ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ ކުއްޖާގެ ކަރާމަތަށް ގެއްލުންވާނެ އެއްވެސް މައުލޫމާތު ދައުރު ނުކުރަން ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށެވެ.
ނަމަވެސް، އެ ހަމަތަކާ ހިލާފަށް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެކުދިންގެ ޒާތީ މައުލޫމާތު މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުޑަކުދިންނާއި ގުޅުންހުރި މައުލޫމާތު އާންމު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.
"ކުޑަކުދިންގެ ތެރެއިން ކުށުގެ ތުހުމަތެއް ކުރެވިފައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެނޫން ވެސް ސަބަބަކަށްޓަކައި އަޅައިލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިން ހާއްސަކޮށް، އެކުދިންގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމަތެއް ނުވަތަ އެކުދިންގެ ތަސްވީރެއް އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވަނީ އެކުންދިންގެ މަސްލަހަތު ރައްކާތެރިކޮށްދިނުމުގެ ބޭނުމުގައިކަން ދަންނަވަން،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެއްވެސް ނުފޫޒެއް ފޯރުވުމުގެ މަގުސަދުގައި ނުވަތަ އެނޫންވެސް ބޭނުމެއްގައި މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެހެން މައުލޫމާތު އާންމު ކުރުމަކީ ކުޑަކުއްޖެއްގެ ހައްގަށް އަރައިގަތުން ކަމަށެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަކީ މުޅި މުޖުތަމައުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއަކަށްވާތީ އެފަދަ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
ހުޅުމާލޭގައި ޝާހިދު ދިރިއުޅުއްވާ އެޕާޓްމަންޓުން މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ ހައްޔަކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާ 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ވަނީ މާލޭގައި ޝާހިދު ދިރިއުޅުއްވާ ހ. ރަބީއީމަންޒިލްއަށް ވަދެ ބަލައި ފާސްކޮށްފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވަނީ ހައްޔަރުކުރުމުގެ ކުރިން އެކްސްގައި ޕޯސްޓެއް ވެސް ކުރައްވައިފައެވެ. އެ ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމަށާއި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
ކޮމެންޓް