ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހިމް އަހުމަދު ނިޔާވި ކަމަށް ކަނޑައަޅައި ކަށުނަމާދު ބާއްވަން ނިންމައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް މިމަހުގެ ފަސްވަނަ ދުވަހުގެ ރޭގައެވެ.

ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތްކުރެވުނު ނަމަވެސް، ދޯނީގެ ކެޕްޓަން ތ. މަޑިފުށީ، މުހައްމަދު ހަމްދޫން (35އ) އާއި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33އ) އަދި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަހުމަދު (39އ) ވަނީ ގެއްލިފައެވެ. އެމީހުން ހޯދުމަށް މުޅި ހުވަދޫ ކަނޑު ބެލި ނަމަވެސް، އެމީހުން ފެނިފައެއް ނުވެއެވެ.

ކަށުނަމާދު ޕޭޖުން މިއަދު ކުރި ޕޯސްޓުގައިވާ ގޮތުން އިބްރާހިމް އަހުމަދުގެ މައްޗަށް ޣައިބުގައި ކުރާ ކަށުނަމާދު އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދަށްފަހު ސަލްމާން މިސްކިތުގައި އޮންނާނެއެވެ. އޭނާ ނިޔާވި ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮގަސްޓް މަހުގެ 5 އެވެ.

ގެއްލޭ މީހުންގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައެޅުމުންނެވެ.

ހުވަދޫ ކަނޑަށް ގެއްލުނު ތިން މީހުން ހޯދުމަށް އެމްއެންޑީއެފުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައި، ހުވަދޫ ކަނޑާއި ލ. އަތޮޅުގެ އެ ބިތުގެ ފަރުތަކާއި ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައްވެސް ބަލައިފައެވެ. އެ އޮޕަރޭޝަންގައި ގެއްލިފައިވާ މީހުން ހޯދުމަށްޓަކައި މޯލްޑިވިއަން އެއާ ކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ-2 ޑްރޯންސްގެ އިތުރުން އޮސްޓްރޭލިޔާއިން ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ވެސް ބޭނުންކުރިއެވެ.

އޭގެ އިތުރުން ދިވެހި ސަރުކާރުގެ އެދުމާއެކު އެ މަސައްކަތުގައި އެމެރިކާ ސަރުކާރުން ވެސް އެހީތެރިކަން ފޯރުކޮށްދިނެވެ. އެގޮތުން އެމެރިކާ ނޭވީގެ ޕީ-8 މަތިންދާބޯޓެއް ފޮނުވައިގެން ހުވަދޫ ކަނޑުގެ މަތިން ބޮޑު ސަރަހައްދެއް ވަނީ ބަލައިފައެވެ.