ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ސެސް ފެބްރިގާސްގެ ކޯމޯއިން މެންޗެސްޓާ ޔުނައިޓެޑް ކައިރިން މޮޅުވި އިރު، ބަޔާން މިއުނިކާއި އާސެނަލްގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.
ރޭ ކޯމޯއިން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ކޯމޯއިން މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ވާދަކުރަމުންދާ އިރު، މިހާތަނަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓާއެކު އެޓީމު އޮތީ ނުވަ ވަނައިގައެވެ. ޔުނައިޓެޑަށް ތިން މެޗުން ހޯދުނީ އެންމެ މޮޅެކެވެ. އެޓީމު އޮތީ 21 ވަނައިގައެވެ.
މިދިޔަ އަހަރު ފައިނަލުގައި ވާދަކުރި އާސެނަލުން ރަށުން ބޭރުގައި ބަޔާނާ 2-2 އިން އެއްވަރުކުރި އިރު، އެ މެޗަކީ އާސެނަލަށް ޕޮއިންޓް ގެއްލުނު ފުރަތަމަ މެޗެވެ. ބަޔާނުން ޖެހިޖެހިގެން ދެމެޗުން އެއްވަރުވެފައިވާ އިރު، އާސެނަލް އޮތީ ހަތް ވަނައިގައެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ބަޔާން އޮތީ 14 ވަނައިގައެވެ. އެއީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ.
މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައިވާ ރެއާލުން ރޭ ކުޅުނު މެޗުގައި އާރްބީ ލެއިޕްޒިގް ކައިރިން މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. ރެއާލް އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ.
ރޭ ޔުނައިޓެޑުން ކުޅުނު މެޗުގެ ދެވަނަ މިނެޓުގައި ނިކޯ ޕާޒް ވަނީ ކޯމޯއަށް ލީޑު ނަގައިދީފައެވެ. އެ ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނު އިރު، މައިކަލް ކެރިކްގެ ޓީމަށް އުނދަގޫތަކާ ކުރިމަތިވީ ދެވަނަ ހާފުގެ ފުރަތަމަ ކޮޅުގައި އެނަސްޓަސިއޯސިސް ޑޫވީކަސް ޖެހި، ކޯމޯގެ ދެވަނަ ގޯލާއެކުގައެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ މެޗުގައި ވިދާލި އާޖެންޓީނާގެ ޒުވާން ތަރި ޕާޒްއެވެ.
އޭގެ އިރުކޮޅެއްފަހުން ޕާޒްގެ ދެވަނަ ގޯލެއް ފެނުނު އިރު، ކޯމޯގެ ހަތަރު ވަނަ ގޯލް ޖެހީ ޖަކޯބޯ ރަމޯންއެވެ. ޔުނައިޓެޑްގެ ހަމައެކަނި ގޯލް ފެނުނީ ނިމެން ދަނިކޮށް ޖޯޝުއާ ޒިރްކްޒީގެ ފަރާތުންނެވެ.
ބަޔާންއާއި އާސެނަލުން ވާދަވެރި ކުޅުމެއް ދެއްކި މެޗުގައި ފުރަތަމަ ލީޑު ނެގީ އާސެނަލުންނެވެ. އެއީ އެބެރެޗީ އެޒޭ ޖަހައިދިން ގޯލެއްގައެވެ. ހާފު ނިމުމުގެ ކުރިން އަލްފޮންސޯ ޑޭވީސް ބަޔާނަށް އެއްވަރުކޮށްދިން އިރު، ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ ބަޔާނަށް ލީޑުވެސް ނަގައިދީފައެވެ.
އެ ގޯލާއެކު އާސެނަލް ބަލިކުރަން ދަނިކޮށް، އާސެނަލަށް އެއްވަރުކޮށްދިނީ ޑެކްލަން ރައިސް ޖެހި ގޯލަކުންނެވެ.
ޖޯސޭ މޮރީނިއޯއާއެކު ކުޅެމުންދާ ރެއާލުން ޗެމްޕިއަންސް ލީގު ދެމެހެއްޓުމަށް ރޭ ކުޅުނު މެޗުގައި ލެއިޕްޒިގް ކޮޅަށް އެޓީމުގެ ގޯލްތައް ޖަހައިދިނީ ބަނާޑޯ ސިލްވާއާއި އާދާ ގުލާގެ އިތުރުން ކިލިއަން އެމްބާޕޭއާއި ޔާން ޑިއޮމާންޑޭއެވެ. ލެއިޕްޒިގްގެ ހަމައެކަނި ގޯލް ޖެހީ ޓިޑިއަމް ގޮމީސްއެވެ.
ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، އިންޓަ މިލާނުން ވަނީ ރަތް ކާޑަކާއެކު ޝަކްތާ ޑޮނެސްކް ބަލިކޮށްފައެވެ. އެލެސާންޑްރޯ ބަސްޓޯނީއަށް ދެވަނަ ހާފުގައި ރަތެއް ދައްކާފައި އޮއްވައި އިންޓައަށް ގޯލް ޖަހައިދިނީ ކާލޮސް އޮގަސްޓޯއެވެ. އެސްޓަން ވިލާއިން ވައިކިން ކައިރިން 3-1 އިން މޮޅުވި އިރު، ގަލަޓަސަރާއީން ވަނީ ލިލް ކައިރިން 4-2 އިން މޮޅުވެފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ކޮމެންޓް