ކުޑަކުދިންނަށް އިހުމާލުވުމާއި އަންހެނުންނަށް ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތައް މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ފެމިލީ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފެމިލީ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީން 228 މައްސަލައެއް ބަލައިފައިވެއެވެ.

އޭގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށްވާ އިރު، އެފަދަ ބާވީސް މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އެއީ އަންހެން ކުދިންނާ ގުޅުންހުރި 16 މައްސަލައާއި ފިރިހެން ކުދިންނާ ގުޅުންހުރި ހަ މައްސަލައެވެ.

މިދިޔަ މަހު ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން އަންހެން ކުދިންނާ ގުޅުންހުރި 14 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅުންހުރި ތިން މައްސަލައެއް ހުށަހަޅައިފައިވެއެވެ. އަދި ކުޑަކުދިންނަށް ގެވެށި އަނިޔާ ކުރުމުގެ 14 މައްސަލައާއި ޖިސްމާނީ އަނިޔާގެ ހަތް މައްސަލައެއްވެސް ހުށަހަޅައިފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކުޑަކުދިންނާ ގުޅުންހުރި އެހެނިހެން 12 މައްސަލައެއް ހުށަހަޅައިފައިވާއިރު، އޭގެ ތެރޭގައި ގެއިން ފިލައިގެން ދިޔުމުގެ ދެ މައްސަލައާއި ސްކޫލަށް ދާން ދެކޮޅު ހެދުމުގެ ހަތަރު މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީން ބަލައިފައިވާ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި 54 މައްސަލައެއް ހިމެނެއެވެ. އޭގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތައް ކަމަށްވާއިރު، އަންހެނުންނަށް ޖިސްމާނީ އަނިޔާ ކުރުމުގެ 27 މައްސަލައަކާއި ފިރިހެނުންނަށް އަނިޔާކުރުމުގެ ފަސް މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

ދެވަނަ އަށް އެންމެ ގިނައީ އަނގަބަހުން ނުވަތަ ނަފުސާނީ ގޮތުން ކުރާ އަނިޔާ ކަމަށްވާއިރު، އެފަދަ 22 މައްސަލައެއް މިނިސްޓްރީން ބަލައިފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ދެ ކުއްޖަކު ފޯސްޓާ ކުރުމަށް ހަވާލުކޮށް، ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެއް، އަލުން އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.