ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗަށް ނުކުތްއިރުވެސް އިންޑިއާއަކީ އުނދަގޫވާނެ ޓީމެއްކަން އެނގޭ ކަމަށާއި، މިވަގުތު އިންޑިއާއަކީ ފުޓުބޯޅައިގައި ޕާކިސްތާނަށްވުރެ ކުރީގައި އޮތް ގައުމެއް ކަމަށް ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނެފިއެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ޑާކާގެ ނެޝަނަލް ސްޓޭޑިއަމްގައި އިންޑިއާއިން ޕާކިސްތާން ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ޕާކިސްތާންގެ ތާރީހުގައިވެސް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އިންޑިއާއިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލުގައި ކުޅުނު އިރު، މިއީ އެޓީމުން ޖެހިޖެހިގެން މުބާރާތް ކާމިޔާބުކުރިވެސް ތިންވަނަ ފަހަރެވެ.
މިފަހަރުގެ މުބާރާތަށް އިންޑިއާއިން ގެންދިޔައީވެސް ޒުވާން، ދެވަނަ ދަރަޖައެއްގެ ޓީމެކެވެ. ޕާކިސްތާނުން ޑައަސްޕޯރާ ގިނަ ކުޅުންތެރިންތަކަކާއެކު ފުޓުބޯޅައިގެ ކުރިމަގަށް މަސައްކަތް ކުރަމުންދާ އިރު، އެގައުމުގައި އަދިވެސް ލީގެއް ނެތެވެ. އެހެން ނަމަވެސް ޕާކިސްތާނުން ދަނީ އަންނަ އަހަރު ލީގެއް އަލުން ރަސްމީކޮށް ފަށަން ތައްޔާރުވަމުންނެވެ. ސޮލާނޯ ފައިނަލަށްފަހު ބުނީ އިންޑިއާގެ އެންމެ ބޮޑު ތަފާތަކީ ލީގެއްގެ ތަފާތު ކަމަށެވެ.
"އިންޑިއާގައި އެބަތިބި މޮޅެތި، ޓެކްނިކަލީ ރަނގަޅު ވަރަށް ގިނަ ކުޅުންތެރިންތަކެއް. އެގައުމުގައި އަދިވެސް ވަރުގަދަ ލީގެއް އެބައޮތް. އަހަރެމެން ގަބޫލުކުރަން ޖެހޭ އިންޑިއާ އޮތީ ފުޓުބޯޅައިގައި އަހަރެމެންނަށްވުރެ ކުރީގައި. ޕާކިސްތާނުގެ ފުޓުބޯޅައާއި އިންޑިއާ ފުޓުބޯޅައާ އަޅާ ކިޔަންޏާ، އިންޑިއާގައި ވަރުގަދަ ލީގެއް ހިނގަމުންދާތާ މިހާރު މިވަނީ 10 އެއް ނޫނީ 15 އަހަރުވެފައި. އެހެންވީމަ އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް،" ކުރިން ޕްރިމިއާ ލީގުގައިވެސް ކުޅުނު ސޮލާނޯ ފައިނަލް މެޗަށްފަހު ބުންޏެވެ.
ސޮލާނޯ ބުނީ ފައިނަލް މެޗުގެ ފުރަތަމަ ހާފުގެ ބޮޑު ބައެއްގައި ރަނގަޅަށް މެޗު ކޮންޓްރޯލް ކޮށްގެން ކުޅެވުނު ކަމަށާއި، ދެވަނަ ހާފުގައި ހާލަތު ބަދަލުވީ ރަތް ކާޑުގެ ސަބަބުން ކަމަށެވެ. މެޗުގެ 55 ވަނަ މިނެޓުގައި ޕާކިސްތާން ކުޅުންތެރިޔާ ޖުނައިދު ޝާހް ކުރި ފައުލަކަށް ރަތް ކާޑު ދެއްކީ ވީއޭއާރް ބެލުމަށްފަހުއެވެ.
ސޮލާނޯ ބުނީ އެއީ ގޯސް ނޫނީ ރަނގަޅު ނިންމުމެއްކަން އެހެން ބުނަން ނޭނގޭ ކަމަށާއި، އެނގޭ އެއްޗަކީ އެއީ މެޗުގެ އޮއިވަރު އެއްކޮށް ބަދަލުވި ނިންމުމެއް ކަމަށެވެ. މެޗަށްފަހު ދެޓީމުގެ ފަރާތުންވެސް އިހުތިރާމުގެ މަންޒަރު ފެނިގެން ގޮސްފައިވާ އިރު، ސޮލާނޯ ބުނީ އެއީ ފުޓުބޯޅައިގެ ހިތްގައިމު ކަން ކަމަށެވެ. އަދި ޕާކިސްތާނުގެ ކުރިމަގާމެދު ވާހަކަ ދައްކަމުން ސޮލާނޯ ބުނީ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި، އަމާޒު ހިފާފައިވަނީ ޕާކިސްތާނުން އޭއެފްސީ ކަޕް ނޫނީ ވޯލްޑް ކަޕާ ހަމައަށްވެސް ދާން ކަމަށެވެ.
ކޮމެންޓް