ޏ. ފުވައްމުލައް ދޫނޑިގަމް/ އާސްމާންގޭ އަބްދުﷲ ޝުހާދަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލި މައްސަލައިގައި އެރަށު ކަރަންކާއާގޭ/ ހަސަން ފަރީދު މަރަން ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުުން ދެންމެ ހުކުމް ކޮށްފިއެވެ.
ޖެނުއަރީ 27، 2010 ގެ ރޭ 9:30 ހާއިރު، ފަރީދު އިތުރު ބަޔަކާއެކު ފުވައްމުލަކު ދޫނޑިގަން ބޮޑުފަންނު މަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެ ސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާ ދިމާލު ކަނާތު އަރިކައްޓަށް ފަރީދު ވަޅިން އެއްފަހަރު ހަމަލާދީފައިވާކަން ދައުލަތުން މީގެ ކުރިން ކުރިމިނަލް ކޯޓުގައި އިއްވި ދައުވާގައި ވަނީ ބުނެފައެވެ.
ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ ފަރީދުގެ މައްޗަށް ގަސްދުގައި މިހާކު މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއިދުކޮށްފައެވެ.
ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި ބުނެފައި ވަނީ، ހެކީންގެ ބަޔާންތަކަށް ބަލައި އިރު، ޝުހާދުގެ ގަޔަށް ފަރީދު ވަޅި ހެރި މަންޒަރު ފެނުނު ކަމަށް ހަތް މީހަކު ހެކިބަސްދެމުން ބުނެފައިވާކަން އެނގޭ ކަމަށެވެ. ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓާއި އޭނާގެ މަރު ސާބިތުކުރި ލިޔުމާ މެދު ފަރީދު ސުވާލު އުފައްދާފައި ނުވާ ކަމަށްވެސް ބުންޏެވެ.
ހާދިސާ ހިނގި ތަނަށް ފަރީދު ދިޔަ ގޮތާއި ވަޅި ހެރީ ކޮން އަތަކުންކަން ބައެއް ހެކީންނަށް ބުނެދެވިފައި ނެތް ނަމަވެސް ތަހުގީގަށް ދިން ބަޔާނުގައި ތަފުސީލުކޮށް ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައި ވާނެ ކަމަށް އެމީހުން ބުނެފައިވުމަކީ، ޝުހާދު ގަޔަށް ފަރީދު ވަޅި ހެރިތަން ދުށް ކަމަށް އެމީހުން ބުނާ ބުނުން ނަފީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
އެ މައްސަލައިގައި ފަރީދު ބުނެފައިވަނީ، އޭނާއާ ދެކޮޅަށް ހެކިބަސްދީފައިވާ މީހުންގެ ތެރޭގައި މާރާމާރީގައި އަނިޔާ ލިބުނު މީހަކާއި މަރުވި ޝުހާދުގެ ތިމާގެ މީހަކުވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ދެ މީހުންގެ ހެކިބަހުގައި އަދުލުވެރިކަން ގެއްލިފައިވާ ކަމަށް ފަރީދު ބުނެފައިވެއެވެ.
ނަމަވެސް ހައިކޯޓުގެ ހުކުމްގައި ވަނީ އޭނާއަށް މަރުގެ ހުކުމް އިއްވީ ހަމައެކަނި އެ ދެ މީހުންގެ ހެކިބަހަށް ރިއާޔަތްކޮށްގެން ނޫން ކަމަށާއި ޖުމުލަ ހަތް މީހަކު އޭނާއާ ދެކޮޅަށް ހެކިބަސްދީފައިވާ އިރު، އެ ހެކިބަހާ ގުޅޭ ގަރީނާތައް ވެސް ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ.
މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓާއި ހައިކޯޓުން ވެސް ހުކުމް ކުރީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް ފަރީދުގެ މައްޗަށް ސާބިތުވެފައިވާތީ، އޭނާ މެރުމަށެވެ. ނަމަވެސް ފަރީދުގެ ފަރާތުން ހައިކޯޓުގެ ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަމުން ފަރީދު ބުނެފައިވަނީ ޝުހާދަށް ހަމަލާދިނީ އޭނާ ކަމަށް ބުނާ މީހުންނަކީ އަންހެން ކުއްޖަކާ ހެދި އޭނާގެ ކޮއްކޮއާ ޖެހުނު މައްސަލައެއްގައި ހަމަނުޖެހުމެއް ހިންގި ބައެއް ކަމަށެވެ. އަދި އެމީހުންނަކީ މަރުވި ޝުހާދުގެ އެކުވެރިންތަކެއް ކަމަށާއި އެމީހުން ކޮއްކޮގެ މޫނަށް ކުޅުޖެހި ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެ މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅޭގޮތުން ގޭ ކައިރީ ކުދިންނާ މަޝްވަރާ ކުރަމުން ދަނިކޮށް ޝުހާދަށް ހަމަލާދިނުމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރި ކަމަށާއި ހައްޔަރު ކުރީ ވެސް ގޭގައި ހުއްޓައި ކަމަށް ފަރީދު ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ މި މައްސަލަ ބެއްލެވި، ފަސް ފަޑިޔާރުންގެ ބެންޗުގެ ރިޔާސަތުން މައްސަލައިގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު، އަބްދުލްގަނީ މުހައްމަދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުުކުރި ހުރިހާ ހެކިވެރިންނާ، ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު ފަރީދަށް ޝަރީއަތުން ދީފައިވާ ކަމަށެވެ. އަދި އެ ހެކިވެރިންނާ ވަކިވަކިން ފަރީދު ސުވާލު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ ސުވާލުތަކަށް ބަލާއިރު ފަރީދުގެ އެންމެ ބޮޑު އަމާޒަކަށްވެފައިވަނީ އެ ހާދިސާ ހިނގިތަނަށް އޭނާ ދިޔަ ސައިކަލްގެ ކުލަޔާއި އެ ސައިކަލްގެ ބްރޭންޑާއި އެ ސއިކަލުގެ ރަޖިސްޓްރީ ނަމްބަރު ހެކިވެރިންނަށް އެނގޭތޯ ބެލުން ކަމަށާއި، ފަރީދުގެ ދިފާއަކީ އޭނާ އެ ހާދިސާ ހިނގި ތަނަށް ގޮސްފައިނުވާ ކަމުގެ ދިފާއު ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެތަނަށް އޭނާ ދިޔަ ސައިކަލްގެ ކުލަ އާއި ބްރޭންޑާއި ނަމްބަރު ހެކިވެރިިންގެ ކިބައިން އޮޅުންފިލުވުމުގެ ބޭނުމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާާޅުވިއެވެ.
މީގެ އިތުރުން ދއުލަތުން ހުށަހެޅި ހެކިންނަކީ އެ މާރާމާރީގައި އެކިވަރަށް ބައިވެރިވެފައިވާ މީހުން ކަމުގައިވާތީ، ފަރީދާ މެދު ހަސަދަ އާއި ނަފްރަތު އޮންނާނެކަމަށް ފަރީދު ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެ މާރާމާރީގައި ފަރީދު ބައިވެރިނުވާނަަމަ އެ މާރާމާރީގައި އަނެއްކޮޅުން ބައިވެރިވި މީހުން، އޭނާގެ މައްޗަށް ހަސަދަ އާއި ނަފްރަތު އޮންނަންޖެހޭ އިތުރު ސަބަބަކީ ކޮބައިކަމަށް އުފެދޭ ސުވާލުގެ ޖަވާބު ފަރީދުގެ ކިބައިން ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ފަރީދަކީ ކަނާތުން އެއްވެސްކަމެއް ނުކުރެވޭ ވާތްތެރިއެއް ކަމަށާއި ހެކިވެރިން ބުނެފައިވާ ގޮތަށް އޭނާގެ ކަނާތުގައި އޮތް ވަޅިއެއް މީހެއްގެ ކަނާތު އަރިކައްޓަށް ޖެހުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށް ފަރީދު ބުނެފައިވުމުން، އެއީ އޭނާއަށް ކުރެވުނު ތަޖުރިބާއެއް ކަމަށް ދޭހަވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށާއި، އެކަން ވެސް ރަނގަލަށް ސާފުވާގޮތަށް ކިޔައިދީފައިނުވާ ކަމަށް ވިދާޅުވިއެވެ.
އުއްތަަމަ ފަނޑީޔާރު ވިދާޅުވީ، މި ހާދިސާގައި ގާތްގާތުގައި ތިބި ތިން މީހުންގެ ގަޔަށް ހަސަން ފަރީދު ވަކިވަކިން ވަޅިން ހަމަލާދީފައިވާ ކަަމަށް ހުރިހާ ހެކިވެރިން ހެކިބަސް ދީފައިވާ ކަމަށެެވެ. އަދި މި ހާދިސާގައި މަރުވި، ޝުހާދުގެ ކަނާތު އަރިކައްޓަށް ފަރީދު ވަޅިން ހަމަލާ ދިނުމުގެ އިތުރަށް އަނެއް ދެމީހުންނަށްވެސް ހަމަލާދިނީ ފަރީދުގެ ކަނާތުގައި އޮތް ވަޅިން ކަމަށް ހުރިހާ ހެކިވެރިން ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ފަރީދުގެ ދިފާއަކަށްވީ އޭނާއަކީ ވާތްތެރިއެއް ކަމަށް ވާއިރު އޭނާގެ ކަނާތުން ޝުހާދުގެ ކަނާތު އަރިކައްޓަށް ވަޅި ޖެހުމަކީ އުނދަގޫ ކަމެއްކަމަށް ބަޔާންކުރުން ކަމަށާއި، އަނެއް ދެމީހުންނަށް އޭނާގެ ކަނާތުގައި އޮތް ވަޅިން ހަމަލާދީފައިވާކަމަށް ހެކިވެރިން ބުނެފައިވާ ބުނުމާ މެދު އެއްވެސް ވަރަކަށް ވާހަކަދައްކާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި ހަސަން ފަރީދާ ދެކޮޅަށް ބަޔާންދީފައިވަނީ ކެޔޮ ފީނިގޭ މީހުން ކަމަށާއި، އެ މީހުންނަކީ ފަރީދާ މެދު ޒާތީގޮތެއް އޮންނަ ބައެއް ކަމަށާއި، ފަރީދަށް ބޮނޑިއެއްދޭން އުޅޭކަން ފާހަގަކުރާކަމަށް ފަރީދު ބުނެފައިވާ އިރު، އެކަމުގެ ތަފްސީލެއް ޝަރީއަތުގެ މަޖިލީހުގައި ބަޔާންކޮށްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ފަރީދު އެހެން ބުނުމާ ގުޅިގެން އިތުރަށް ޝަރީއަތުން ބެލިއިރު މައްސަލައިގައި ހެކިބަސްދިިން މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ކެޔޮފީނިގެއަށް ނިސްބަތްނުވާ މީހުން ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، އެ މައްްސަލައިގައި ހުރިހާ އެންމެންގެ ހެކިބަހުން އެއްވެސް ހިލާފެއްނެތި އިއްތިފާގުވާ ކަންތައްތަކެއް ހުރި ކަމަށެވެ.
