މިދިޔަ މަހު އެކަނި ވެސް 15 ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ހުޅަހަޅާފައިވާ ކަމަށް އާއިލާއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު 12 އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހަޅާފައިވާ އިރު، ތިން ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކެއް ވެސް ހުށަހަޅާފައިވެއެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކޮށްގެން 29 މައްސަލައެއް ހުށަހެޅި އިރު، އޭގެ ތެރޭގައި 15 ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލަ ހިމެނެއެވެ. އަދި ނަފްސާނީ އަނިޔާގެ 8 މައްސަލައެއް މިދިޔަ މަހު ވަނީ މިނިސްޓްރީއަށް ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން ބްލެކްމެއިލް ކުރި އެއް މައްސަލަ އަދި ބުލީގެ 5 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

މިދިޔަ މަހު ބޮޑެތި މީހުންނާ ގުޅޭ ރޭޕްގެ އެއް މައްސަލަ އަދި އަނބިމީހާ ރޭޕް ކުރި އެއް މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ 41 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ޖިންސީ ގޯނާ ކުރި 2 މައްސަލަ އަދި ޖިންސީ ފުރައްސާރައިގެ އެއް މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. އަދި ބްލެކްމެއިލްގެ އެއް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.