްތައް ނަގަން އިރުޝާދު ދީފައެވެ. އޭނާ ބުނީ ހުރިހާ ގައުމަކުންވެސް މަސައްކަތް ކުރާނީ ވޯލްޑް ކަޕަށް ދާން ކަމަށްވީ އިރު، އެއީ ކައިރީގައި އޮތް ކަމެއް ނޫން ނަމަވެސް އެކަމަށް ބައެއް ކަންކަން ބަދަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވީހާވެސް ވަރުގަދަ ޓީމުތަކަކާ މެޗުތައް ކުޅެ، ފުޓުބޯޅައިގެ ސަގާފަތެއް އަށަގަންނުވަން ގައުމުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ނައުޝާދު ފާހަގަކުރިއެވެ.