ދާދިފަހުން ސާފް ޗެމްޕިއަންޝިޕް 2026 ހޯސްޓް ކުރި ބަންގްލަދޭޝްއިން ޕްރައިމް މިނިސްޓަރު ގޯލްޑް ކަޕްގެ ނަމުގައި ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއް ބާއްވަން މަސައްކަތް ކުރާ ކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ސްޓޭޓް މިނިސްޓަރު އެމްޑީ އަމީނުލް ހައްގު އިއުލާނު ކުރައްވައިފިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވި އަމީނުލް އެމެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޔޫރަޕްގެ ބައެއް ގައުމުތަކާއި ސާފް ސަރަހައްދުގެ ގައުމުތަކަށްވެސް ދައުވަތު ދީގެން ޕްރައިމް މިނިސްޓަރު ގޯލްޑް ކަޕް ބާއްވަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

މި ސަރަހައްދުން ބޭރުންވެސް އޭޝިއާގެ ބައެއް ގައުމުތަކަށް ދައުވަތު ދޭން ބަންގްލަދޭޝްއިން މަސައްކަތް ކުރާ ކަމަށް އަމީނުލް އިއުލާނުކުރައްވާފައިވާ އިރު، މުބާރާތުގައި ވާދަކުރާނީ އަށް ޓީމު ކަމަށް ނޫސްތައް ބުނެއެވެ.

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ތަށްޓަށް މަސައްކަތް ކުރި ބަންގްލަދޭޝްއިން އެންމެފަހުން ސަރަހައްދީ ޗެމްޕިއަންކަން ހޯދީ 2003 ވަނަ އަހަރުއެވެ. އެ އިންތިޒާރަށް ނިމުން ގެންނަން ކުރި މަސައްކަތުގައި ސެމީ ފައިނަލާ ހަމައިން ކެޓީ ޕާކިސްތާން ކައިރިން 1-0 އިން ބަލިވެގެންނެވެ. މިފަހަރު މުބާރާތުން ބަންގްލަދޭޝް ފުޓުބޯޅައަށް ސަޕޯޓަރުން ދޭ ސަމާލުކަން ފެނިފައިވާ އިރު، އިތުރު ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ސަޕޯޓަރުންގެ އެ ފޯރި ދެމެހެއްޓުން ކަމަށް ނޫސްތައް ފާހަގަކުރެއެވެ.

ބަންގްލަދޭޝްގެ ނޫސްތަކުން ބުނެފައި ވަނީ އެގައުމުގެ ދައުވަތު ދޭނެ ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނުން ގާތް ކަމަށެވެ.