ސަލާމަތީ ގޮތުން ދިމާވެދާނެ ކުއްލި ނުރައްކަލުގެ ކާރިސާއަކަށް އެއާޕޯޓް ތައްޔާރުވެފައިވާ މިންވަރާއި އެފަދަ ހާލަތެއްގައި އަވަސް ފިޔަވަޅު އެޅުމުގެ ގާބިލުކަން ހުރިމިންވަރު ދަނެގަތުމަށްޓަކައި ބޭއްވި އެއާޕޯޓު ސެކިއުރިޓީ އިމަޖެންސީ ހަރަކާތެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ކާމިޔާބީއާއެކު ފުރިހަމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އާއި އެމްއޭސީއެލް ގުޅިގެން ވީއައިއޭގެ ނޫވިލު ސީޕްލޭން ޓާމިނަލުގައި އިއްޔެ ހިންގި މި ހަރަކާތުގައި، އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކާއި ރިސޯޓު ލައުންޖްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ އެކު ޖުމްލަ 123 ވޮލަންޓިއަރުން ބައިވެރިވިއެވެ.
މީގެ އިތުރުން، ފުލުހުންގެ މުއައްސަސާ އާއި އެއާލައިންތަކާއި ދައުލަތުގެ ކަމާބެހޭ އެހެން މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓާގެ އިތުރުން ބޭރުގެ އެމްބަސީތަކުގެ ބޭފުޅުން ވަނީ މި ހަރަކާތް ކުރިއަށްދިޔަ ގޮތް ބަލައި މޮނިޓަރކުރުމުގައި ހަރަކާތްތެރިވެފައެވެ.
އެމްއޭސީއެލުން މިއަދު ބުނީ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުގައި މިހާރު އަމަލުކުރެވެމުންދާ ސެކިއުރިޓީ ކޮންޓިންޖެންސީ ޕްލޭނާއި އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ހެދިފައިވާ އެސްއޯޕީތަކުގެ ހަރުދަނާކަން ވަޒަންކުރުން ކަމަށެވެ. އަދި ކަމާގުޅުންހުރި އެކި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ދިމާވެދާނެ ކޮންމެ ސަލާމަތީ ނުރައްކަލަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ މިންވަރު ކަށަވަރު ކުރުން ވެސް ހިމެނޭ ކަމަށެވެ.
މި ހަރަކާތް ނިންމާލުމަށްފަހު، ހަރަކާތް ދިޔަގޮތް ވަޒަންކުރުމުގެ ގޮތުން ބާއްވާ "ހޮޓްވޮޝް" ބައްދަލުވުން ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ވަނީ ބާއްވައިފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ވީއައިއޭގައި ކުއްލި ނުރައްކަލުގެ ހާލަތްތައް މެނޭޖުކުރުމުގެ ގާބިލުކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކާމިޔާބުވި ކަންކަން ފާހަގަކޮށް، އިތުރަށް އިސްލާހުކޮށް ހަރުދަނާކުރަން ޖެހޭ ކަންކަން ދެނެގަތުން ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
ދަތުރުވެރިންނާއި މުވައްޒަފުން އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދިނުމަށްޓަކައި، ވައިގެ ބަނދަރުގެ ސަލާމަތީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ބެހެއްޓުމުގައި އެކުންފުނިން ދެމި އޮންނާނެ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
ކޮމެންޓް