އޭގެ ތެރޭގައި 27 ޖެނުއަރީ 2010 ދުވަހުގެ 20:30 ހާއިރު އެ ހާދިސާ ހިނގި ހަތަރު އަނގޮޅިއަށް އިތުރު ބަޔަކާއެކު ފަރީދު ދިޔަ ކަމަށެވެ. އަދި އިތުރު ތިން މީހުންނާއެކު ދެ ސައިކަލެއްގައި އެތަނަަށްދިޔައިރު، ފަރީދު އިނީ އެއް ސައިކަލްގެ ފަހަތުގައި ކަމަށާއި، އެ ސައިކަލް ދުއްވަން އިނީ އަބްދުﷲ ޒާހިރު ކަމަށްވެސް ވިދާާޅުވިއެވެ. އަދި ސައިކަލް ގޮސް މަޑުކުރުމުން ފަރީދު ފުންމައިގެން ގޮސް އެންމެ ފުރަތަމަ ވަޅިން ހަމަލާދިނީ ރަޒީނު ގަޔަށް ކަމަށާއި، އޭގެފަހުން ޝުހާދުގެ ގަޔަށް ކަމަށާއި ތިން ވަނައަށް ހާމްގެ ގަޔަށްކަމަށް ހެކިބަސްދިން ތިން މީހުން އެއްވެސް ހިލާފެއްނެތި ހެކިބަސްދީފައިވާ ކަމަަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި ޝަރީއަތަށް ހާޒިރުވި ހުރިހާ ހެކިންވެސް ޝުހާދުގެ ގަޔަށް ފަރީދު ވަޅިން ހަމަލާދިންތަން ފެނިފައިވާކަމަށް ސާފުބަހުން ހެކިބަސް ދީފައިވާ ކަމަށާއި، އެއީ ހަ އިންޗި ހުންނަ ވަރުގެ ވަޅިއަކުން ކަމަށްވެސް ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށް ފަނޑިޔާރު ވިދާޅުވިއެވެ.
ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން، ޝުހާދުގެ ކަނާތު އަރިކައްޓަށް ވަޅިއެއް ހަރާލީ ފަރީދުކަން އެނގޭ ކަމަށެވެ. އެހެންކަމުން ހައްގަކާ ނުލައި ގަސްތުގައި މީހަކު މަރައިލުމުގެ ކުށް ހެކިންގެ ހެކިބަހުން ފަރީދުގެ މައްޗަށް ސާބިތުވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝުހާދު މަރުވި ސަބަބަކީ ފަރީދު އޭނާއަށް ހަމަލާދިނުމުގެ ސަބަބުން ތޫނުއެއްޗެއް ފުންކޮށް އޭނާގެ މޭގެ ކަނާތްފަރާތައް ހެރި ޒަހަމްވުމުގެ ސަބަބުން މޭގެ މަސްގަނޑު ފޫއަޅުވައި ކަނާތު ފުއްޕާމެއާ ޑައިފްރޮމްއަށް އަނިޔާވުމުންކަން ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓުން ސާފުކޮށް އެނގެން އޮންނާތީ ޝުހާދު މަރުވެފައިވަނީ ފަރީދުގެ ރަހުމް ކުޑަ އުދުވާނީ އަދި ލާއިންސާނީ އަމަލުގެ ނަތީޖާއިންކަން ހެކިންގެ ހެކިބަހަށާއި މެޑިކަލް ރިޕޯޓުން އެނގެން އޮންނާތީ، ހައްގަކާ ނުލައި މީހަކު މަރާލުމުގެ ކުށް ފަރީދުގެ މައްޗަށް ސާބިތުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެެހެންކަމުން ގަސްތުގައި މީހަކު މަރައިލުމުގެ ކުށް ފަރީދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ މެރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމެއްކަމަށް ހައިކޯޓުން ކަޑައަޅާފައިވަނީ ރަނގަޅަށްކަމަށް މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރެއްވިއެވެ.
އިބްރާހިމް ޒަކީ